އެމްޑީއެންގެ ރިޕޯޓުގެ މަގުސަދަކީ ދީނާމެދު ނަފުރަތު އުފެއްދުމެއް ނޫން: ނަޝީދު

ޝެއިޚް ހުސައިން ރަޝީދު އަހްމަދުގެ "ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ"ގެ ދިހަވަނަ ބައި ނެރެދެއްވުމަށް މިރޭ އިސްކަންދަރު ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން 2016 ވަނަ އަހަރު ނެރެފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމުގައި ގަބޫލުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ހުސައިން ރަޝީދު އަހްމަދުގެ "ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ"ގެ ދިހަވަނަ ބައި ނެރެދެއްވުމަށް މިރޭ އިސްކަންދަރު ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓު ވިދާޅުވި ކަމަށާއި، ނަމަވެސް ދީނާ މެދު ނަފްރަތު އުފެއްދުމުގެ ނިޔަތެއް ރިޕޯޓު ކިޔާލުމުން ފެނިފައިނުވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގައި ބޭނުންކޮށްފައި ހުރި ބަސްތައް ގޯސް ކަމަށާއި، ނަމަވެސް އެއީ އިނގިރޭސިބަހުން އެއްޗެއް ލިޔަން އުޅެނިކޮށް "ވެފައިހުރި ގޮތެއް" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިފަދަ ބޮޑެތި ކަންކަމަށް އަހުލުވެރިނުވެ، ބޮޑު ރިޕޯޓެއް ލިޔަން އުޅުމުގެ ސަބަބުން އެފަދަ ނަތީޖާއެއް ނުކުތުން އެކަށީގެންވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑެއް ނުދެކެން އެއީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އިސްލާމް ދީނަށް ނަފުރަތު ކުރުމަށް، ބަލިކަށި ކުރުމަށް އެދޭތީ ކަމަކަށް، އަޅުގަނޑުމެންގެ ކުދިން ވެސް އަދި އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓު ލިޔުނު މީހުންވެސް. އެއްވެސް ހާލެއްގައި އެބަސްތައް ބޭނުންކޮށްފައި އެވަނީ އެ މާނާގައި ކަމަކަށް، އެ ރިޕޯޓު ކިޔައިގެން އަޅުގަނޑަކަށް ނުފެނުނު. އިނގިރޭސިބަހުން އެއްޗެއް ލިޔާންވެގެން އުޅެނިކޮށް، ވެފާ ހުރި ގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފަ އަދި އެއަށްފަހު މިދަންނަވާހެން އެއާ ގުޅިގެން ރާއްޖޭގެ މާހައުލާ، ރާއްޖޭގެ އެކިއެކި އިލްމުވެރިން ނެރޭ ފޮތްތަކާ އަދި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އިސްލާމްދީނާ ގުޅޭގޮތުން ނެރޭ ފޮތްތަކާ މިބާވަތުގެ ކަންކަމަށް އަހުލުވެރި ނުވެ، މިބާވަތުގެ ބޮޑު މައްސަލައަކާ ގުޅިގެން ލިޔާން އުޅުނީމާ އެފަދަ ނަތީޖާއެއް ނުކުތުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވުން އެކަށީގެންވާ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ މިހާރު ފުލުހުން ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، އެ ރިޕޯޓާ ގުޅިގެން ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވަނީ ވައްދައިފައެވެ.

ޝެއިޚް ހުސައިން ރަޝީދު އަހްމަދުގެ "ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ"ގެ ދިހަވަނަ ބައި ނެރެދެއްވުމަށް މިރޭ އިސްކަންދަރު ސްކޫލުގައި އޮތް ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ހޫނު ބަހުސެއް ކުރިއަށް ގޮސްފައި ވާއިރު، ހުރިހާ މެމްބަރުން ވެސް ވަނީ އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ރަސޫލާ އާއި ދީނަށް އަދި ކީރިތި ޤުރްއާނަށް ފުރައްސާރަކޮށް ލިޔެފައިވާ ވާހަކަތައް ކުށްވެރިކޮށްފައެވެ. އަދި މައްސަލަ ބަލައި އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅު އަޅަން ވެސް ގިނަ މެމްބަރުން ވަނީ ގޮވާލައިފައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައާ ގުޅިގެން ނަޝީދު މިރޭ ވިދާޅުވީ ދީނީ ކަންކަމަކީ މަޖިލީހުގައި ބަހުސްކޮށްގެން ގޮތެއް ނިންމެއް އޮތް ކަންކަން ނޫންކަމަށެވެ. އަދި ދީނީ މިކަހަލަ މައްސަލަތައް ހައްލު ކުރުމުގައި މަޖިލީހުން ކުރަން އޮންނަ މަސައްކަތެއް ވެސް ނޫން ކަމަށެވެ.

ނަޝީދު މިރޭ ވަނީ އެމްޑީއެންގެ ރިޕޯޓުގައިވާ ބައެއް ވާހަތަކައް ދިފާއު ކުރައްވައިފައެވެ. އެގޮތުން އެ ރިޕޯޓުގައި ގިނަ އަދަދެއްގެ ދިވެހިން، ޖިހާދުގެ ނަމުގައި އެހެން ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާން ގޮސް މަރުވެފައިވާ ވާހަކަ ތަކުރާރު ކުރެއްވިއެވެ.

