ތެޔޮ ސަޕްލައިކުރާ ފަރާތްތަކާ ނައިބު ރައީސް ބައްދަލު ކުރައްވައިފި

ރާއްޖެއަށް ތެޔޮ ސަޕްލައިކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކުގެ އިސްވެރިންނާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ތެޔޮ ސަޕްލައިކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކުގެ އިސްވެރިންނާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުމުގައި މާލެ ސަރަހައްދުގައި މިހާރު ޕެޓްރޯލާއި ޑީސަލް ފަދަ ތަކެތި ސަޕްލައިކުރުމާއި އޮޑިދޯނި ފަހަރަށް ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްދާ ގޮތުގެ މައުލޫމާތު ނައިބު ރައީސް ވަނީ އޮޅުންފިލުއްވައިފަ އެވެ. އަދި މިހާރު ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދާ ސަރަޙައްދުތަކުގެ ހާލަތު ހުރިގޮތާއި މިހާރަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދިއުމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.

މި ބައްދަލުވުމުގައި އެސްޓީއޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ އިތުރުން ޕޯޓްސް އޮތޯރިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިހާރު މާލެ ސަރަހައްދުގައި ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި މިހާރުން މިހާރަށް ރަނގަޅުކުރަންހުރި ކަންކަމާއި ތެޔޮ ސަޕްލައި ކުރާ ފަރާތްތަކުގެ ހައިސިއްޔަތުން ކަންކަން ރަނގަޅުކޮށް ހަރުދަނާކުރުމަށް އެފަރާތްތަކަށް އަދާކުރެވިދާނެ ދައުރު އެ ބޭފުޅުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މިބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ވިދާޅުވީ މިހާރު މާލޭގައި ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދާ ބައެއް ސަރަހައްދުތަކުގެ އިންތިޒާމުތައް ރަނގަޅުކޮށް ކަންކަން ހަރުދަނާކުރުމަށް މިހާރުން މިހާރަށް ގެންނަން ޖެހޭ ބަދަލުތައް އެބަހުރި ކަމަށެވެ.

އެބަދަލުތަކުގެ ތަފްސީލު ކުންފުނިތަކުގެ ވެރިންނާ ނައިބު ރައީސް ހިއްސާ ކުރެއްވިއެވެ.

އަދި އުޅަނދުފަހަރަށް ތެޔޮއެޅުމުގެ ކަންކަން ކައިރި މުސްތަގުބަލެއްގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ވީހާ ވެސް ދުރަށް ބަދަލުކުރުމުގައި ސަރުކާރުގެ ވިސްނުން ހުރިގޮތް ހާމަކޮށްދެއްވައި މިހާރުން މިހާރަށް ވެސް އުޅަނދުފަހަރަށް ތެޔޮއެޅުމާއި ތެޔޮއުފުލާ އުޅަނދުފަހަރުގެ ކަންކަން ބަލައި މޮނިޓާކޮށް ކަންކަން ހަރުދަނާކުރުމަށް ބައެއް ކަހަލަ ބަދަލުތައް ގެންނަވާނެކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް