ގޮންޒާލޭޒް އާއެކު ސިޓީގެ ޚަރަދުތައް މިފަހަރު 180 މިލިއަން ޕައުންޑަށް

ގޮންޒާލޭޒް އާއެކު ސިޓީގެ ހަރަދުތައް މިފަހަރު 180 މިލިއަން ޕައުންޑަށް

ލީގާ ޕޯޗުގަލްގެ އެފްސީ ޕޯޓޯއަށް ކުޅެމުންދާ ސްޕެއިންގެ ނީކޯ ގޮންޒާލޭޒް ހޯދުމާއެކު މިފަހަރުގެ ޖެނުއަރީ ޓްރާންފާ ވިންޑޯގައި އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ކުރި ވިޔަފާރީގެ އަދަދު 180 މިލިއަން ޕައުންޑަށް އަރައިފިއެވެ.

މިއީ ޖެނުއަރީ ޓްރާންފާ މާކެޓްގެ ތާރީހުގައި ކްލަބަކުން ކުރި ދެވަނައަށް އެންމެ ބޮޑު ހަރަދެވެ. އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ 2023ވަނަ އަހަރުގެ ޖެނުއަރީ މަހު 274 މިލިއަން ޕައުންޑާއެކު ޗެލްސީއެވެ. ގޮންޒާލޭޒް އަކީ މިފަހަރު ސިޓީން އެޓީމަށް ގެންދިޔަ ފަސްވަނަ ކުޅުންތެރިޔާއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ގޮންޒާލޭޒްވަނީ ސިޓީއާއެކު ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އުމުރުން 23 އަހަރުގެ ގޮންޒާލޭޒް އޭނާގެ ކެރިއާ ފަށާފައި ވަނީ ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއިންނެވެ. އަދި ޕޯޓޯއަށް ބަދަލުވެފައިވަނީ 2023ވަނަ އަހަރުއެވެ. ގޮންޒާލޭޒް ޕޯޓޯއަށް ކުޅުނު 68 މެޗުގައި އޭނާ ވަނީ ނުވަ ލަނޑު ޖަހައިދީ ނުވަ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި މިދިޔަ ސީޒަންގައި ޕޯޗުގީސް ކަޕް ކާމިޔާބު ކުރުމުގައި އޭނާ ވަނީ އެހީތެރިވެދީފައެވެ.

ސިޓީއަށް ސޮއި ކުރުމަށްފަހު ގޮންޒާލޭޒް ބުނީ މިއީގެ ކެރިއަރުގެ މިހާހިސާބުން އިތުރަށް ކުރިއަށް ދިއުމަށްޓަކައި ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އިންގްލަންޑްގެ ފުޓްބޯޅަ ތަޖުރިބާކޮށްލަން އޭނާ ބޭނުންވެފައިވި ކަމަށާއި އަދި އެކަން ކުރުމަށް ސިޓީއަށްވުރެ ވަކި ރަނގަޅު އިތުރު ޓީމެއް ނެތް ކަމަށް އޭނާ ބުނެފައި ވެއެވެ.

ސިޓީގެ ޓީމަށް ބަލާލި ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ކަމަށާއި މިފަދަ ސެޓް އަޕަކާއި ގުޅުމުގެ ފުރުސަތު ދުނިޔޭގެ އެއްވެސް ކުޅުންތެރިއެއް ދޫކޮށް ނުލާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ސިޓީއަށް މިހާރު ކުރިމަތިވެފައިވާ އަޑިގަނޑުން އަރައިގަތުމަށްޓަކައި އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އަންނަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބައެއް އާކުޅުންތެރިން އެޓީމަށް ގެންނަމުންނެވެ.

comment ކޮމެންޓް