"ހަމަގައިމުވެސް އަޅުގަނޑުގެ ހަޔާތުގައި ދިވެހި ގައުމުގެ ދިފާއުގައި، އަދި މި ދިވެހިރާއްޖޭގައި މިވާ އިސްލާމްދީނުގެ ދިފާއުގައި ޝަހީދުވެފައި ވަނީ ނޮވެމްބަރު ތިނެއްގައި ޝަހީދުވި ބޭފުޅުން އެކަނި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ދިވެހި މުޖުތަމައުގައި މިހާރު މޫލާފާގައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި، ގޭންގު މާރާމާރީއާއި ގޮތް ނޭނގޭ މަރުތަކުގެ ވާހަކަ ވެސް ފާހަގަ ކުރެއްވިއެވެ.

"ކަންބޮޑުވެގެން މި އުޅޭ އެމްޑީއެންގެ ރިޕޯޓުގައި މިވަނީ މިދެންނެވި މައްސަލަތައް، އަދި މައްސަލަތަކުގެ ހައްލަކީ ކޮބައިތޯ ދެނެގަތުމަށް އެކުލަވާލެވުނު ރިޕޯޓެއް. އަޅުގަނޑުމެން އެންމެން ވެސް އެބަ އެއްބަސްވަން މައްސަލަތަކެއް އެބަހުރި ކަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބަޔަކު ޖިހާދުގެ ނަމުގައި ހަނގުރާއަށް ގޮސް މަރުވާނީ، އެންމެ ކުޑަ އިރުން ފެށިގެން ވެސް ވަރަށް ގިނަ ކަންކަން ދިމާވެ، ވަރަށް ގިނަ ސަބަބުތަކާ ހެދި ކަމަށެވެ.

"މިދެންނެވި އެމްޑީއެންގެ ރިޕޯޓުގައި އިޝާރާތް މިކުރަނީ މިދެންނެވި ބާވަތުގެ މުޖުތަމައުގައި ހުރި މައްސަލަތަކުގެ މައްޗަށް. އެ މައްސަލަތަކާ އަދި ހަނގުރާމައަށް ގެންދިއުމަށްޓަކައި އިސްލާމްދީން ބޭނުންކުރާ ގޮތުގެ ވާހަކަތަކަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެފަދަ ވާހަކަތައް ލިޔަން ވާނީ ވަރަށް ރަނގަޅަށް އެކަންކަން ދަންނަ މީހުން ކަމަށެވެ. އަދި މިއީ އާދައިގެ ދިރާސާއަކަށް ވުރެ ފުންކޮށް ދިރާސާކޮށް، ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި އިސްލާމީ އަގީދާ އާލާވިޔަނުދޭން މަސައްކަތް ކުރާ ބަޔަކު މި ސައްތައިން ސައްތަ މުސްލިމް ފަސްގަނޑުގައި އުޅޭ ކަމީވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.

"އެކަން އަޅުގަނޑުމެން އެންމެން ވެސް ބަލައިގަނެ، ގަބޫލުވެސް ކުރަން. އަދި އެއީވެސް ހައްދުފަހަނައެޅުމެއް ކަމަށް އަޅުގަނޑުމެން އެބަ ދެކެން، އެބަ ބަލައިގަންނަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހުރިހާ ދިވެހިންވެސް ބޭނުންވަނީ ހަމަޖެހިގެން، ރީތިކޮށް މި މުޖުތަމައުގެ ތެރޭގައި އުޅެން ކަމަށާއި، އެ ދިރިއުޅުމަށް މަގު ދައްކައިދެނީ އިސްލާމް ދީން ކަމަށެވެ.

އަދި އެމްޑީޕީގެ އެޖެންޑާ ނަވާރަ އާއި، އެމަނިކުފާނު ވިދާޅުވީ "ތާހިރު ދިރިއުޅުން" ވެސް ހާސިލް ކުރެވޭނީ އިސްލާމީ އަސާސްތަކުގައި ހިފައިގެން ކަމަށެވެ.

އެހެންކަމުން މައްސަލަ ހައްލުކޮށް ކުރިއަށްދާނެ ގޮތެއް ހޯދުމަށް އިސްލާމިކް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު އަދި އެމްޑީއެންގެ މެމްބަރުންނަށް މަޖިލީހަށް ވަޑައިގަންނަވަން ދައުވަތު ދީފައިވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ބޭނުން ދަންނަ ބޭކަލުންނާ ހުރިހާ ބޭފުޅުންވެސް އެކީގައި ތިއްބަވައިގެން، ކޮބައިތޯ މެދުމިނުގެ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެ، ރާއްޖޭގައި ހަމަޖެހުން ގެނެވޭނެ، ސާފުސާދާ ގޮތަކީ އެނގެން. އެގޮތަށް އަޅުގަނޑުމެން އަމަލުކުރަން ފެށުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަދު ދިވެހި ގައުމު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި ކަމަށާއި މިއީ ނާޒުކު ދަނޑިވަޅެއް ކަމަށެވެ. އަދި މިއަދު ގައުމު ސަލާމަތުގެ އައްސޭރިއަކަށް ދިއުމާއި، ގެއްލުމުގެ ތެރެއަށް ދިއުމުގެ ހަމަހަމަ ފުރުސަތު އޮތްކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް