އައްޑޫގައި ފެންބޮޑުވެ ގެއްލުންވި ގެތަކަށް މާރިޔާ ޒިޔާރަތްކުރައްވައިފި

އައްޑޫއަށް ކުރި ވިއްސާރައިގައި ގެއްލުންވި ގެތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޒިޔާރަތް ކުރައްވަނީ ---

އައްޑޫ ސިޓީއަށް މިދިޔަ ދެތިން ދުވަހު ކުރި ވިއްސާރައިގައި ފެންބޮޑުވެ ގެއްލުން ލިބިފައިވާ ގެތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޒިޔާރަތް ކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު މާރިޔާ ވަނީ އައްޑުއަށް ވަޑައިގެންފައެވެ. އޭނާ ވަނީ ފެންބޮޑުވެ ގެއްލުންވި ގެތަކަށް ޒިޔާރަތްކުރައްވައި ހާލު ބައްލަވައިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އެމްއެންޑީއެފްގެ ބައެއް އިސްވެރިން ވެސް މިހާރު ތިއްބެވީ މާރިޔާގެ އަރިހުގައި އައްޑޫއަށް ވަޑައިގެންނެވެ.

ވިއްސާރައިގައި ގެއްލުންވި ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން މިއަދު މާރިޔާ ވަނީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގުއާވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އައްޑޫއަށް ކުރި ވިއްސާރައިގައި ގެއްލުންވި ގެތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޒިޔާރަތް ކުރައްވަނީ ---

މޭޔަރު ސޯދިގު (ސޯބެ) ރޭ "ސަން"އަށް ވިދާޅުވީ އައްޑުއަށް ކުރަމުންދާ ވިއްސާރައަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ނުކުރާ ވަރުގެ ވިއްސާރައެއް ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރަ ސޯބެ ސިފަކުރެއްވީ ތޫފާނެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ، ސްޓޯމް ވޯޓާ ޑްރެއިނޭޓް ސިސްޓަމްތައް ބޭނުންކޮށްގެން ފެންބޮޑުވުން ހައްލުކުރެވޭނެކަމަށެވެ.

އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި 140އަށް ވުރެ ގިނަ ގެއަކަށް ފެންވަދެގެން ފުލުހުންނާއި ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް