އަމިއްލަ ޖަމިއްޔާތައް އުވާލަން ތާއީދެއް ނުކުރަން: އެމްޑީޕީ

އެމްޑީޕީ އިން ބޭއްވި ހަރަކާތެއްގެ ތެރެއިން: އަމިއްލަ ޖަމިއްޔާތައް އުވާލަން ތާއީދު ނުކުރާ ކަމަށް އެޕާޓީން ބުނޭ --- ސަންފޮޓޯ/ ފަޔާޒު މޫސާ

އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި، އެފަދަ ތަންތަން އުވާލުމަށް ތާއީދު ނުކުރާމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން މިހެން ބުނެފައިވާއިރު، އިސްލާމް ދީނާ ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމަނައި ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލައި، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ރިޕޯޓުގެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ، އެ މައްސަލަ ބަލައި ނިމެންދެން އެ ޖައްމިޔާ ވަގުތީ ގޮތުން ސަސްޕެންޑްކުރުމަށް ނިންމާފައެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ކުށްވެރިކޮށް އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އަދި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ތަހުގީގުކޮށް ގާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ.،" ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ، އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަށް ހިންގާ ކަންކަން އެޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ޕާޓީން އަބަދުވެސް ގަބޫލުކުރަނީ، ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަމަށެވެ.

"ހަމަ އެއާއެކު، މިޕާޓީން ޤާބޫލުކުރާ އެންމެ މުހިއްމު އެއް އުސޫލަކީ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަމެވެ." ބާޔާނުގައި ބުނެފައިވެ އެވެ.

ކޮންމެ މީހަކާމެދުވެސް ގާނޫނުގައިވާ ގޮތަށް އަމަލު ކުރެވެން ޖެހޭނެ ކަމަށާއި ގާނޫނާއި އިޖުރާއަތުތަކުގެ ބޭރުން ކަންކަން ކުރުމަކީ އެމްޑީޕީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ގާނޫނާ ހިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާއި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދުވެސް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމްޑީޕީއިން ބުންޏެވެ.

"ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ވާހަކައަކީ އެއްވެސް މުޖްތަމައެއްގައި ހުއްދަ ކަމެއް ނޫން. އެފަދަ ކަންކަމުން ގައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއް ނޯންނާނެ.،" ބަޔާނުގައި ބުންޏެވެ.

މުޖުތަމައުގައި ނަފުރަތު އުފެދޭ ވާހަކަތައް ދެއްކުމަކީ ގައުމުގެ ހަމަ ޖެހުން ގެއްލި އަމަންއަމާން ކަމަށް ގެއްލުންވާނެ ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ އެ ޕާޓީން ހިތާމަ ކުރާ ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ހިންގުން ހުއްޓުވާން ޖެހެއެވެ. ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، މީސްމީޑިޔާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ މިޕާޓީ ބަލައިގަންނާނެ ކަންކަމެއްނޫނެވެ. އެފަދަ ހައްދުފަހަނައަޅާފައިވާ ހަރުކަށި އަމަލުތަކަކީ މިޕާޓީ އަބަދުވެސް ކުށްވެރިކުރާ އަމަލުތަކެކެވެ."

comment ކޮމެންޓް