އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް އެންމެ ބޮޑުވެގެން 10،000 ރުފިޔާއަށް ދެވޭގޮތަށް ބޮޑުކުރަން ނިންމައިފިއެވެ.
އެނިންމުން ނިންމާފައިވަނީ މިއަދު ރައީސް އިބްރާހިމް ސޯލިހް، ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ކެބިނެޓް މިނިސްޓަރުންނާއެކު ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.
އެ އުސޫލަށް ބަދަލުގެންނަން ޖެހުނީ، 2016 ވަނަ އަހަރު އެކަނިވެރި މަންމައިންނާއި ބަފައިންނަށް ދޭ އެލަވަންސްގެ އުސޫލަށް ބަދަލުގެނައުމުން ވަރަށް ގިނަ ބަޔަކު އެ އެހީން މަހުރޫމްވުމުން ކަަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ބަދަލު ގެންނަން ނިންމި ކަންތައްތަކުގެ ގެ ތެރޭގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި މިހާރު ބޭނުންކުރާ މިނިމަމް ޔުނިޓަކީ، "ގޭބިސީ" (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ އާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމުން ހިމެނެއެވެ.
މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ. ނަމަވެސް މިއަދު ގެނައި ބަދަލުގައި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާއަށް އިތުރުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން މިހާރުގެ ހާލަތަށް ބައްލަވައި "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީއިން ކަމުގައި ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުން ދިޔަނަމަވެސް އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސްވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.