އިބްތިހާލް މައްސަލަ: ދިފާއީ ހެއްކެއްގެ ގޮތުގައި އާފިޔާ ހުށަހެޅީ ފިރިމީހާ

އާފިޔާ މުހައްމަދު މަނިކު، މުހައްމަދު އިބްތިހާލާ އެކު --

ދެ ހާސް ފަނަރަ ވަނަ އަހަރު އަނިޔާވެރިގޮތަށް މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި ދައުވާ ކުރާ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކު ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ފިރިމީހާގެ ނަން ކްރިމިނަލް ކޯޓުގައި ހުށަހަޅައިފިއެވެ.

އާފިޔާގެ މައްޗަށް ކުރަނީ ދެ ދައުވާއެކެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި އަމުރަށް ނުކިޔަމްތެރިވުމުގެ ދައުވާއެވެ. އެ ދެ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ. އެ ދެ މައްސަލަވެސް ބައްލަވަނީ ގާޒީ މުހައްމަދު ސަމީރު އެވެ.

މީގެ ކުރިން އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފައެވެ. އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފައެވެ.

އެކަމަކު އެފަހުން މި އަހަރުގެ އޮކްޓޯބަރު އަށް ވަނަ ދުވަހު މަރުގެ މައްސަލައިގައި ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފައެވެ. އޭނާ ބުނީ ކުރިން އިއުތިރާފުވީ ޖަލު އޮފިސަރުން އޭނާއަށް ވަޅިން ބިރު ދެއްކުމުން ކަމަށެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި އާފިޔާ މިއަދުގެ އަޑުއެހުމެއް ހާޒިރުވީ ވަކީލަކާ ނުލައެވެ. ވަކީލަކާ ނުލާ ކުރިއަށްދާން ބޭނުންވާ ކަމަށް އާފިޔާ ބުނުމުން، ދައުލަތުން ސުވާލު ކުރީ ވަކީލެއްގެ ހައްގު ދޫކޮށްލަނީ މަޖުބޫރު ކަމެއް އޮވެގެންތޯ އެވެ. އަދި އެ ހައްގު ދޫކޮށްލުމުގެ ނަތީޖާ އެނގޭތޯއެވެ. ބޮލުގެ އިޝާރާތަކުން އާފިޔާ އާނއެކޭ ބުންޏެވެ.

އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއަށް އިންކާރުކުރަންތޯ ސުވާލު ކުރުމުން އާފިޔާ ބުނީ އިންކާރު ނުކުރާ ކަމަށެވެ. އެކަމަކު، އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށެވެ. އާފިޔާގެ ވާހަކަތަށް ބަލާފައި ގާޒީ ނިންމެވީ ދައުވާގައި ބުނާ ކަންކަމަށް އާފިޔާ އިންކާރު ކުރާ ކަމަށެވެ. އެހެންކަމުން، އިންކާރެއްގެ ގޮތުގައި ބަލައިގަނެ ކުރިއަށް ގެންދަން ގާޒީ ނިންމެވި އެވެ.

އާފިޔާ ދައުވާއަށް އިންކާރު ކުރީ ކަމަށް ބަލައި ހެކި ހުށަހަޅަން ގާޒީ ފުރުސަތު ދެއްވި އެވެ. އެ ފުރުސަތުގައި އާފިޔާ ހުށަހެޅީ އޭނާގެ ފިރިމީހާ އިބްރާހިމް ޝަފީގުގެ ނަމެވެ. އާފިޔާ ބުނި ގޮތުގައި އޭނާގެ ނަން ހުށަހެޅީ އިބްތިހާލުގެ ވާހަކަ ދެއްކުމަށް ކަމަށެވެ.

އެއަށް ފަހު ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ. ދައުލަތުން ހުށަހެޅީ ނުވަ ހެއްކެކެވެ.

ގަސްދުގައި މީހަކު މެރުމުގެ ދައުވާވެސް ދެން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާ އެކުއެވެ. އެ މައްސަލައިގައި މިހާތަނަށް ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނަގާފައިވެއެވެ.

ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާގައި މީގެ ކުރިން ވަނީ އާފިޔާ ފެނިދެނިވެ ވާހަކަ ދައްކައި އުޅޭ ވ. ރަކީދޫ ސާމިލާ މުހައްމަދުގެ ހެކިބަސް ނަގައިފައެވެ. އެ އަޑުއެހުމުގައި ހެކިބަސް ދެމުން ސާމިލާ ބުނީ، އާފިޔާ އިބްތިހާލްގެ އަތުގައި ހިފައިގެން ދަމާފައި ގެއަށް ގެންދަމުން "މިއަދު ހަމަ ތެޅި ތެޅީނުން މަރާލާނެމޭ އޭރުން މީހުން ކިޔާނެ އެއްޗެއް ނޯންނާނެއޭ" ބުނި އަޑާއި މަންޒަރު ފެނިފައިވާ ކަމަށެވެ. އިބްތިހާލްގެ ކަންފަތްކައިރިން ލޭ އައިސް ކުރިމަތި ފަރާތް ދުޅަވެފައި ހުރުމުން އެކަމާ ގުޅިގެން ވެސް އާފިޔާއާ ސުވާލު ކުރި ކަމަށް ސާމިލާ ފާހަގަކުރިއެވެ. އަދި ކުރިމަތި ފަރާތް ދުޅަވެފައިވަނީ ކުޅެ އުޅެނިކޮށް ތަނެއްގައި ޖެހިގެން ކަމަށާއި ޔޫރިން އިންފެކްޝަން ހެދިފައި ހުރި ކަމަށް އާފިޔާ ބުނެފައިވާކަން ސާމިލާ ފާހަގަކުރިއެވެ.

comment ކޮމެންޓް