ނުވާނެ ކަމަށް ރައްޔިތުން ބުނީ ކޮންކަމެއް؟ ސަރުކާރަށް ކޮށްދެވުނީ ކޮންކަމެއް؟

ރައީސް ވިދާޅުވާ ގޮތުން އެމަނިކުފާނުގެ އަމާޒު ކަސިޔާރު ނުވާނެ އެވެ. ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ އެވެ. އަޒުމް އަމުދުން ނު ގުޑާނެނެ އެވެ. ވަރުބަލިކަމެއް ނެތި ތާއަބަދު ހިދުމަތް ކުރައްވާނީ ރައްޔިތުންނަށެވެ. ކިހާ ރަނގަޅު ހެއްޔެވެ؟ ކިހާ އޯގާތެރި ރައީސެއް ހެއްޔެވެ؟ އެކަމަކު މީހުން އެކަން ގަބޫލު ކުރަނީ ކިހާވަރަކަށް ހެއްޔެވެ؟

ސުވާލު އުފެދެނީ އިދިކޮޅު ފަރާތްތަކުން ނުކުރެވޭނެ ކަމަށް ބުނި އެތައް ކަމެއް ސަރުކާރުން ކޮށްފި ކަމަށް ރައީސް ވިދާޅުވާ އިރު ސަރުކާރުން ކުރިކަމަކީ ލާދިނީ ފިކުރު މިގައުމަށް ގެނައުން ކަމަށް ބައެއް ފަރާތްތަކުން މިހާރު ސިފަ ކުރާތީ އެވެ.

ރައީސްގެ ވާހަކަތަކަށް އިދިކޮޅު ބައެއް ފަރާތްތަކުން ދެނީ ތަފާތު ޖަވާބެކެވެ. ބައެއް މީހުން ބުނާ ގޮތުގައި ލާދީނީ ފިކުރު ރާއްޖެ ގެނެސް އެކަން ނުކުރެވޭނެ ކަމަށް ބުނުމުން އަންނަނިކޮށް ރައީސް ނަޝީދު އެކަން ކުރައްވައިފި އެވެ. ވަރަށް ގިނަ މީހުންނާއި ބައެއް އިދިކޮޅު ލީޑަރުންގެ ބަސްމަގު ވެސް ހުރީ އެހެންނެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވި ގޮތުގައި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ބުނަމުން އައި ދެކަމެއް ރައީސް ނަޝީދުގެ ސަރުކާރުން ވަނީ ކޮށްފަ އެވެ. އެ އީލާދިނީ ފިކުރުތަކަށް ފުރުސަތު ދިނުމާއި، މަޖީލިހުގެ މެޖޯރިޓީ ސަރުކާރަށް ނުދޭނެ ކަމަށް ރައްޔިތުން ބުނުމުން ވެސް މެންބަރުން ބޮޑެތި އަގުތައް ހުށައަޅައިގެން މަޖިލިހުގެ ގޮނޑިތައް ގަތުމެވެ.

"[ރައްޔިތުން] ނުކުރެވޭނެ ކަމަށް ބުނިކަންކަން ސަރުކާރުން އެބަކުރޭ މަޖިލިހުން ގޮނޑިގަނެ ސަރުކާރުން އެފަރާތްތަކުގެ މަންމައިންނާއި ކާފައިންނަށާ ބޭބެ، ކޮއްކޮއާ އެންމެންނަށް ގެތަކާއި އެއްޗެހި ވެސް އެއޮށް ގަނެދެނީ ނޫންތޯ!" މަހުލޫފް ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ރައީސްގެ ވާހަކަފުޅަކީ ބުރަދަން ހުރި ވާހަކައެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

"ކުރެވޭނެ ކަމަށް ބުނި އެއްވެސް ކަމެއް ކޮށެއް ނުދެވޭ. އޭގެ ބަދަލުގައި ހުރިހާ ކަމެއްގެ ތަރުތީބު ގެއްލުނީ އެހެންކަމުން މިހާރު ރައްޔިތުން ގަބޫލެއް ނުކުރާނެ ރައީސްގެ ވާހަކަފުޅުތަކެއް،" އާންމު މީހަކު ބުންޏެވެ.

ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބުދު ﷲ އަމީން ވިދާޅުވީ ރައީސް ނަޝީދަކީ އެއްވެސް ކަމެއް ކުރެއްވޭ ބޭފުޅެއް ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވި އެވެ: "ރައީސް ނަޝީދު ކޮށްދެއްވާނެ ކަމަށް ވިދާޅުވީ ކަންތައްތަކުގެ ލިސްޓު ބައްލަވާލައްވާ، ކޮބައިތޯ ޑޮލަރުގެ އަގު ތިރިކުރުން، ކޮބައިތޯ އަޅައިދޭން ބުނި ފުލެޓްތައް. އެ ލިސްޓު ރައީސް [ނަޝީދު] ބައްލަވައިލެވުމުން އެނގިވަޑައިގަންނަވާނެ އެއްވެސް ކަމެއް ނުކުރެވޭ ބޭފުޅެއްކަން" އަމީން ވިދާޅުވި އެވެ.

މިދިޔަ ޖުމުހޫރީ ދުވަހުގެ ސ. ހިތަދޫގެ "ސިޓީ ސްކެއާ"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ނުވާނެ ކަމަށް ބައެއް މީހުން ބުނި އެތައް ކަމެއް ސަރުކާރުން ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކަންތައްތައް ކުރައްވާނެ ކަމަށެވެ. ރައްޔިތުންނަށް ކަންތައް ކޮށްދިނުމުގައި ބޭނުންވަނީ "ޖެހިލުން ކުޑަ އާދަޔާ ހިލާފު އިހުލާސްތެރި ވިސްނުން" ކަމަށާއި ބޭނުންވަނީ "ކެތްތެރިކަމާއި އަމާނާތްތެރިކަމާ އެކު ގަދަ އަޅައި މަސައްކަތް ކުރުން" ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ކަންކަން ކުރުމުގެ އަޒުމުގެ މައްޗަށް ވިދާޅުވެފައިވާ ވާހަކަފުޅުތަކާ މެދު ބުނާނެ އެއްޗެއް ނެތެވެ. އަޒުމާއި ހިތްވަރުގަދަ ކަމާއި އިހުލާސްތެރިކަން ނެތިއެއް ކަމެއް ހާސިލެއް ނުވާނެ އެވެ. ނަމަވެސް ސުވާލު އުފެދެނީ ސަރުކާރަކަށް ތިން އަހަރު ވެގެން ދިޔައިރު ރާއްޖޭގެ ހުރިހާ ކަމެއް ވަރަށް ބޮޑަށް ދަށަށްގޮސް ތަރައްގީގެ ދުވެލީގައި ބުރަކި، ރައްޔިތުންގެ އަތާއި އަނގަޔާ ދިމާނުވުން އިތުރުވެފައިވާ ކަމަށް ރައްޔިތުން ބުނާތީ އެވެ.

ސިއްހީކަންތަކާއި ތައުލީމާއި ވަޒީފާގެ ފުރުސަތުތަކާއި، ރައްޔިތުންގެ އާއްމު ދިރިއުޅުން ވަރަށް ބޮޑަށް ދަށްވެފައިވާކަން ރައީސް ނަޝީދަށް އެނގިވަޑައިނުގަތް ނަމަވެސް ނުވަތަ އެނގިވަޑައިގެން ހުންނަވައި ސިޔާސީ ސަބުތަކާ ހެދި ވިދާޅުވާން އުނދަގޫފުޅުވި ނަމަވެސް މިއަދުގެ ހަގީގަތަކީ އެއީ ކަމަށް މީހުން ދެކެ އެވެ.

"ރައީސަށް ކުރެއްވުނު ކަމެއް ކަމެއްގެ ވާހަކަ ރައީސް ވިދާޅުވާނެ، އެއީ އެމަނިކުފާނަށް ކުރެއްވިދާނެ ކަމެއް. އެކަމަކު އެކަން ބަލައިގަންނަން ތިބީ ރައްޔިތުން، ރައްޔިތުން ބުނަނީ ތިމަންނާމެންގެ ހާލެއް ނެތޭ، ހުރިހާ ކަމެއްވީ ގޯހޭ، ބުނި އެއްކަމެއް ވެސް ކޮށެއް ނުދެއްވުނޭ، ތިން އަހަރު ވެއްޖޭ. އަންނަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެކަން ރައީސް ނަޝީދަށް ވަރަށް ފުރިހަމަ އަށް ރައްޔިތުން އަންގާނަމޭ. އެހެންވީމާ ރައީސް އެހެން ވިދާޅުވުމަކީ މާ ބޮޑު މައްސަލައެއް ނޫން،" ޒުވާނަކު ބުންޏެވެ.

މުޅި ރާއްޖެ ތަރައްގީކޮށް އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ އެތައް ގޮތެއް ހުރި ކަމަށާއި އެކަން ކުރައްވާނެ ކަމަށް ރައީސް އަބަދު ވެސް ވިދާޅުވެ އެވެ. ސަރާސަރު ބޮޑެތި މަގުތައް ހަދައި، ބިންތައް ހިއްކައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް، ބަނދަރާއި ވައިގެ ބަނދަރުތައް ހެދޭނެ ގިނަ މަގުތައް މި ސަރުކާރުން ދަންނަ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ރައީސް ނަޝީދު ކުރައްވާނީ އަބަދުވެސް އެއް ތަގުރީރެކެވެ. އެއީ ކަންކަން ކުރަންވީ މަގު ސަރުކާރަށް އެނގޭ ކަމަށް ބުނާ ބުނުންތަކެއް ތަކުރާރު ކުރައްވާ ތަގުރީރެއް ކަމަށެވެ.

