އަނގޮޅިތީމު ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ އަޅައިފި

އަނގޮޅިތީމުގައި ޓޫރިސްޓު ވިޒިޓާ ސެންޓަރުގެ ބިންގާ އެޅުން --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރ. އަނގޮޅިތީމުގައި އަޅާ ޓޫރިސްޓު ވިޒިޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރުގެ ބިންގާ އަޅައިދިނީ 2015 މެއި އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށް ލާފައި ހުއްޓާ މަރުވި ގ. ކީމާ އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމާއި، އެ ދެމަފިރިންގެ ދަރިފުޅެވެ.

މި ސެންޓަރުގެ ބިންގާ އެޅުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު އަދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ވިޒިޓާ ސެންޓަރަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ވާހަކަ ކިޔައިދޭނެ ސެންޓަރެއް ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުންޏެވެ.

އެ މިނިސްޓްރީއިން ބުނީ މި ވިޒިޓާ ސެންޓަރަކީ ކިޔަވާ ކުދިންނަށްވެސް މުހިންމު މައުލޫމާތުތަކެއް ލިބޭނެ ތަނެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ސެންޓަރުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ ކަމަށެވެ.

އަނގޮޅިތީމުގައި ޓޫރިސްޓު ވިޒިޓާ ސެންޓަރުގެ ބިންގާ އަޅާފައިވަނީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިންނެވެ.

comment ކޮމެންޓް