އެމްބަސީ އަޅަން ލަންކާ އަދި ބަންގްލަދޭޝް އަށް ހުޅުމާލެއިން ބިން ހަމަޖައްސައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ސްރީލަންކާ އަދި ބަންގްލަދޭޝްގެ އެމްބަސީ ގާއިމްކުރަން ދިވެހި ސަރުކާރުން ބިން ދޫކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ "ސަން" އަށް ވިދާޅުވީ ޑިޕްލޮމެޓިކް އެންކްލޭވް ގާއިމު ކުރަނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން ކުރާ އުސޫލުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހުންނަ އެހެން ގައުމުތަކުގެ އެމްބަސީތަކަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމުގެ މަގުސަދަކީ އެތަންތަން ހިމާޔަތްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުން ފަސޭހަވާނެތީ އެވެ.

"އެއީ ވިއެނާ ކޮންވެންޝަނުގެ ދަށުން ދިވެހިރާއްޖޭގައި ހުރި އެމްބަސީތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް. އަޅުގަނޑުމެން ޖެހޭނެ އެތަންތަނަށް ސެކިއުރިޓީ އާއި ސަލާމަތާ ރައްކާތެރިކަން ދޭން. އެހެންވީމަ ރާއްޖޭގައި ހުންނަ ހުރިހާ އެމްބަސީތަކެއް އެއް ސަރަހައްދެއްގައި ގާއިމުވެފައި ހުރެއްޖެއްޔާ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ފަސޭހަވާނެ ބައެއް ހާލަތްތަކުގައި ރައްކާތެރިކަން ފޯރުކޮށްދޭން،" މިނިސްޓަރު ވިދާޅުވިއެވެ.

ޑިޕްލޮމެޓިކް އެންކްލޭވުން ބިން ދޫކުރުމުގައި އަމަލުކުރަނީ 'ރެސިޕްރޯކަލް' އުސޫލަށް ކަމަށާއި ގައުމަކަށް އެމްބަސީ ގާއިމުކުރަން ބިން ދޫކުރާނީ، އެ ގައުމަކުން ރާއްޖެއަށް ވެސް ބިން ދޭގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ސްރީލަންކާ އަދި ބަންގްލަދޭޝްއަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖައްސާފައި ވާއިރު، އެ ދެގައުމުން ވަނީ އެގައުމުތަކުގައި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ހިންގުމަށް ބިން ދޫކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބޭރުގައުމުތަކުން އެމްބަސީތައް ގާއިމުކުރަން ފެށި ހިސާބުން ވެސް ބިން ދިނުމަށް އެ ގައުމުތަކުން އެދެމުން އަންނަ ކަމަށެވެ.

އަދި ކުރީގެ ސަރުކާރުތަކުން ވެސް އެމްބަސީތަކަށް ބިން ދޫކުރުމުގެ މަސައްކަތް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ އެމްބަސީއަށް ބިން ދީފައިވަނީ ސޯސަން މަގުންނެވެ. ޗައިނާ އެމްބަސީ ގާއިމުކުރަން ހީނާމާގެ ދީފައިވާއިރު، ލަންކާއަށް ބިން ދީފައި ވަނީ އަލިކިލެގެފާނު މަގުންނެވެ. ނަމަވެސް ރާއްޖޭގައި ހުރިހާ އެމްބަސީތަކެއް ވެސް ހިންގަމުން އަންނަނީ ކުއްޔަށް ނަގާފައި ހުންނަ ބިން ތަކުގައެވެ.

އެހެންކަމުން ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭގައި ޑިޕްލޮމެޓިކް އެންކްލޭވް ހަދައި، މާލެއިން ދޫކޮށްފައި ހުރި ބިންތައް އެތަނަށް ބަދަލު ކުރުމަށެވެ.

އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ އެމްބަސީއަށް ވަނީ ހުޅުމާލެއިން ބިމެއް ދީފައެވެ. ނަމަވެސް އެ ބިން ދީފައި ވަނީ ޑިޕްލޮމެތިކް އެންކްލޭވްގެ ގޮތުގައި ކަނޑައެޅި ސަރަހައްދަކުން ނޫނެވެ.

"ސައުދީ އެމްބަސީއަށް ދޫކޮށްފައި އެބަ އޮތް ތިން ބިމެއް. އެއީ އެމްބަސީ ހަދަން ބިމަކާ، ސަފީރު ހުންނަވާ ބިމަކާ އަދި މުވައްޒަފުން ތިބޭނެ ބިމެއް،" ޝާހިދު ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ އެއީ ކުރީގެ ސަރުކާރުން ނިންމާފައި ނިންމުމެއް ނަމަވެސް، އެއީ ދިވެހި ސަރުކާރުގެ ނިންމުމަކަށް ވާތީ އެ ނިންމުމަށް އިހްތިރާމް ކުރާނެ ކަމަށާއި އެތަން ޑިޕްލޮމެޓިކް އެންކްލޭވް އަށް ބަދަލުކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ.

އަދި އެކަން ކުރިއަށް ގެންދާނީ ސައުދީ އެމްބަސީން ބޭނުންވާ ގޮތަށް ކަމަށެވެ.

ޑިޕްލޮމެޓިކް އެންކްލޭވް އިން އިންޑިއާއަށް ދޫކުރި ބިމުގައި މިހާރު ވަނީ އިމާރާތުގެ ބިންގާ އަޅައިފައެވެ. ރާއްޖޭގައި އިންޑިއާގެ އެމްބަސީ ހިންގަނީ ހ. އަތިރީގޭގެ އިމާރާތުގަ އެވެ.

comment ކޮމެންޓް