އާންމު ސަރަހައްދުތަކުގައި ތެލާއި ކެމިކަލް ގެންގުޅުން ހުއްޓުވަން މަޝްވަރާ ކޮށްފި

ތެލާއި ކެމިކަލް އާންމުން އުޅޭ ތަންތަނުގައި ބޭނުން ކުރުން ހުއްޓުވުމާ ބެހޭގޮތުން މަޝްވަރާ ކުރަން ނައިބު ރައީސް ފައިސަލް ނަސީމް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މާލެ ސަރަޙައްދުގައި ކުރިމަތިވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ތެލާއި ކެމިކަލް އާންމުން އުޅޭ ތަންތަނުގައި ބޭނުން ކުރުން ހުއްޓުވުމާ ބެހޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، ފިއުލް ސަޕްލައިސް މޯލްޑިވްސް، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އެމްއެންޑީއެފްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ކެމިކަލާ ތެޔޮ ފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި މާލެ ސަރަހައްދުގައި ރައްކާ ކުރުމާއި ގެންގުޅުމުގެ އިތުރުން އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ސަލާމަތީ މިންގަނޑެއް ހިފެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން، މާލޭ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ދުއްވުން ވީހާވެސް މަދުކުރުމަށާއި، ކަނޑައަޅާ ސަރަޙައްދުތަކެއް ތެޔޮ އެޅުމަށް ހާއްސަކުރުމާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓްރީތަކާއި ކުންފުނިތަކުގެ ވެރިން ވަނީ ތެލުގެ ހިދުމަތްދިނުމުގައި މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާކޮށްފައެވެ. އަދި އެ އެ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދެއްވައިފައެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގާނެ ފަދަ އެންމެހާ ކަންކަމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ފަރާތުން އެކަށައަޅާފައިވާ މިންގަނޑަށް ހުރިހާ ފަރާތްތަކުން ތަބާވުމަށްވެސް އިރުޝާދު ދެއްވި އެވެ.

އަލިފާން ހިފާ ޒާތުގެ ތަކެތި އާންމުން އުޅޭ ސަރަހައްދުތަކުގައި ގެންގުޅުން ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ އިރު މި ހަފްތާގެ ތެރޭގައި މާލޭ ޓީ ޖެޓީ ސަރަހައްދުގައި ވަނީ ތެޔޮ ބައުޒަރުތަކަކާއި ލޯންޗެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ހެންވޭރު އަބަދަށް ފެހި މަގުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް