ޕްލޭނިންއިން މަނާކޮށްފައި ވަނިކޮށް ސިޑިބަރިތައް ބޭނުން ނުކުރެވޭނެ: މަހުލޫފް

ގަލޮޅު ދަނޑު ކުރިން މަރާމާތު ކުރަނީ

މިރޭ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗު ބެލުމަށް ގަލޮޅު ދަނޑަށް ވަނުމަށް ގިނަ ސަޕޯޓަރުންތަކެއް އެދުނު ނަމަވެސް ދަނޑުގެ ސިޑިބަރި ބޭނުން ނުކުރަން ޕްލޭނިން މިނިސްޓްރީން އަންގާފައިވަނިކޮށް، ރައްޔިތުންގެ ފުރާނަ އަށް ގެއްލުމެއް ލިބިދާނެ ކަމެއް ކުރަން ހުއްދައެއް ނުދެއްވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ސިޑިބަރިތަކުގައި ރެނދުލައި ބާވެފައި ވުމުގެ ސަބަބުން ޕްލޭނިންގް މިނިސްޓްރީން މިއަހަރުގެ ކުރީކޮޅު ވަނީ ގަލޮޅު ދަނޑުގެ އިރުމަތީ ފަރާތު (ބޮޑު ސިޑިބަރިއާއި) ސަހަރާއާއި ވީ ފަޅީފެ ސިޑިބަރި ބަންދު ކޮށްފަ އެވެ. ނަމަވެސް އެތަންތަން މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވުމުން އެކަން ނުވެ އޮއްވާ ފުޓުބޯޅައިގެ ފޯރި މިވަނީ އަލުން ވައިގައި ހިފައި ދަނޑު ފުރާލަން ބޭނުންވެފަ އެވެ.

މީގެ ކުރިން، 8،000 ޖާގައިގެ ގަލޮޅު ދަނޑަށް މިހާރު ވަދެވޭނީ 3500 މީހުންނަށްކަމަށް ވާއިރު މިރޭ އޮންނަ ވަރުގަދަ މެޗު ބެލުމަށް ކެތްމަދުވެފައިވާ ދިވެހިންގެ ޝަކުވާތައް ފުރަތަމަ ވެސް އަމާޒުވީ ކުޅިވަރާ ބެހޭ މިނިސްޓަރަށެވެ.

އެގޮތުން މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ވަނީ މި މެޗަށް ސަޕޯޓަރުން ވެއްދުމަށް މިނިސްޓަރު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމާބެހޭ އެކްސްޕާޓުންނާ މަޝްވަރާކޮށް ސާވޭ އަލުން ހަދައިގެން ނަމަވެސް ބަންދުކޮށްފައިވާ ސިޑިބަރިތައް ހުޅުވާލަން މަސައްކަތް ކުރެއްވުން މުހިއްމު ކަމަށް ބުނެފަ އެވެ.

އެއީ ޗައިނާ ކަހަލަ ވަރުގަދަ ގައުމަކާ ކުޅޭ އިރު ހޯމް އެޑްވާންޓޭޖް ނެގޭނީ ވީހާ ވެސް ގިނަ ސަޕޯޓަރުންނެއް ކުރިމަތީގައި ކުޅުމުން ކަމަށްވާތީ އެވެ. އަދި ދާދި ފަހުން މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ވެސް ދަނޑު ބޭނުން ކުރުމުން މި މެޗަށް ވެސް ކޮންމެސް ވަރަކަށް އެ ސިޑިބަރިތައް ބޭނުން ކުރެވޭނެތޯ ބެލުމަށް ސަޕޯޓަރުން ބޭނުންވެ އެވެ.

އެއަށް ޖަވާބުދެއްވައި މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑުގެ ސިޑިބަރި ބޭނުން ނުކުރަން ޕްލޭނިން މިނިސްޓްރީން އަންގާފައިވަނިކޮށް، ރައްޔިތުންގެ ފުރާނަ އަށް ގެއްލުމެއް ލިބިދާނެ ކަމެއް ކުރަން ހުއްދައެއް ނުދެއްވޭނެ ކަމަށެވެ.

"ގަލޮޅު ދަނޑު ޖެހޭނީ ތަޅާލަން. ސްޓޭޑިއަމެއް އަޅަން ފައިސާ ހޯދުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަސައްކަތް އެބަކުރައްވާ،" މަހުލޫފު ވިދާޅުވެފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް ހުށައަޅާނެ ކަން ފާހަގަ ކުރައްވަމުން މަހްލޫފް ކުރިން ވިދާޅުވީ ގަލޮޅު ދަނޑު މަރާމާތުކޮށް ނިމެންދެން އެ ދަނޑުގެ ކުޅުން ހުޅުމާލޭ ދުވާ ޓްރެކަށް ބަދަލު ކުރާނެ ކަމަށެވެ.

comment ކޮމެންޓް