ދައުރު ނިމެންދެން މަގާމުގައި ހުރެވިއްޖެނަމަ ބޮޑު ތަފާތެއް ދައްކާނަން: މަހުލޫފް

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުވެފައިވާ ފަސް އަހަރު ނިމެންދެން ކެބިނެޓުގެ މަގާމުގައި ހުރެވިއްޖެނަމަ ކުޅިވަރުގެ ރޮނގުގައި ބޮޑު ތަނުން ތަފާތު ދައްކާނެކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަޔަމެންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

"ސަން"ގެ "50 މިނިޓް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ސަރުކާރަަށް ނުވަ މަސް ދުވަސް ވީ އިރު ކުޅިވަރަށް މީގެ ކުރިން ދުވަހަކުވެސް ނުކުރާ ވަރުގެ ބޮޑެތި ކަންތައްތަކެއް ކޮށްދެވިއްޖެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ކުރިއަށް އޮތް ހަތަރު އަހަރު އަދި މި މަގާމުގައި ހުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ ބޮޑު ތަނުން ތަފާތު ދައްކާނެ ކަމަށެވެ.

އެގޮތުން މިހާތަނަށް ކުޅިވަރު އެސޯސިއޭޝަންތަކަށާއި ކުލަބު، ޖަމިއްޔާތަކުގެ އިތުރުން ރަށްރަށުގެ ކައުންސިލުން މިހާރު ވެސް އެކަންކަން ފުރިހަމައަށް ބަލައިގަންނަން ފަށައިފި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން މި މަގާމުގައި ފަސް އަހަރު ވަންދެން ހުރެވިއްޖެނަމަ މި ދާއިރާއަށް ބޮޑު ތަނުން ތަފާތު ދައްކާނަން. އެވަރަށް އަޅުގަނޑު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" މަހްލޫފް ވިދާޅުވިއެވެ.

"ސަރުކާރަށް ނުވަ މަސް، އަޅުގަނޑަށް ހަ މަސް"

ސަރުކާރުގެ ހިންގުމަށް ނުވަ މަސް ދުވަސް ވެގެން ދިޔައިރު މަހްލޫފަށް އެ މަގާމުގައި ހުރުމަށް ލިބުނީ ހަ މަސް ދުވަހެވެ. އެއީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ ބޭންކް އަކައުންޓުން އަމިއްލަ އެކަންޓަށް ފައިސާ ޖަމާވުމުގެ މައްސަލައިގައި އެކަން ތަހުގީގުކޮށް ނިމެންދެން ގޭގައި މަޑުކުރައްވަން ރައީސް އެންގެވުމުންނެވެ. އެއާއެކު ތިން މަސް ދުވަސް ވަންދެން ކުޅިވަރާ ބެހޭ ވުޒާރާއާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

"ސަރުކާރަށް މިހާރު ނުވަ މަސް ވީ އިރު އަޅުގަނޑަށް މި ލިބުނީ ހަ މަސް. އަޅުގަނޑު ސަސްޕެންޑުކޮށްފައި ހުރި ތިން މަސް ކަނޑާލާފައި އެެއީ. މިވީ ޕީރިއެޑުގައި އެކަނި ވެސް ހަމައެކަނި ކުޅިވަރަށް ބެލިކަމުގައި ވިޔަސް، ވަރަށް...ވަރަށް ބޮޑު ތަފާތެއް އައިސްފައި ހުރިކަން ކުޅިވަރު އެސޯސިއޭޝަންތަކަށާއި އެތުލީޓުންނަށް އިނގޭނެ،"

މަހްލޫފް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މިކަން ފުލް ސްޕީޑުގައި ކޮށް މުޅި ރާއްޖޭގެ ކުދި ބޮޑު ހުރިހާ ރަށަކަށް ވެސް ތަފާތު އިނގޭވަރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ފެސިލިޓީސް ބިނާ ކުރުމާއި އެތުލީޓުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

