ޔާމީން ރަޝީދުގެ މަރު: ޖިސްމާނީ އަނިޔާ ކުރާތީ ހެކިބަސްދޭން ދެކޮޅު ހަދަނީ

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި ---

ތޫނު އެއްޗަކުން ހަމަލާދީ ރަހުމްކުޑަ ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު މަރުގެ މައްސަލައިގައި ހެކިވެރިންނަށް "ޖިސްމާނީ އަނިޔާ" ކުރާތީ ހެކިވެރިން ހެކި ބަސް ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށް ދައުލަތުގެ ފަރާތުން މިއަދު ޝަރީއަތުގެ މަޖިލީހުގެ ބުނެފިއެވެ.

ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައި ވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ޝަފައީ އަށް ސިއްރު ހެކިވެރިން ހިމެނެއެވެ. އަދި ކިތާބީ ހެކީގެ ތެރޭގައި 16 ސިއްރު ލިޔުމަކާއި ހަތް އިންޓެލިޖެންސް ރިޕޯޓު، ހަތް ވީޑިއޯ އެނަލިސިސް ރިޕޯޓު، ސީން އޮފް ކްރައިމް ރިޕޯޓު، ސައިބާ ކްރައިމް ރިޕޯޓު އަދި ތަހުގީގު ބަޔާންވެސް ހުށަހަޅާފައިވެއެވެ. މިހާތަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ހަތް ހެކިވެރިންނާއެވެ.

އެ މައްސަލައިގައި ދައުވާލިބޭ ބައެއް މިހުން ޔާމީން ރަޝީދުގެ ގެ ކައިރީގައި ތިބިކަން ސާބިތުކޮށްދިނުމުގެ ގޮތުން ދައުލަތުން ސިއްރު ދެ ހެކިވެރިޔަކު މިއަދު ހާޒިރުކުރަން ހަމަ ޖެއްސިއެވެ. ނަމަވެސް މިިއަދު ހެކިދިނުމަށް ހާޒިރުވީ އެންމެ ހެކުވެރިޔެކެވެ.

ދައުލަތުގެ ވަކީލް މިއަދު ވިދާޅުވީ، ދެ ހެކިންގެ ހެކި ބަސް ނެގުމަށް ހަމަޖެއްސި ނަމަވެސް އެއް ހެކިވެރިޔަކު ހެކި ބަސް ދިނުމަށް އުޒުވެރިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީީ، ހެކީންނަށް "ޖިސްމާނީ އަނިޔާ" ދީފައިވާ ކަމަށެވެ. އެހެންކަމުން، ހެކިވެރިން ހެކި ދިނުމަށް ބިރުގެންފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، އަނިޔާކޮށް ބިރުދައްކާ ކަމުގެ ތުހުމަތަކީ ސީރިޔަސް ތުހުމަތެއް ކަމަށާއި އެ ތުހުމަތު ރައްދު ވަނީ ދައުވާ ލިބޭ އެންމެނަށް ކަމަށެވެ. އެހެންކަމުން އެކަން ތަހުގީގު ކުރުމަށް ކޯޓުން އަމުރެއް ނެރެން ޖެހޭ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ، އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ދައުލަތުން ކޯޓަށް އަންގާފައިވާ ކަމަށެވެ.

މައުމޫން ހަމީދު ދެއްކެވި ވާހަކަތަކައް ތާއީދުކޮށް، ދައުވާ ލިބޭ ޒިހާންގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ، މައްސަލައިގައި ތުހުމަތުވާ އެންމެންވެސް ތިބީ ބަންދުގައި ކަމަށެވެ. އަދި ގިނަ ހެކީންގެ ހެކިބަސް ނަގަނީ ސިއްރުން ކަމަށާއި އެ ސިއްރު ހެކިވެރިންގެ މައުލޫމާތު ދައުވާ ލިބޭ މީހުންނަށް އެނގެނީ ކޮން ގޮތަކުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ހަސީން ވިދާޅުވީ، ސިއްރު ހެކިން އެނގޭނީ ހަމައެކަނި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ކޯޓަށް ކަމަށެވެ. އެެހެންކަމުން އެކަން ބަލަން ޖެހޭ ކަމަށް ހަސީން ވިދާޅުވިއެވެ.

