ހުޅުމާލޭ ކޯޓުން ނެރުނު ގިނަ އަމުރުތަކެއްގެ ސައްހަ ކަމާ މެދު ސުވާލު އުފެދިއްޖެ

ދެ އަހަރު ވަންދެން ހުޅުމާލޭ ކޯޓުން ނެރުނު ބަންދު އަމުރުތަކާއި ބަންދާ މެދު ގޮތެއް ނިންމުމުގެ އަމުރުތަކުގެ ސައްހަ ކަަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމެއްގައި ކަނޑައެޅި ކަނޑައެޅުމެއްގެ ސަބަބުން ސައްހަ ކަމާ މެދު ސުވާލު އުފެދިފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި ދެވަނަ ދުވަހުން ފެށިގެން މިދިޔަ ޖުލައި ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ކޯޓުން ނެރެފައިވާ ބަންދާ މެދު ގޮތެއް ނިންމުމުގެ އަމުރުތަކާ މެދު އެވެ.

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 3:10 އެހާކަންހާއިރު، ހުޅުމާލެ ގޯތި ނަންބަރު: 10361، އަހުމަދު ރަޝީދު ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލަ ބެލުމަށްފަހު، ހައިކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއެއްގައި ރާއްޖޭގެ ވެރިކަންކުރާ ރަށް ވިލިމާލެ އާއި ހުޅުމާލެ ހިމެނޭގޮތުން އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ނެރެންޖެހޭ ކޯޓު އަމުރުތައް ނެރެންވާނީ ގާނޫނަކުން ނުވަތަ ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހިނދަކު، ހަމައެކަނި ކްރިމިނަލް ކޯޓުން ކަމުގައި ހަމަޖައްސައިފައިވާކަމަށެވެ.

އެ ހުކުމްގައި ވަނީ ސުޕްރީމް ކޯޓުގެ ސާކިއުލާއިން ގާއިމްކޮށްފައިވާ އުސޫލަށް މިދިޔަ ޖުލައި ހަތް ވަނަ ދުވަހާ ހަމައަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން ފާހަގަކޮށްފަ އެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވެ، އެ ގާނޫނުގެ ދަށުން ހެދިފައިވާ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް ބަލާއިރު، އެ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ވެސް، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ އުމުރުން 18 އަހަރު ވެފައިވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ބެލޭނީ މާލޭގައި ނަމަ ކްރިމިނަލް ކޯޓުންކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

އެ ހުކުމްގައި އަދި ފާހަގަ ކުރީ، ހުޅުމާލެ ކޯޓަށް ހާޒިރުކޮށް އެފަދަ ބަންދު އަމުރުގެ މައްސަލަތައް އެ ކޯޓުގައި ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ލިބިދީފައި ވަނީ ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ގެނައި އިސްލާހުން ކަމަށެވެ.

އެހެންކަމުން އެ މައްސަލާގައި ތުހުމަތު ކުރެވޭ އަހްމަދު ރަޝީދުގެ ބަންދާމެދު ހުޅުމާލޭ ކޯޓުން ގޮތެއް ނިންމީ ޖުލައި ހަތް ވަނަ ދުވަހުގެ ކުރިން ކަމަށްވާތީ، އެއީ އޭގެ ކުރިން އެ ކޯޓަށް ބާރު ލިބިގެންވާ ކަމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން މިދިޔަ ޖުލައި ހަތް ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ކޯޓުން ވަނީ ބަލައި ފާސްކުރުމާއި، ހައްޔަރު ކުރުމާއި އަދި ބަންދާ މެދު ގޮތެއް ނިންމުމުގެ ގިނަ އަމުރުތަކެއް ފުލުހުން އެދިގެން ނެރެފަ އެވެ. މިއަދު ހައިކޯޓުން ކުރި ހުކުމާ އެކު، އެ މުއްދަތުގައި ނެރުނު އަމުރުތަކާ ގުޅުން ހުރި މައްސަލަތަކުގެ ދައުވާތަކުން ތުހުމަތު ކުރެވޭ މީހުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

comment ކޮމެންޓް