"ކުޅިވަރަކީ ކުޅިވަރެއް ނޫން"

ކުޅިވަރަކަށް ކުޅިވަރެއް ކަމަށް ދެކިގެން ނުވާނެ ކަމީ މަހްލޫފް އަބަދުވެސް ބުނަމުން އަންނަ ވާހަކަ އެކެވެ. އެގޮތަށް އޭނާ ވިދާޅުވަނީ ކުޅިވަރަށް ސަރުކާރުން ދޭ އިސްކަމެއްގެ ބޮޑު ކަމުންނާއި އެކަން ކުރުމަށް އެތުލީޓުން ކުރާ ބުރަ މަސައްކަތާއި ކުރާ ބޮޑެތި ހޭދަ ތަކެއްގެ ސަބަބުންނެވެ.

50 މިނިޓުގެ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ކުޅިވަރަކީ ކުޅޭކުޅޭ އެއްޗަކަށް ނުހަދާ އެއަށްވުރެން މާ ސީރިއަސް ކަމެއްގެ ގޮތުގައި ނަގައިގެން ނޫނީ އެކަން ކުރި ނޭރުވޭނެ ކަމަށެވެ.

އެގޮތުން ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގައި ބައިނަލް އަގުވާމީ މުބާރާތްތައް ބޭއްވުން ކަމަށާއި، މިއަހަރު އެކަނި ވެސް ރާއްޖޭގައި ތިން މުބާރާތެއް ކުރިއަށް ގެންދެވިއްޖެ ކަމަށެވެ. އަދި އެންމެ ބޮޑު އެހީތެރިކަމެއް ވާން ހަގީގަތުގައި ބޭނުންވަނީ ކުދި ކުދި އާބާދީތައް ހުންނަ ރަށްރަށަށް ކަން މަހްލޫފް ފާހަގަ ކުރެއްވިއެވެ.

"މިފަހުން ވެސް ރަކީދޫއަށް އަޅުގަނޑު ދިޔައިން. ގޮސް ރަކީދޫގަ ޕާކެއް އަޅައިދެން ބުނީމަ އެންމެން ވެސް އައިއްސަ ބުނަނީ ކީއްކުރަންހޭ އެހާ ކުޑަ ތަނެއްގައި ޕާކެއް ތިއަޅަނީ؟ އެކަމަކު އެ ރަށުގަ ތިން ކުދިން ތިއްބަސް އަޅުގަނޑު ބޭނުން އެ ތިން ކުދިން ޕާކަށް ދާން. އެހެން ނޫނި އެކުދިން ވާނެ ފޫހި އަޅުގަނޑު އެ ރަށްރަށް ކުރައްވާ ދަތުރު ތަކުން އިހުސާސްވޭ،"

މަހްލޫފް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވަނީ ސިޔާސީ ގޮތުން ވޯޓު ހޯދުމަށް މަސައްކަތް ކުރައްވާ އުސޫލުން ނޫން ކަމަށެވެ. ސަބަބަކީ ސިޔާސީ ގޮތުން މީހުން ވޯޓް ހޯދުމަށް މަސައްކަތް ކުރާ އިރު އިސްކަންދެނީ ބޮޑެތި އާބާދީތަކަށް ވާތީ އެވެ. ނަމަވެސް އެއްވެސް ބަޔަކު ބާކީ ކުރުމުގެ ސިޔާސަތެއް މި ސަރުކާރުން ނުގެންގުޅޭ ކަން ފާހަގަ ކުރައްވަމުން މަހްލޫފް ވިދާޅުވީ ކިތަންމަ ކުޑަ ރަށެއްގައި ވެސް އެ ރަށެއްގައި ކުޅިވަރު ކުޅޭނެ ޒުވާނުން ތިބި ނަމަ އެމީހުން ބޭނުންވާނެ ވަސީލަތްތައް ސަރުކާރުގެ ބަޖެޓުންނާއި އެހެނިހެން އެހީތަކާ އެކު ވެސް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް