ހޮންކޮންގެ މުޒާހަރާތަކުގައި މާސްކު އެޅުން މަނާ ކުރަނީ

ހޮންކޮންގެ މުޒާހަރާތަކުގައި ފޭސް މާސްކް ބޭނުން ކުރުން މަނާ ކުރަން ސަރުކާރުން ދަނީ ވިސްނަމުން -- ފޮޓޯ: ގެޓީ

ހޮންކޮން (އޮކްޓޯބަރު 3): ހޮންކޮންގައި ބާއްވާ ބޮޑެތި އެއްވުންތަކުގައި މޫނު ފޮރުވޭ ގޮތަށް މާސްކު އެޅުން މަނާ ކުރަން އެސިޓީގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ހޮންކޮންގެ ޓީވީ ޗެނަލް، ޓީވީބީން ބުނި ގޮތުގައި އެސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދު ކުރުމަށާއި ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ފޭސް މާސްކު މަނާ ކުރަނީ ސިޓީގެ އެގްޒެކެޓިވް ކައުންސިލުން ނެރޭ އަމުރެއް މެދުވެރިކޮށެވެ. އަދި އެ އަމުރު ނެރޭނެ ކަމަށް ބެލެވެނީ މާދަމާ އެވެ.

ހޮންކޮންގެ މުޒާހަރާތަކުގައި ބައިވެރިވާ ގިނަ މީހުން ތިބެނީ އެއީ ކޮންބަޔެއްކަން ނޭނގޭ ގޮތަށް މާސްކާއި ރީނދޫ ހެލްމެޓާއި ގޮގުލްސްވެސް އަޅައިގެންނެވެ. އަދި މިދިޔަ އޭޕްރިލް މަހު ފެށުނު އެމުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގާ މިންވަރު ވަނީ ފާއިތުވި ދުވަސްތަކުގައި އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އާދިއްތަ ދުވަހު މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ޖެހި ރަބަރު އުންޑައެއް އިންޑޮނޭޝިއާގެ ނޫސްވެރިއެއްގެ ލޮލަށް އަމާޒުވެ، އޭނާ ވަނީ ފެނުމުން މަހުރޫމުވެފަ އެވެ. އަދި މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ މުޒާހަރާގައި ބައިވެރިވި 18 އަހަރުގެ މީހެއްގެ ކޮނޑަށް ބަޑި ޖަހާ، ޒަހަމްކޮށްފަ އެވެ. އެއަށްފަހު އެޒުވާނާގެ މައްޗަށް ވަނީ ފުލުހަކަށް ހަމަލާ ދިނުމުގެ ދައުވާކޮށްފަ އެވެ.

އިނގިރޭސިންގެ އަތްދަށުގައި ގިނަ އަހަރުތަކެއް ވަންދެން އޮތް ހޮންކޮން 1997 ވަނަ އަހަރު ޗައިނާގެ ބަޔަކަށް ހެދީ "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ނިޒާމުގެ ދަށުންނެވެ. އޭގެ ސަބަބުން ޗައިނާގެ ރައްޔިތުންނާ އަޅާ ބަލާއިރު ހޮންކޮންގެ ރައްޔިތުންނަށް ލިބޭ ސިޔާސީ އަދި ޝަރުއީ މިނިވަންކަން ބޮޑެވެ.

ނަމަވެސް ފަހަކަށް އައިސް ހޮންކޮންގައި ޗައިނާގެ ނުފޫޒު އިތުރުވެ، އެސަރަހައްދުގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ ހޮންކޮންގެ ބައެއް ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެސަރަހައްދުގައި މުޒާހަރާތައް ކުރިއަށްގެންދާ މައިގަނޑު ސަބަބަކީވެސް އެއީ އެވެ.

އެމުޒާހަރާތައް ފެށުނީ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް، އެމީހުން އެހެން ގައުމުތަކާ ހަވާލު ކުރުމާ ބެހޭ ބިލެއް އެސިޓީގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުންނެވެ. އެބިލު ފާސް ކުރި ނަމަ ހޮންކޮންގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާވެސް ހަވާލު ކުރެވޭނެ އެވެ.

އެބިލާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަން ފެށުމުން ހޮންކޮންގެ ލީޑަރު ކެރީ ލާމް ވަނީ ބިލް ސަސްޕެންޑު ކުރައްވާފަ އެވެ. އަދި އޭގެ ފަހުންވެސް މުޒާހަރާތައް ކުރިއަށްގެންދާތީ، މިދިޔަ މަހު ބިލް އަނބުރާ ގެންދެވި ނަމަވެސް އެމުޒާހަރާތަކަށް ނިމުމެއް ނާދެ އެވެ.

އެމުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ބިލް އަނބުރާ ގެންދިޔުމުގެ އިތުރުން، މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ތަހުގީގު ކުރުމަށް ކޮމިޝަނެއް އެކުލަވާލުމަށާއި ހައްޔަރުކޮށްފައިވާ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށާއި އެމުޒާހަރާތަކަކީ "ހަމަނުޖެހުން ހިންގުން ކަމަށް" ލާމް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދިޔުމަށް ގޮވާލަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް