ރޭ އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރެއްވުން، ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް، ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
ތޯރިގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގެ ރައީސަކު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރަކާއި އުފަލެއް ކަމަށެވެ.
ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކަށް ރައީސްގެ ތަގުރީރުގައި އަލިއަޅުވާލެއްވީތީ އުފާ ކުރައްވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ. މިއީ މުޅި ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށް ވިދާޅުވެ ތޯރިގް ވަނީ ރައީސަށް މަރުހަބާ ދަންވައިފަ އެވެ.
ރޭގެ ތަގުރީރުގައި މުޅި ދުނިޔޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ތިމާވެއްޓަށާއި ދުނިޔެއަށް ދިމާވަމުން އަންނަ ގެއްލުންތަކުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވި އެވެ.
މިއީ ފާއިތުވި ހަތް އަހަރު ތެރޭގައި ރާއްޖޭގެ ރައީސަކު އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އެންމެ ފަހުން އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާފައިވަނީ 2012 ވަނަ އަހަރުއެވެ. އޭރު ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ރާއްޖެ އދގެ މެމްބަރަކަށްވީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ އަހަރު އޮތް އާންމު މަޖިލީހުގައި ރާއްޖެއިން ބައިވެރިވެސް ވިއެވެ. އެ އަހަރުގެ މަޖިލީހުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރުކުރެއްވީ އެމެރިކާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު، އަހްމަދު ހިލްމީ ދީދީ އެވެ.