ހުޅުލެ ސާފުކުރުމަށް އެމްއޭސީއެލް އެކުގައި ނިކުމެއްޖެ

ހުޅުލެ ސާފު ކުރުމުގެ މަސައްކަތް މިއަދު ކުރަނީ -- ސަން ފޮޓޯ/ އަވްޝަން އިލްޔާސް

ހުޅުލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ކުނިތައް ނަގައި ސާފުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ނުކުމެއްޖެ އެވެ.

އެމްއޭސީއެލްގެ ގިނަ މުވައްޒަފުންގެ ބޮޑު ތަރުހީބަކާ އެކު މިއަދު ވަނީ ހުޅުލެ ސާފުކުރުމުގެ ސިލްސިލާ ޕްރޮގްރާމެއް ފަށައިފަ އެވެ. "ސަޅި ހުޅުލެ" ނަމުގައި ކުރިއަށްދާ އެ ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައި ވަނީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.

އެއަރޕޯޓު ސާފުކުރުމުގެ ޕޮރޮގްރާމް ފެށުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިލްސިލާކޮށް މިއަދު ފެއްޓި ޕްރޮގްރާމުގައި އެމްއޭސީއެލްގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. އެ ޕްރޮގްރާމް ލޯންޗުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސާ ސޯލިހު ވިދާޅުވީ 2015 ވަނަ އަހަރުން ފެށިން ހުޅުލެއަކީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ދާ ތަނަކަށް ވާތީ އޭގެ ސަބަބުން ރަށުތެރެ ގޮނޑުވަމުން ދާ ކަމަށެވެ.

"ރަށުތެރެ ގޮނޑުވަމުން ދާކަން ރަށަށް އަރާ މީހުންނަށް ވެސް ފާހަގަކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ސާފުކުރުމުގެ ކަންތައް ހަމައެކަނި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ތިބެވެން ނެތް ކަމަށާއި މިއަދު ފެށި ޕްރޮގްރާމްއަކީ އެމްއޭސީއެލްގެ ފަރާތްތައް ގުޅިގެން ހުޅުލެ ސާފުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމާ ގުޅޭ ގޮތުން ނޫސްވެރިނަށް އިތުރަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ ކާގޯ ސާވިސެސްގެ މެނޭޖަރު އަމްޖަދު ނަސީރު ވިދާޅުވީ މިއަދު ފެށި ޕްރޮގްރާމުގައި 500 އަށް ވުރެ މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ.

އެއަރޕޯޓު ސާފުކުރުމުގެ ޕޮރޮގްރާމް ފެށުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރިއަށް އޮތް ހަތަރު މަހަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ސިލްސިލާ ޕްރޮގްރާމުގެ ދަށުން ހުޅުލެ ސާފުކުރުމުގެ އިތުރު ހަތަރު ޕްރޮގްރާމެއް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޕްރޮގްރާމުގައި ބޮޑަށް އަލިއަޅުވާލާނީ ހުޅުލޭގައި ގިނަ ދުވަސްވެފައިހުރި ބޮޑެތި ކުނިތައް ސާފުކުރުމަށް ކަމަށް އަމްޖަދު ވިދާޅުވިއެވެ. އޭގެތެރޭގައި ބޮޑެތި ދަގަނޑުފަދަ ތަކެތި ހިމެނޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް