ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީއިން އެދިއްޖެ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --

ދައުރުން ބޭރުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން މިއަދު މަޖިލީހުގެ އިދާރާގައި އެދިއްޖެ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ޗުއްޓީއަކަށް މަޖިލިސް ވަނީ ގޮސްފަ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެޖޭރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން އެމްޑީޕީގެ ފަރާތުން މިހާރު މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން ވާނެ އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެދިފައިފާކަމަށް އާޒިމް ވިދާޅުވި ނަމަވެސް، ޖަލްސާއެއް ބޭއްވުމަށް އެދުނު ސަބަބު އާޒިމް ހާމައެެއް ނުކުރައްވަ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް އާޒިމް އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އިތުރު ތަފްސީލެއް ނުލިބެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ، ޓެރެރިޒަމް ފަދަ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްވެރިންގެ ކުރާ ކުށްތައް ހުއްޓުވުމަށް ޖިނާއީ އިޖުރާތުގެ ގާނޫނާއި ޓެރިޒަމްގެ ގާނޫނަށް ވީހާވެސް އަވަހަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ބެލެވޭ ގޮތުގައި، ދައުރުން ބޭރުން ޖަލްސާއަށް ބާއްވަން އެމްޑީޕީން އެދިފައިވަނީ، އެ ދެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެ ދެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ޑްރާފްޓްކޮށް ނިންމައި ރައީސް އޮފީހާ ހަމައަށް މިދިޔަ ހޯމަ ދުވަހު އަންނާނެ ކަމަށެވެ. އަދި މަޖިލީހަށް ފޮނުވައިގެން ވީހާވެސް އަވަހަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރުއޮތް ގޮތުން މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް އެ ގާނޫނު ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ނުކުރެވިއްޖެ ނަމަ ދެން އެމީހާގެ މައްޗަށް އެމައްސަލާގައި ދައުވާއެއް ނުކުރެވޭނެ އެވެ.

comment ކޮމެންޓް