ފަސް އަހަރުން ބޭހުގެ އަގު 33 ޕަސެންޓް ދަށްކޮށް، 5 ޓާޝަރީ ހޮސްޕިޓަލް

އައްޑޫގައި ތަރައްގީ ކުރަމުން އަންނަ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ގޮތުން، ރިޔާސީ ދައުރު ނިމުމުގެ ކުރިން ސަރުކާރުން ގިނަ ކަންތައްތަކެއް ހާސިލު ކުރަން އަމާޒު ހިފައިފި އެވެ.

ރައީސް ސޯލިހުގެ ދައުރުގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުން ފުއްދާނެ ވައުދުތަކުގެ މައުލޫމާތު ހިމެނޭ ސްޓްރެޓަޖިކް އެކްޝަން ޕްލޭނެއް ރޭ ވަނީ އިފްތިތާހުކޮށްފަ އެވެ. ހުރިހާ ދާއިރާތަކުން ސަރުކާރުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް އެ ޕްލޭނުގައިވެ އެވެ.

އެ ޕްލޭނުގައި ބުނެފައި ވަނީ ސިއްހީ ދާއިރާއަށް ހުށަހަޅާ ސިޔާސަތުތަކުގެ ތެރެއިން ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމާއި، އަސާސީ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުން، ބަލިބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތުއްތު ކުދިންނާއި މައިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމަށާއި، ބަލިމީހުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަދި ހިދުމަތުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަކި ހާއްސަ ކަމެއް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން، އައިސީޓީ މެދުވެރިކޮށް ސިއްހީ ހިދުމަތް ތަރައްގީކުރުމާއި ކުއްލި ހާލަތުތަކުގައި ފޯރުކޮށްދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް ޕްލޭނުގައިވެ އެވެ.

ސަރުކާރުން ސިއްހީ ދާއިރާއަށް ހިފާފައިވާ އަމާޒުތައް:

  • ރީޖަނަލް އާބަން ސެންޓަރުތަކުގައި އެންމެ މަދުވެގެން ފަސް ހޮސްޕިޓަލް ހިންގަމުން ދިޔުން
  • އާސަންދަ މެދުވެރިކޮށް ނަފްސާނީ މައްސަލަތަކަށް ދެވޭ ފަރުވާ ކަވަރު ކުރެވޭ ގޮތް ހަމަޖެއްސުން
  • ސިއްހީ ހިދުމަތް ދިނުމުގައި ފަރުވާ ކުޑަވުމުގެ 75 ޕަސެންޓު މައްސަލަ ގާނޫނީ ގޮތުން ބެލިފައިވުން
  • ވިހެއުމާ ގުޅޭ އަސާސީ ހިދުމަތްތައް ސިއްހީ ދާއިރާގެ ހުރިހާ ހަރުފަތްތަކެއްގައިވެސް ލިބެން ހުރުން
  • ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރު ބައްޔާރި، ނޭވާލުމުގެ ނިޒާމަށް ޖެހޭ މައްސަލަތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު 2018 ވަނަ އަހަރާ އަޅާ ބަލާ އިރު 15 ޕަސެންޓު ދަށްކުރުން
  • އެންމެ މަދުވެގެން ދެ ސަރަހައްދެއްގައި ސާމްޕަލް ޓްރާންސްފާ ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން
  • ކޮންމެ ރަށެއްގައިވެސް ކޮމިއުނިޓީ ހެލްތް ވޯކަރުން ތިބުން
  • އަސާސީ ބޭސްބޭހުގެ އަގު 2018 ވަނަ އަހަރާ އަޅާ ބަލާއިރު 33 ޕަސެންޓު ދަށްވެފައިވުން
  • މަދުވެގެން، ރަށު ފެންވަރުގައި އަސާސީ ސިއްހީ ހިދުމަތްދޭ 200 މީހުން ތަމްރީނު ކުރުން
  • ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލުން

ފަސް ސަރަހައްދެއްގައި 2023 ވަނަ އަހަރުގެ ނިޔަލަށް ޓާޝަރީ ހޮސްޕިޓަލް ގާއިމްވެފައި ހުރުން ސަރުކާރުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ އިރު މިހާރުވެސް އެއް ޓާޝަރީ ހޮސްޕިޓަލް ދަނީ އަތޮޅު ތެރޭގައި އަޅަމުންނެވެ. އެއީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްގެ މަސައްކަތް ނިމި މިހާރު ވަނީ ހުޅުވަން ގާތްވެފަ އެވެ.

މިދިޔަ ސަރުކާރުގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލު ތަރައްގީ ކުރަން އުޅުނީ ޓާޝަރީ ފެންވަރަށެވެ. އެކަމަކު އެ ހޮސްޕިޓަލުގެ މަސައްކަތްތައް މިހާރު ވަނީ މަޑުޖެހިފަ އެވެ. ނައިފަރު ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް ދާދި ފަހުން ހެލްތް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި ތިނަދޫގައިވެސް ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ވަނީ ނިންމައިފައެވެ. ރާއްޖޭގެ 10 ހޮސްޕިޓަލެއްވެސް އަޕްގްރޭޑު ކުރަން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ޕްލޭނުގައި ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކެއް ފާހަގަކޮށްފައިވެއެވެ.

ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ގިނަ ސިއްހީ ހިދުމަތްތައް އެެއް ތަނަކަށް ޖަމާވެފައިވުމާއި، ގާނޫނީ އޮނިގަނޑު ބަލިކަށިވުމާއި، ރެގިއުލޭޓު ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ތަންފީޒު ނުކުރެވުުމާއި، ކާނާއާއި ބޭސް އަދި ސިއްހީ ހިދުމަތްތަކުގެ ކޮލިޓީ ޔަގީން ކުރުމަށް ކެޕޭސިޓީ ނެތުމާއި، ދޭދޭ ދާއިރާތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުން އެކަށީގެންވާ ވަރަށް ނެތުމާއި، އެއުމުރުން ދުވަސްވީ މީހުންނަށާއި ބިދޭސީންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމާއި، ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި ހޯދުމުގައިއާއި ދަތުރުފަތުރު ކުރުމުގައި ހުރި ބޭކާރު ހަރަދުތައް ބޮޑުވުމާއި، ބޭސްވެރިކަމުގެ ނަމުގައި ކުރެވޭ އެހެނިހެން ކަންކަން ގިނަވުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ހިދުމަތްތައް އެކަށީގެންވާ ވަރަށް ފޯރުކޮށްނުދެވުން ހިމެނެއެވެ.

comment ކޮމެންޓް