ސަރުކާރުގެ ސްޓެރެޓެޖިކް ޕްލޭނަށް މަޖިލިސް ރައީސްގެ ތައުރީފް

ރައީސް ނަޝީދާއި ރައީސް ސޯލިހް ރޭގެ ޖަލްސާގެ ތެރެއިން: ސަރުކާރުގެ (އެސްއޭޕީ) އަށް ނަޝީދު ތައުރީފް ކުރެއްވި

ރޭ އިފްތިތާހު ކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް އަހަރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތައުރީފުުކުރައްވައި ވާހަކަ ދައްކަވައިފި އެވެ.

ރައީސް ސޯލިހުގެ ދައުރުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ފުއްދާނެ ވައުދުތަކުގެ ތަފްސީލީ މައުލޫމާތު ހިމެނޭ ސްޓްރެޓަޖިކް އެކްޝަން ޕްލޭން އެމަނިކުފާނު ރޭ ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ޕްލޭނަކީ ސަރުކާރެއް ހިންގުމުގައި ކޮންމެހެންވެސް ބޭނުންވާ ތަސައްވަރެއް ކަމަށެވެ. އެ ތަސައްވަރުން ސަރުކާރުގެ ތަރައްގީގެ ގިނަ ގުނަ މައުލޫމަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެވޭނެ ތަރުތީބަކީ، އެކްޝަން ޕްލޭން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމަށް މަގުފަހިވެގެން ދާނީ އަލަށް ހެދޭ ގާނޫނުތަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާނީ، އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހިންގުމަށް "މަގު ކޮށައިދިނުން" ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. "މަގު ކޮށިގެން ދަނީ، މަޖިލީހުން އެކުލަވާލާ ގާނޫނުތަކުން. އެ ގާނޫނުތައް ފަހިކޮށްދެނީ ސަރުކާރުން ޓެންޑަރު ނެރުމަށާއި ތަކެތި ގަތުމަށާއި އަދި ސަރުކާރުގެ އަމުރު މައުރޫފު ހިންގުމަށް،"

އެމްޑީޕީއާ ގުޅީފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް އެ ފަދަ ޕްލޭނެއް އެކުލަވާލެއް ވީތީ ރައީސް ސޯލިހަށާއި ސަރުކާރުގެ އިސްވެރިންނަށް ރައީސް ނަޝީދު މަރުހަބާ ދެއްނެވި އެވެ.

"ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ، ދައުލަތެއް ހިންގުމަށް ކޮންމެހެން ބޭނުންތެރި، އެންމެ މުހިންމު އެއް ތަރަހަ. އަޅުގަނޑު ސަރުކާރަށް ފަށްފަށުން މަރުހަބާ ދަންނަވަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރޭ އިފްތިތާހު ކުރި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ރިޔާސީ އިންތިހާބުގައި ރަައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ނެރުނު އެޖެންޑާ 19 މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކެވެ. އޭގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން އައި މަސައްކަތްތައްވެސް މި ޕްލޭނުގައި ހިމަނާފައިވެ އެވެ. އެގޮތުން އެ ކަންކަމަށް ހިނގާނެ ހަރަދާއި ފައިސާ ހޯދާނެ ގޮތާއި ނިންމަން ޖެހޭ ތާރީހުތައް ވަނީ ތަފްސީލްކޮށް ލިޔެފަ އެވެ.

comment ކޮމެންޓް