ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމަށް އޮންނަ އިތުބާރު ގެއްލުވާލަން ވަރަށް ބޮޑަށް މަސައްކަތްކުރާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ ގައި އިއްޔެ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ ނާސްތާ ޕްރޮގްރާމް ތައާރަފްކުރީ ވަރަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ކަަމަށެވެ.
އެ ޕްރޮގްރާމް ގެންދާނެގޮތް ކޮންމެ ސްކޫލަކަށްވެސް ވަރަށް ސަރީހަ ބަހުން ބަހުން ކިޔައިދިނުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވާކަމަށް އައްޒަ ވިދާޅުވިއެވެ.
ނާސްތާ ޕްރޮގްރާމްގައި ދޭ ކެއުންތަކުގައި ފޫ ޖަހައި ހުންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެ ނާސްތާ ބައެއް ފަހަރު ވަަރަށް ބޮޑު އިސްރާފަކަށްވެގެން ގޮސްފައިވާ ކަަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
"އަޅުގަނޑުމެން އިސްރާފުކުރުން މަދުކުރުމަށް އެންރޯލްކުރެވިގެން ކުދިން ދާނީ. އެންރޯލް ކުރުމަށްފަހު މިހާރު އަނެއްކާ އެންރޯލް ކުރާ މިންވަރު މަދުވެ ގިނަވެ އަދި ތަފާތުވާތީ ސްކޫލުގެ ތެރެއިން އަޅުގަނޑުމެން މިހާރު އިންނާނެ ރީ އެންރޯލްމަންޓެއް ވެސް ހަދާފައި. އެހެންނަމަވެސް ކޮންގޮތެއްވިޔަސް ކޮންމެވެސް ކުދި ބަަޔަކު ނާންނާނެ ދޮއްތޯ ކޮންމެ ދުވަހަކަުވެސް. ދެން ނާންނަނީ ކިތައް ކުދިންކަމެއް ދުރާލާ އަޅުގަނޑުމެންނަކަށް ނޭނގޭނެ،" އައްޒަ ވިދާޅުވި އެވެ.
އައްޒަ ވިދާޅުވީ ނާސްތާ ޕްރޮގްރާމްގެ އިތުބާރު ގެއްލުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަނގަކުރެވޭ ކަމަށާއި އަދި ގިނަ ފަހަރު ހުށަހެޅޭ މައްސަލަތަައް ބަލާއިރު އެކަން އެގޮތަށް ހިނގާފައި ނުހުންނަކަމަށް އައްޒަ ވިދާޅުވި އެވެ.
އައްޒަ ވިދާޅުވީ މިހާރުވެސް ނާސްތާ ޕްރޮގްރާމްގެ ފެންވަރު ހިފަހެއްޓުމަށް ގިނަ ބައްދަލުވުންތައް ބާއްވައި ހަދައި ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ދޭ ކާނާގެ މެނޫތަކަކީވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ މަޝްވަރާކޮށްގެން ހަދާފައިވާ މެނޫތަކެއްކަން އައްޒަ ފާހަގަކުރެއްވި އެވެ.