ޒިމްބާބުވޭގެ ކުރީގެ ރައީސް މުގާބޭ އަވަހާރަވެއްޖެ

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭ: އޭނާ ވަނީ 1980 - 2017 އަށް އެ ގައުމުގެ ވެރިކަން ކުރައްވާފައި --

ޒިމްބާބުވޭގެ ދިގު ޒަމާންތަކެއް ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް ރޮބަޓް މުގާބޭ އުމުރުފުޅުން 95 އަހަރުގައި އަވަހާރަވެއްޖެއެވެ.

ތިރީސް ހަތް އަހަރުގެ ދިގުވެރިކަމަކަށް ފަހު، 2017 ވަނަ އަހަރު މަގާމުން ދުރުކުރި މުގާބޭ އަވަހާރަވީ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް ޒިމްބާބުވޭގެ ރަސްމީ މަސްދަރުތަކުން ވަނީ ބައިނަލްއަގުވާމީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އަދި މުގާބޭގެ އާއިލާއިންވެސް ވަނީ އޭނާ އަވަހާރަވީ އާލާސްކަންފުޅެއްގައި ކަމަށް ބުނެފައެވެ.

ނަވާރަސަތޭކަ އަށްޑިހައިގައި ޒިމްބާބުވޭއަށް މިނިވަންކަން ލިބުނު ފަހުން ހަތް އަހަރުވަންދެން މުގާބޭ އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން 30 އަހަރުވަންދެން ރައީސްކަން ކުރެއްވިއެވެ.

މުގާބޭ ވެރިކަމުން އިސްތިއުފާ ދެއްވީ އެގައުމުގެ އަސްކަރިއްޔާއިން ބަޣާވާތެއްކޮށް، މުގާބޭ އާއި އޭނާގެ އަނބިކަނބަލުން ގޭ ބަންދުގައި ބައިތިއްބައިގެން ތިބޭތާ ހަފްތާއެއް ފަހުން، 21 ނޮވެމްބަރު 2017އިގަ އެވެ. އެ ބަޣާވާތް ކުރީ މުގާބޭ ނޮވެމްބަރު ހަޔެއްގައި އޭނާގެ ނައިބު ރައީސް އެމާސަން މަނަންގާގުވާ މަގާމުން ދުރުކުރެއްވި ފަހުންނެވެ. އަދި އެމަގާމަށް ދެން އައްޔަން ކުރާނީ އަނބިކަނބަލުން ގްރޭސް ކަމަށް ހަބަރު ފެތުރުމުންނެވެ.

އޭގެ ފަހުން މުގާބޭގެ ޒަނޫ ޕީއެފް ޕާޓީން އެޕާޓީގެ ލީޑަރުން ކަމުން މުގާބޭ ދުރުކޮށް އެމަގާމަށް މަނަންގާގުވާ ގެނައެވެ. އަދި ބަޣާވާތަށް ފަހު ވެރިކަމާ ހަވާލުވީވެސް މަނަންގާގުވާއެވެ.

މުގާބޭއާއި އަނބިކަނބަލުން ގްރޭސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވުނު ނަމަވެސް ޒިމްބާބުވޭގެ އަސްކަރިއްޔާއިން ވަނީ އޭނާއާއި އޭނާގެ އާއިލާގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް