ދާދި ފަހުން ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ އަގު ވަަޒަންކޮށްފިއެވެ.
ރޭ ޙުޅުލޭގައި ބޭއްވި ހަފްލާގައި އަލިފާން ނިއްވުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ފަޔާފައިޓަރުންނަށް ހަދާނީ ފިލައާއި ސެޓްފިކެޓް ހަވާލުކޮއްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
ހެންވޭރު އަލިފާނުގެ ހާދިސާގައި މަރުވި އައިޝަތު ޝައުނާގެ ހަނދާން އާކުރުމުގެ ގޮތުން ސުކޫތެއްވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ ގެނެސްފައެވެ.
ރޭގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވަނީ ފަޔާފައިޓަރުންގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފައެވެ.
"ހަމަ ޔަގީނުން އަަޅުގަނޑުމެންގެ އާންމު ރައްޔިތުންގެ މުދަލާއި ނަފްސު ރައްކާތެރިކޮށްދިނުމަށް ތިބޭފުޅުން ތި ކުރެއްވި މަސައްކަތުގެ އަގު އަޅުގަނޑުމެންނަށް އަސްލު މި ކަހަލަ ސްޓޭޖެއްގައި ވަޒަނެއް ނުވެސް ކުރެވޭނެ،" މޫސާ ސޯލިހު ވިދާޅުވިއެވެ.
ހެންވޭރު އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވަން އުޅުނު އެމްއެންޑީއެފްގެ ޓީމަށް އެއާޕޯޓްސް ކުންފުނީގެ ފަޔާފައިޓަރުން ވަނީ ވަރަށް ބޮޑަށް އެހީތެރިވެދީފައެވެ. އެގޮތުން އެ ޓީމްގެ 40 އަށްވުރެ ގިނަ ފަޔާ ފައިޓަރުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވިއެވެ.
މޫސާ ވިދާޅުވީ އެމްއޭސީއޭލްގެ ފަޔާފައިޓަރުން ހިތްވަރާއެކު އާންމުން އިތުބާރުވެސް އެޓީމަށް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.