ރަފާގެ ނަސޭހަތް: ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވޭ

އައިއޯއައިޖީގައި ރަފާ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔުމަށް ސީއެޗްއެސްއީ އިންކުރިއަށްގެންދިޔަ ހަރަކާތް -- ފޮޓޯ: ސީއެޗްއެސްއީ

އިސްކަންދަރު ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައި ސްކޫލުގެ ބެސްޓް އޯލްރައުންޑް ދަރިވަރުގެ މަގާމު ހޯދީ އާއިޝަތު ރަފާ ނާޒިމް އެވެ. ރަފާގެ ނަން އާންމުންނަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ ކުޅިވަރުގެ މައިދާނުގަ އެވެ. ޓީޓީ މޭޒު ދޮށުގައި ރާއްޖޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާގެ މަގާމު އުމުރުން އެންމެ 13 އަހަރުގައި ރަފާ ހޯދި އެވެ.

ކުޅިވަރާ އެއްވަރަށް ރަފާ އަކީ ކިޔެވުމުގެ މައިދާނުގައިވެސް މޮޅު ދަރިވަރެކެވެ. މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ގަދަ 10 ގައި ހިމެނުމުގެ އިތުރަށް ރަފާ ވަނީ އިސްކަންދަރު ސްކޫލުގެ އިސްމަގާމުތައް ފުރައިފަ އެވެ.

ރަފާއަކީ 2017 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންއެވެ. މިދިޔަ އަހަރު ސްކޫލުގެ އެކްޓިވިޓީސް ކެޕްޓަންގެ މަގާމާއި ސްކޫލުގެ ބްރާސް ބޭންޑުގެ ޑެޕިއުޓީ ލީޑަރުކަން ރަފާ ކޮށްފައިވެއެވެ.

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިޔެވުމުގައި ފާހަގަކޮށްލެވޭ ރަފާ ހިތްވަރާއެކު ކިޔެވުމުގައި އުޅެމުން ކުޅިވަރުގެ މައިދާނުގައިވެސް ވަނީ ރަން ވަނަތައް ހާސިލްކޮށްފަ އެވެ. ކަލާސް އެވޯޑު ހާސިލްކޮށްފައިވާ ރަފާ ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޓީޓީގެ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައެވެ. ރަފާ މުސްތަގުބަލުގައި ކުރިއަށް ދާން ބޭނުންވަނީ މެޑިސިންގެ ދާއިރާއިންނެވެ.

އިސްކަންދަރު ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ރަފާ، މިރޭ ވަނީ އޭނާގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް ކިޔަވާކުދިންނަށް ނަސޭހަތެއް ދީފަ އެވެ.

"ކިޔެވުމަކީ ހަމައެކަނި ފޮތުން ދަސްކުރާ އެއްޗެއް ނޫން. ސްކޫލަކީ ހަމައެކަނި ފޮތުން ދަސްކުރާ ފިލާވަޅުތައް ދަސްކުރަން އަންނަ ތަނަކަށް ނަހަދާށޭ. އިތުރުހަރަކާތްތަކުގައިވެސް ބައިވެރިވާށޭ. މިކަންތައްތަކުން ވަރަށް ގިނަ ކަންތައްތައް ދަސްވެގެންދާނެ. ރަނގަޅު ނަތީޖާ ހޯދުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ،" ސްކޫލަކީ ހަމައެކަނި ފޮތުން ދަސްކުރަން އަންނަ ތަނެއްގެ ގޮތުގައި ނުބެލުމަށް ކުދިންނަށް ނަސޭހަތްތެރިވަމުން ރަފާ ބުންޏެވެ. "ސްކޫލެއްގައި ކިޔަވަމުން އަންނަ ކުއްޖަކަށްވެސް ފިލާވަޅުތައް ދަސްވެ، ދުނިޔެއަށް ލޯ ހުޅުވެމުން އަންނަނީ ގިނަ ބަޔެއްގެ ބުރަ މަސައްކަތުން ހޯދައިދޭ ފުރުސަތުތަކެއްގެ ސަބަބުން. މިރޭ ނި މަގާމުގައި އަޅުގަނޑަށް މި ހުރެވެނީ އެފަދަ އެތައް ބަޔެއްގެ ގުރުބާނީގެ ސަބަބުން،"

ރަފާ ވަނީ ދަރިވަރުންގެ ކިޔެވުމަށާއި ކުރިއެރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ އަށް ޝުކުރު އަދާކޮށްފަ އެވެ. ރަފާ ވަނީ އޭނާގެ ކާމިޔާބީގައި ހިއްސާވާ އިސްކަންދަރު ސްކޫލުގެ އިސްވެރިންނަށާއި ޓީޗަރުންނަށްވެސް ޝުކުރު އަދާކޮށްފަ އެވެ.

ރަފާބުނީ އޭނާއަށް ލިބުނު ކާމިޔާބީގެ މޭސްތިރިންނަކީ މަންމަ އާއި ބައްޕަ ކަމަށެވެ.

"މަންމަ އާއި ބައްޕަވެސް ވަރަށް ބުރަކޮށް އުޅުއްވަމުންވެސް އަޅުގަނޑަކީ މޮޅު ކުއްޖަކަށް ހެދުމަށް އުފުއްލެވި ބުއަރަކީ މިރޭ އަޅުގަނޑު މިތަނުގައި މިހުރި ސަބަބު،" ރަފާ ބުންޏެވެ.

"އޮފީހުގެ މަސައްކަތުގައި ގިނައިރު ގެއަށް ނައިސް މަންމަ އާއި ބައްޕަ އުޅުއްވާ ބުރަފެނުމުން ބައެއްފަހަރު މަންމަމެން މިސްވި ނަމަވެސް، އެ މަސައްކަތުގައި ބުރަކޮށް އުޅުއްވަމުންވެސް އަޅުގަނޑުގެ ކަންތައް ބައްލަވަމުން ތިޔަ ދައްކަވާ ލީޑާޝިޕަކީ އަޅުގެ ހިތްވަރު، ތިޔައީ ނަމޫނާ މަންމަ އަކާއި ބައްޕައެއް،"

ރަފާވަނީ ގައުމީ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުން ރަން ވަނަތަކެއް ހޯދައިފަ އެވެ. އެގޮތުން ނިމިދިޔަ އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް އިން ރަފާ ވަނީ ޓީޓީ ސިންގަލްސް އިން ރިހި މެޑަލް ހޯދައިފަ އެވެ. ޓީޓީ އަންހެން ކެޓަގަރީގެ ޓީމް އިވެންޓް އިން ރަފާ އާއި ދީމާގެ ޕެއާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ.

comment ކޮމެންޓް