ސިއްރު ހެކިވެރިޔާ 3: މާ ބޮޑު ކަމެއް ހަދާނެއް ނެތް!

މިއަދު ހާޒިރުކޮށްފައިވަނީ ސިއްރު ހެކިވެރިޔާ ތިނެކެވެ. ދައުލަތުން ފުރަތަަވެސް އޭނާއާ ސުވާލު ކުރީ، މި މައްސަލައާ ގުޅުގެން އެނގެނީ ކޮން ކަމެއްތޯ އެވެ. އަދި މަރާ ގުޅިގެން އޭނާއަށް އެނގޭ އެއްޗެއް ހިއްސާ ކުރުމަށް ދައުލަތުގެ ވަކީލު އެދިވަޑައިގަތެވެ.

ޖަވާބުގައި ސިއްރު ހެކިވެރިޔާ ތިނެއް ބުނީ، މާބޮޑު އެއްޗެއް ހަދާނެއް ނެތް ކަމަށެވެ.

އެއާއެކު އަނެއްކާވެސް ތަކުރާރުކޮށް ދައުލަތުން އޭނާއާ ސުވާލު ކުރީ، މިކަމާ ގުޅިގެން އެއްވެސް ވަރަކަށް އެއްވެސް ކަމެއް ހަދާން އެބަހުރިތޯ އެވެ. ޖަވާބުގައި ސިއްރު ހެކިވެރިޔާ ތިނެއް ބުނީ، "މިހާތަނަށް މާގިނަ ދުވަސް ވުމުން މާ ބޮޑު އެއްޗެއް ހަދާނެ ނެތް ކަމަށެވެ.

ތަކުރާރުކޮށް އެއް ސުވާލުތަކެއް ދައުލަތުން ކުރާތީވެ، ދިފާއީ ވަކީލުން ބުނީ، އެގޮތަށް ސުވާލު ނުކުރެވޭނެ ކަމަށެވެ. އޭނާ އެއްވެސް ކަަމެއް ހަދާން ނެތް އިރު، އަނެއްކާވެސް ތަކުރާރުކޮށް ސުވާލު ނުކުރެވޭނެ ކަމަށް ދިފާއުން ބުންޏެވެ.

ގާޒީ އަލީ ރަޝީދު އަނެއްކާވެސް ވަކީލަށް ސުވާލު ކުރުމަށް ފުރުސަތު ދިނެެވެ.

ދެން ދައުލަތުން ސުވާލު ކުރީ، ފުލުހުންނަށް ހެކިވެރިޔާ ތިނެއް ދިން ބަޔާނާ ގުޅޭ ގޮތުންނެވެ. ހެކިވެރިޔާ ތިނެއް ބުނީ، ފުލުހުންށް ދިން ބަޔާނަކީ ތެދު ބަޔާނެއް ކަމަށެވެ. ތަހުގީގަށް ދިން ބަޔާނާ ގުޅޭ ގޮތުން ދައުލަތުން އޭނާއާ އިތުރު ސުވާލުތައް ކުރިއެވެ.

ނަމަވެސް ދިފާއީ ވަކީލުން ވިދާޅުވީ ބަޔާނުގައި ހުރި ކަންކަން ހަދާންކޮށް، އެގޮތަށް ސުވާލު ނުކުރެވޭނެ ކަމަށެވެ. އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ދިފާއީ ވަކީލުން ފާހަގަކުރެއްވިއެވެ. އެއާއެކު ގާޒީ އަލީ ރަޝީދު ވެސް ދައުލަތަށް އެންގެވީ އެގޮތަށް ސުވާލު ނުކުރެވޭނެ ކަމަށެވެ.

