މާލެއަށް ވެހިކަލް އެތެރެ ކުރުމުގެ ލިމިޓެއް ކަނޑައަޅަން ޖެހޭ: ސިޓީ ކައުންސިލް

ރޭ، ފަޔާ ލޮރީތައް ހަނި މަގުތަކަށް ވައްދަން ސައިކަލުތައް އެއް ތަނުން އަނެއް ތަނަށް ގެންދަނީ -- ސަން ފޮޓޯ

މާލެއަށް ވެހިކަލް އެތެރެ ކުރުމުގެ ލިމިޓެއް ކަނޑައަޅަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލު ކުރަން އެމްއެންޑީއެފްއިން ބޮޑެތި ފަޔާ ލޮރީތައް ވައްދަން ޖެހުނީ ހަނި މަގުތަކަށެވެ. އެ މަގުތަކުގައި ގިނަ އަދަދެއްގެ ސައިކަލު ޕާކުކޮށްފައި ހުރުމުން ލޮރީތައް ނުވެއްދި ވަގުތުތަކެއް ދިޔައެވެ.

އެ ހާދިސާއާއި މާލޭގެ ޕާކިންއާ ގުޅުވައި، ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މާލެއަށް ވެހިކަލް އެތެރެ ކުރުމުގެ ލިމިޓެއް ކަނޑައެޅަން ޖެހޭކަމަށް މީގެ ކުރިންވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ނިންމުމެއް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށްލަން. މާލެއަށް ވެހިކަލް އެތެރެ ކުރުމުގައި ލިމިޓެއް އަންނަން ޖެހޭ. ސިޓީ ކައުންސިލުން މިހާރު މިވަނީ ނިންމުމެއް ނިންމާފައި، އެ ނިންމުމުގައި އެވަނީ ވެހިކަލްގައި ކެޕެއް އަޅުވަން ޖެހޭކަމާއި ބޮޑެތި ކޮންޓެއިނަރުތަކުގައި މާލެއަށް އެކަށީގެންވާ އަދަށް ވުރެ ގިނައިން ވެހިކަލްތައް އެތެރެކުރުމުގެ ކަންތައްތަކަށް ހައްލެއް އަންނަން ޖެހޭ ކަމަށް،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވި ގޮތުގައި އެ ނިންމުމުގައ އެންމެ މީހެއްގެ ނަމުގައި މާ ގިނަ އުޅަނދުތައް ރެޖިސްޓާ ކުރުމުގެ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ.

ވެހިކަލް ލިމިޓެއް ކަނޑައެޅުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މާލެއަށް އެތެރެވާ ވެހިކަލްތަކަށް ހުއްޓުމެއް، ކޮންމެވެސް ވަރެއްގެ ލިމިޓެއް ގެނައުމަށްޓަކައި ސަރުކާރުގެ އިދާރާތަކުންވެސް މަސައްކަތްކޮށްދޭނެ ކަމަށް،" ޝިފާ ވިދާޅުވި އެވެ.

ރޭ އަލިފާން ނިއްވަން ފަޔާ ލޮރީތައް ގޯޅިތަކަށް ވައްދަން، އެ ގޯޅިތަކުގައި ޕާކްކޮށްފައި ހުރި ސައިކަލުތައް ޖެހުނީ އެހެން ތަންތަނަށް ގެންދާށެވެ. އެކަމުގެ ސަބަބުން އަލިފާން ނިއްވަން ހަރަކާތްތެރިވާން ވަގުތުތަކެއް ދިޔަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

https://sun.mv/124647

comment ކޮމެންޓް