ލާދީނީ ފިކުރާ ދެކޮޅަށްވެސް ގާނޫނު ހަދަން ޖެހޭ: އުމަރު

އުމަރު ނަސީރު: ލާދީނީ ފިކުރާ ދެކޮޅަށްވެސް ގާނޫނު ހަދަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައި -- ސަން ފައިލް ފޮޓޯ

ހަރުކަށި ފިކުރާ ދެކޮޅަށް ގާނޫނު ހަދާ ބީދައިން ލާދީނީ ފިކުރާ ދެކޮޅަށްވެސް ބޮޑެތި އަދަބު ކަނޑައަޅައި، ގާނޫނު ހަދަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ލާދީނީ ފިކުރާ ދެކޮޅަށް ގާނޫނުތައް ހަދަން ޖެހޭ ކަމަށް އުމަރު ވިދާޅުވި އިރު، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން 2016 ވަނަ އަހަރު އެކުލަވާލި ރިޕޯޓެއްގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ވަނީ ހޫނުވެފައެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓެރަރިޒަމްގެ ގާާނޫނަށް އިސްލާހު ގެނެސް ބޮޑެތި އަދަބުތައް ކަނޑައެޅި ގޮތަށް، ލާދީނީ ފިކުރާ ދެކޮޅަށްވެސް ގާނޫނު ހަދައި ބޮޑެތި އަދަބުތައް ކަނޑައަޅަންޖެހޭ ކަމަށެވެ.

"ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލުގެނެސް ބޮޑެތި އަދަބު ކަނޑައަޅާފައި، ހަމަ މި މިންގަނޑުން ލާދީނީ ފިކުރާ ދެކޮޅަށްވެސް ގާނޫނު ހަދައި ބޮޮޑެތި އަދަބު ކަނޑައަޅަން ޖެހޭ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެހެން ފަސްގަނޑެއްގައި ހުރެ "ދީނުގެ ނަމުގައި ހަނގުރާމަ ކުރާ މީހާ" ޖަލަށް ލާފައި، އަމިއްލަ ފަސްގަނޑުގައި ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވޭނަމަ އިންސާފު ނެތިގެންދާނެ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީއިން އިއްޔެ ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބަލަން ފުލުހުން ނިންމި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ދީނީ ހައްދުފަނައަޅާ ދިޔުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ދާދި ފަހުން ސަރުކާރުން ވަނީ ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން، ކުށްތަކަށް ވާ ކަންކަން ހަރުކަށިކޮށް، ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރެވޭނެ ގޮތް ވަނީ ފަސޭހަކޮށްދީފައެވެ.

comment ކޮމެންޓް