މުސްލިމުން މަރަން ރޭވި މީހަކު ސިންގަޕޫރުން ހައްޔަރުކޮށްފި

ނިއުޒީލެންޑުގައި 2019 ވަނަ އަހަރު އެތައް މުސްލިމުންނެއް މަރައި ހިންގި ގަތުލުއާންމު ހިންގި ގޮތަށް ސިންގަޕޫރުގައި އެ ކަން ކުރުމަށް އޮންލައިން ގޭމެއް ބޭނުންކޮށްގެން ތަމްރީނު ހޯދަމުން ދިޔަ 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސިންގަޕޫރުގެ ސަލާމަތީ ކަންކަމާބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

އުމުރުން 18 އަހަރުގެ ނިކް ލީ ނަމަކަށް ކިޔާ އެ ޒުވާނާ ހަމަލާ ރާވަމުން އައީ މީގެ ކުރިން ނިއު ޒީލެންޑުގައި މުސްލިމުން މެރި ބްރެންޓަން ޓެރަންޓް އެ ކަންކުރި ގޮތް މިސާލަކަށް ބަލައިގެންނެވެ.

ޓެރަންޓް ވަނީ 2019 ވަނަ އަހަރުގެ މާޗް މަހު ކްރައިސްޓްޗާޗްގެ މިސްކިތްތަކަށްވަދެ ދިން ނުރައްކާތެރި ބަޑީގެ ހަމަލާތަކުގައި 51 މީހަކު މަރާލާފައެވެ.

ސިންގަޕޫރުގެ އިންޓާނަލް ސެކިއުރިޓީ ޑިޕާޓްމެންޓް (އައިއެސްޑީ) އިން އެ ބުނީ ލީ ހަމަލާދޭން ރާވާފައި އޮތީ ސިންގަޕޫރުގެ މިސްކިތެއްގައި ކަމަށާއި، އެ ކަން ކުރަން ރޭވީ އަމިއްލައަށް ހަދާފައިވާ ހަތިޔާރާއި ވަޅިއާއި އަލިފާން ބޮން ބޭނުންކޮށްގެން ކަމަށެވެ.

އަދި ހަމަލާދޭ ވަގުތު ލައިވް ސްޓްރީމްކުރަން ވެސް ރާވާއިފައިވާ ކަމަށް އައިއެސްޑީއިން ބުނެއެވެ. އެއީ ޓެރަންޓް ވެސް ކަންތައްކުރި ގޮތެވެ.

ލީ ވަނީ ޓެރަންޓް ނިއުޒީލެންޑަށް ދިން ހަމަލާތަކުގެ ލައިވްސްޓްރީމްތަކުގެ ވީޑިއޯ ހޯދައި ތަކުރާރުކޮށް ބަލާފައި ކަމަށް ވެސް އައިއެސްޑީން ބުނެއެވެ.

އައިއެސްޑީން ބުނީ ލީ ބަންދުގައި ބެހެއްޓުމުގެ އަމުރެއް މިދިޔަ ޑިސެމްބަރު މަހު ނެރުނީ އިންޓާނަލް ސެކިއުރިޓީ ގާނޫނުގެ ދަށުން ކަމަށެވެ. އެއީ ޝަރީއަތަކާ ނުލައި މީހަކު ބަންދުގައި ބެހެއްޓުމުގެ ބާރު ލިބޭ ގާނޫނެކެވެ.

އައިއެސްޑީން ބުނާ ގޮތުގައި ލީ މުސްލިމުންނަށް ނަފްރަތުކުރަން ފެށީ 2023 ވަނަ އަހަރު، ސޯޝަލް މީޑިއާގައި މުސްލިމުންނާ ދެކޮޅަށް ފެތުރި ހަރުކަށި ފިކުރުގެ ޕްރޮޕެގެންޑާތައް ގަބޫލުކުރެވިގެންނެވެ.

ސިންގަޕޫރަކީ ހަރުކަށި ފިކުރުތަކާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ގައުމެކެވެ.

ޓެރަރިޒަމްގެ އިންޒާރުތަކާ ބެހޭ ގޮތުން ޖުލައި މަހު ސިންގަޕޫރު ސަރުކާރުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ފުރާވަރުގެ ކުދިން ހަރުކަށި ފިކުރުގެ ތެރެއަށް ދިއުން ވަނީ ކަންބޮޑުވާ ހިސާބަށް ގޮސްފައެވެ.

ސަލާމަތީ އިދާރާތަކުން ފާހަގަކޮށްފައިވާ ގޮތުގައި އަމިއްލައަށް ހަރުކަށި ފިކުރުތަކަށް ގޮސްފައިވާ 52 މައްސަލައިގެ ތެރެއިން 13 މައްސަލައަކީ އުމުރުން 20 އަހަރުން ދަށުގެ ޒުވާނުންގެ މައްސަލަތަކެވެ.

comment ކޮމެންޓް