ފަހުން އެ ހެކިވެރިޔާ ވަނީ އެރޭ އޭނާއަށް ފާހަގަކުރެ ވުނު ބައެއް ކަންތައްތައް ކިޔައިދީފައެވެ. ހެކިވެރިޔާ ބުނީ، ޔާމީން ރަޝީދު މަރާލި ރޭ، ކުރީގެ ރާޒީ ކްލިނިކް ގޯޅި ކަންމައްޗަށްވާގޮތަށް މަޑުކޮށްގެން އޭނާ ހުރި ކަަމަށެވެ. އިސްކަންދަރު މަގުން އޭނާ ވެހިކަލެއްގައި ދުއްވާފައި ގޮސް ގޯޅިއަކަށް އަޅަން ދިޔައިރު ސައިކަލެއް ކުރިމަތީގައި ހުރުމުން ކުރިއަށް ދެވޭ ގޮތް ނުވެގެން އޭނާ ވެހިކަލް ފަހަތަށް ޖައްސާފައިވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ފަހަތުގައި އެހެން މީހަކު ސައިކަލުގައި އިންހެން ހީވާ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ކުރިމަތިން ފަހުން ދެ މީހަކު އިން ސައިކަލެއް ބުރުޒު މަގުން ހުރަސް ކުރި ކަމަށް އޭނާ ބުންޏެވެ.

އެ ސަރަހައްދުން އެވަގުތު އާދަޔާ ޚިލާފް އަޑެއް އިވުނުތޯ ދައުލަތުން ސުވާލު ކުރުމުން އޭނާ ބުނިގޮތުގައި އަޑެއް އިވުނު ކަމަށާއި ނަމަވެސް އެއީ ކޮން އަޑެއް ކަން ސާފުނުވާ ކަމަށެވެ. އެވަގުތު އެ ސަރަހައްދުގެ މަގުމަތީގައި އަންހެނުންނާއި ފިރިހެނުން ވާހަކަ ދައްކާ އަޑުވެސް އޭރު އިވެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

ސިއްރު ހެކިވެރިޔާ ތިނަކާ އެއްވެސް ދިފާއީ ވަކީލަކު ސުވާލުކުރުމަށް ބޭނުން ނުވިއެވެ.

އިތުރު ދެ ސިއްރު ހެކިވެރިޔަކާއި ފުލުހެއްގެ ހެކި ނުނަގަން ނިންމި

މިއަދުގެ ނަގަން އޮތް ސިއްރު ހެކިވެރިޔާގެ ހެކިބަހަށްފަހު، ދައުލަތުން ބުނީ، ކުރިން ހުށަހަޅާފައިވާ އިތުރު ދެ ސިއްރު ހެކިވެރިންވެސް ހެކި ދިނުމަށް އުޒުވެރިވެފައިވާ ކަމަށެވެ. އެގޮތުން ގާޒީ އަލީ ރަޝީދު ނިންމެވީ، އެ ހެކިވެރިންގެ ހެކިބަސް ނުނަގާ މައްސަލަ ކުރިއަށް ދިޔުމަށެވެ.

ވަކީލް ދެން ވިދާޅުވީ، މި މައްސަލައިގައި ކްރައިމް ސީން ރިޕޯޓު ތައްޔާރު ކުރި ފުލުސް މީހާ ހުރީ ސިއްހީ ކަމެއްގައި ރާއްޖެއިން ބޭރުގައި ކަމަށެެވެ. އެހެންކަމުން އޭނާގެ ހެކިބަސް ނަގަން ބޭނުންނުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ފުލުހުން ހާޒިރުނުކުރެވުމުން ކްރައިމް ސީން ރިޕޯޓު ޝަރީއަތުގައި ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ގާނޫނުގައި ބުނާގޮތުން އެފަދަ ރިޕޯޓެއް ޝަރީއަތަށް ހުށަހަޅާނަމަ، އެ ރިޕޯޓު ތައްޔާރު ކުރި މީހަކުވެސް ޝަރީއަތައް ހާޒިރު ކުރަން ޖެހޭނެ ކަމަށެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

comment ކޮމެންޓް