ޑީއާރްޕީގެ ނައިބް ލީޑަރު އިބްރާހިމް ޝަރީފް ( މަވޯޓާ) ވިދާޅުވި ގޮތުގައި ސަރުކާރަށް އެއްވެސް ކަމެއް ނުވާނެ ކަމަށް ބަޔަކު ބުނެފައެއް ނެތެވެ. އެކަމަކު ރައީސް ނަޝީދު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަންތައްތައް ނުވެގެން އެވާހަތައް މީހުން ދައްކަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ވެރިން ކޮންމެފަދަ ވާހަކައެއް ވެސް ވިދާޅުވެދާނެ ކަމަށާއި އެއްހާސް މިލިއަން ޑޮލަރުން ގައުމު ދަރުވާލާފައި ސަރުކާރަށް ތިން އަހަރުވެގެން ދިޔަ އިރު ރައްޔިތުން އަނގަޔާއި އަތާ ދިމާނުވާ ކަމަށެވެ.

"ސަރުކާރުން ފުއްދަވައިދެއްވުމަށް ވިދާޅުވި ކޮން ވައުދެއްތޯ ފުއްދަވައި ދިނީ ރަށްރަށުގެ ބަނދަރާއި ނަރުދާމާއިން ފެށިގެން ކޮށްދޭން ބުނި ހުރިހާކަންތަށް އެހެރީ ނުކޮށްދެއްވި. ދެން ރައްޔިތުން ނަށް އިތުރުފުޅު ހައްދަވައި މިވެނި ކަމެއް އެވެނި ކަމެއް ކޮށްދިނީމޭ ބުނިކަމުގައިވީ ނަމަވެސް މިހާރު ދެން ރައްޔިތުން އެކަމެއް ގަބޫލެއް ނުކުރާނެ،" ޝަރީފް ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރުން ވިދާޅުވަނީ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް އެންމެ ބޮޑަށް ދައްކާ ވާހަކަތަކަކީ 65 އަހަރުން މަތީގެ މީހުންނަށް ދޭ 2000 ރުފިޔާގެ ވާހަކަ އާއި، އެކަނިވެރި މައިންނަށް ދޭ ފައިސާގެ ވާހަކައާއި މަދަނައިގެ ވާހަކަ ކަމަށެވެ. އެއީ ރައީސް ނަޝީދުގެ ސަރުކާރު އައުމުގެ ކުރިން މަޖިލިހުން ނިންމާފައިވާ ކަންކަން ކަމަށެވެ. މަދަނައަކި ކުރީގެ ސަރުކާރުން ފެށި ހިދުމަތެއް ކަމަށެވެ.

"ދެން އޮތީ އެކަނިވެރި މައިންގެ ވާހަކަ، އެ ފައިސާއަކީ ރަށްރަށުގައި ރީނދޫ ބުރުގާ އަޅައިގެން ތިބޭ މީހުންނަށް ހަމައެކަނި ދޭ ފައިސާއެއް،" ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ؛ އެތައް ޒަމާނެއް ވަންދެން، ވެދާނެ ކަމުގެ އުއްމީދުގައި ރައްޔިތުން ތިއްބައި ކަންތައް ލޯމަތިން ފެންނާން ފެށުމުން ރައްޔިތުން ކުރާ އިހުސާސްތަކާއި އުއްމީދު އެތައް ގުނައަކުން އިތުރުވާނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު ރައީސް އެވިދާޅުވާ އުންމީދުތައް ރައްޔިތުންނަށް ހާސިލުވީ ކިހާވަރަކަށް ހެއްޔެވެ؟
ރައީސްގެ އެ ވާހަކަތަކަށް ގިނަ ބަޔަކު ބުނަނީ ވަރަށް ގިނަ ފައިސާ ހަރަދުކޮށްގެން ރައްޔިތުންނަށް ދެއްކުންތެރިކަން ސަރުކާރުން ފާޅު ކުރަމުންދާ ކަމަށާއި ރައްޔިތުންނަށް އުންމީދުކުރަމުން އައި ކަމެއް ވެފައި ނުވާ ކަމަށެވެ.

"ރައްޔިތުންނަށް ކޮންމެހެން ދޭން ޖޭހޭ އަސާސީ ހިދުމަތްތަކުން މަހުރޫމް ކުރުމަށް ފަހު ކޮންވެންޝަން ސެންޓަރެއް ހަދައި ކްރިކެޓް ކުޅޭނެ ސްޓޭޑިއަމެއް ގައުމެއްގެ ވެރިއަކަށް ހުންނެވި ބޭފުޅަކު ހައްދަވާފައި އެއީ ނުކުރެވޭނެ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏޭ ވިދާޅުވުމަކީ އަޅުގަނޑުމެން ގަބޫލްކުރާނެ ވާހަކަތަކެއް ނޫން" ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުއާދު ގާސިމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ފަސް އަހަރުގެ ރިޔާސީ ދައުރުން ތިން އަހަރު ފާއިތުވީ އެވެ. ދެން އޮތީ ބާކީ ދެ އަހަރެވެ. އެ އަށް ފަހު ރައްޔިތުން ގޮތެއް ނިންމާނެ އެވެ. ބަލަމާ ބަހީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް