ސިނަމާލެ ބްރިޖުގައި މިއަދު ހަތަރު ކާރެއް އެކްސިޑެންޓުވުމުން އުފެދުނު ޓްރެފިކް ބްލޮކްގެ ސަބަބުން މާލެ ހުޅުމާލެ ފެރީގެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
މިރޭ އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ ބްރިޖުމަތީގައި ހިނގި އެކްސިޑެންޓާ ގުޅިގެން ޓްރެފިކް ބާރުބޮޑު ވެފައިވާތީ އެ ކުންފުނީގެ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ ރޫޓު އެކެއް، ދޭއް، ތިނެއް، ހަތަރެއް، ހަތެއް، އަށެއް އަދި ނުވައެއްގެ ޝެޑިއުލް ދަތުރުތަކުގައި ބޮޑު ލަސްކަމެއް އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން އެ ކަމަށްޓަކައި ކަސްޓަމަރުންގެ ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އަދި ބްރިޖްގެ ޓްރެފިކް ބާރުބޮޑުވެފައިވުމާ ގުޅިގެން މާލެ ހުޅުމާލެ ފެރީގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުން އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ގިނަ އަދަދެއްގެ ކަސްޓަމަރުން އަންނަމުންދާތީ ފެރީ ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް ވަނީ އެދިފައެވެ.
ބްރިޖު ހައިވޭގެ، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރު ޖެހި އެކްސިޑެންޓުގެ ސަބަބުން އުފެދުނު ޓްރެފިކް ބްލޮކް މިހާރު ވަނީ ހައްލު ކުރެވިފައެވެ. އެ އެކްސިޑެންޓުގެ ސަބަބުން ޓްރެފިކް ބަންދުވެ، ހުޅުމާލެއަށް ދަތުރުކުރި ގިނަ ބަޔަކު ގަޑިއިރަކަށް ވުރެ ގިނައިރު ޓްރެފިކުގައި މަޑު ކުރަން ވަނީ ޖެހިފައެވެ.
އެކަމަކު، ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގެ ސަބަބުން އުފެދުނު ޓްރެފިކް ބްލޮކް މިހާރު ވަނީ ހައްލު ކުރެވިފައެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިން ގޮތުގައި 100އެއްހާ ކާރުގެ ދިގު ކިޔޫއެއް ބްރިޖާއި ހައިވޭގައި މިއަދު ހަދައިފައި އޮތެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ކިޔައިދިނެވެ.