ޖާންވީ، އޭނާގެ ބައްޕަގެ ފިލްމެއްގައި!

ބަތަލާ ޖާންވީ ކަޕޫރު---

މިދިޔަ އަހަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއެއްކޮށް ބޮލީވުޑަށް ތައާރަފްވި ޖާންވީ ކަޕޫރު އޭނާގެ ބައްޕަގެ ފިލްމެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެއެެ.

ދަޅަކްއިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ހަރަކާތްތެރިވާނީ އޭނާގެ ބައްޕަ ބޯނީ ކަޕޫރު ޕްރޮޑިއުސްކުރާ "ބޮމްބޭ ގާލް"އިންނެވެ. ފުރާވަރުގެ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

ބޮލީވުޑްގެ ކްރިޓީކް ތަރަން އާދަޝް ބުނީ އެ ފިލްމުގެ ލީޑު ރޯލުން ޖާންވީ ފެންނާނެކަން ކަށަވަރުވެފައިވާ ކަމަށާއި އެ ފިލްމު ޑައިރެކްޓްކުރާނީ ސަންޖޭ ތްރިޕާތީ ކަމަށެވެ.

ބޯނީ ބުނީ ދަރިފުޅާ އެކު މަސައްކަތްކުރުމުގެ ސަބަބުން ވަރަށް އުފާވާ ކަމަށާއި ފިލްމާ ދޭތެރޭ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އަދި މި ފިލްމުގައި ޖާންވީ ތަފާތު ދައްކާނެކަމަށްވެސް އޭނާ ބުންޏެވެ.

ޖާންވީ މިހާރު އަންނަނީ "ދޯސްތާނާ 2" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ. އޭނާ އެންމެ އަވަހަށް ދެން ސްކްރީނުން ފެނިގެންދާނެ ފިލްމަކީ ބައޮގްރަފިކަލް ޑްރާމާ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އިންނެވެ.

comment ކޮމެންޓް