ޓެރަރިޒަމް ބިލްގައި ގާނޫނު އަސާސީއާ ފުށުއެރުމެއް އުޅޭ: ރައީސް

ރައީސް ސޯލިހް މަޖިލިސް ރައީސް، ރައީސް ނަޝީދާއެކު: ޓެރެރިޒަމް ބިލުގައި ގާނޫނު އަސާސީއާ ތައާރަޒްވާ ކަންކަން ހުރި ކަމަށް ރައީސް ސޯލިހް ވިދާޅުވި --- ފައިލް ފޮޓޯ

ޓެރެރިޒަމް މަނާ ކުރުމުގެ ގާނޫނުނަށް ގެންނަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި 48 ގަޑިއިރު ބަންދުގައި ބެހެއްޓުން ހިމަނާފައިވީ ނަމަވެސް، އެކަން ގާނޫނު އަސާސީއާ ތާރުޒުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޓެރެރިޒަމްގެ ކުށްތައް ހުޓުވުމުގެ ގޮތުން އެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ސަރުކާރުން މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު އެ ބިލު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

އެ ބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައި ހުރުމުން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ހިމެނޭ ގޮތަށް އެހެން ބައެއް ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަދު ރައީސް އޮފީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ބިލުގައި މިހާރު ހިމަނާފައިވަނީ ސަރުކާރުން މި ވަގުތައް ގެންނަން ބޭނުންވާ އިސްލާހުތަކެއް ކަމަށެެެވެ. ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރި ނަމަވެސް ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނު އިސްލާހު ނުވެއްޖެ ނަމަ، އެފަދަ ކުށްތައް ހުޓުވުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ބިލްގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ރައީސްވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ.

"[ކަންބޮޑުވުންތަކުގެ ތެރޭގައި] އެބަ އޮތް ގާނޫނު އަސާސީގެ މާއްދާއެއް އެބަ އުޅޭ. [ގާނުނު އަސާސީގައިވާ ގޮތުން] މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނީ، 24 ގަޑި އިރު. ބިލުގައި އެބަ އޮތް 48 ގަޑިއިރަށް ހައްޔަރުކޮށްފައި ބަންދުކުރާ ވާހަކަ. އެއީ ގާނޫނު އަސާސީއާ ތައާރަޒް ވުމެއްކަން ބަލަން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ ތައާރަޒްވުމަކީ މަޖިލިސް ތެރެއިން ހައްްލެއް ހޯދަން ޖެހޭ ކަމެއް ކަމަށެވެ. ނަމެވެސް ހައްލު ހޯދާނީ ކިހިނެތް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

ޓެރެރިޒަމް ހުއްޓުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަލާ ނުލާ ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ. އަދި ކޯޓު އަމުރަކާ ނުލާ އެ މީހަކު ހުރި ތަނަކަށް ވަދެ ބަލައި ފާސް ކުރުމުުގެ ބާރުވެސް ފުލުހުނަށް ވަނީ ދީފަ އެވެ. މީގެ އިތުރުން ހައްޔަރު ކުރާ މީހާއަށް ގާނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތައްވެސް ހިފެހެއްޓުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށް ހަަމަޖެހިފައިވަނީ، އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް ޖަލްސާގަ އެވެ. ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، ވީހާވެސް އަވަހަކަށް އެ ބިލު ފާސް ކުރުމަށް ބޭނުންވާ ކަމަށެވެ.

comment ކޮމެންޓް