ކުރެވުނު ކަމެއް ކޮށްގެން އަނދިރި ދައުލަތް ނައްތާލަން އެބަޖެހޭ: އީވާ

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ހިންގާ އަނދިރި ދައުލަތް ނައްތާލަން އެކަމާ ގުޅުން ހުރިހާ އެންމެން ލުހެލައިގެން އެކަން ކުރަންޖެހޭ ނަމަވެސް އެކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގޮވާލައިފިއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާންމު ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ވާގޮތުން އޭނާ ރަހީނުކޮށްގެން ގެންގޮސް ކަނޑު ފައްތާ މަރާލީ ދީނީ ހަރުކަށި ފިކުރުގެ އަލްގައިދާ އަށް ނިސްބަތްވާ ދިވެހިންތެކެކެވެ.

މިއަދު މަޖިލީހުގައި އެ ރިޕޯޓަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ އެ އަނދިރި ދައުލަތުގެ މައްސަލައަކީ "ކޮއްޓާލަ ކޮއްޓާލާ ދިރާސާ ކޮއްލަ ކޮއްލައި" ތިބެވޭވަރުގެ ކަމެއް ނޫން ކަމަށެވެ.

"ދެކެވުނުހާ ތަނެއްގައި ދެކެވުނުހާ ވާހަކައެއް ދައްކައިގެން ކުރެވުނުހާ ތަނެއްގައި ކުރެވުނު މަސައްކަތެއް ކޮށްގެން އަޅުގަނޑުމެން މިހާރުން މިހާރަށް މި ބިރުވެތިކަމުން ސަލާމަތްވާން އެބަޖެހޭ. މިކަން ކުރި މީހުން އެބަ އެނގޭ. އެނގޭ އިރު އެމީހުންގެ ވިޔަފާރިތައް އަދިވެސް އެބަ ހިނގާ،" އީވާ އަބްދުﷲ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އަނދިރި ދައުލަތުން މީހުންގެ ލޭ އެހޮރުވާ މަރަން ފައިސާ ހޯދާ ފޮތިފިހާރަތަކާއި ޖިމްތަކާއި ރެސްޓޯރެންޓުތައް އަދިވެސް ހިންގާ ކަމަށެވެ. އެއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު ހީކުރީ އެ ރިޕޯޓު ހާމަކުރާއިރު އޮންނަންޖެހޭނީ މިބުނާ މީހުންގެ ޓެގު އެޅުވިފައި މުޖުތަމައުގެ ނުރައްކަލަކަށް ނުވާވަރު ކުރެވިފައި ކަމަށް. އެހިސާބުގައި އޮންނަން ޖެހޭނީ. މި ބިރުވެތިކަމުން އަޅުގަނޑުމެން ސަލާމަތްވުން އެއީ ރިލްވާނަށް އަޅުގަނޑުމެންނަށް ހޯދައިދެވޭނެ އިންސާފަކީ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މަންމައެއްގެ ލޯބިވާ، ރަހުމަތްތެރިންނަށް ހިނިތުން ގެނުވައިދިން ރިލްވާން މަރާލަން ފާރަލައިދީ ދިވެހި ފުލުހުން ނުކުމެ ކަމަށެވެ. އަދި ރިލްވާން މަރާލި މީހުންނަށް ޕާސްޕޯޓުތަކާ އެއްޗެހި ހަދައިދިނީ އިމިގްރޭޝަނުގައި ތިބި ބަޔަކު ކަމަށެވެ.

އީވާ ވިދާޅުވީ ރިލްވާން މަރާލީ "ދިވެހި ދައުލަތުން ރާވައިގެންނޭ ނުބުނެވޭނެ އެއްވެސް ޖާގައެއް ނެތް" ކަމަށެވެ. އަނދިރީގައިވާ އަޑީގައިވާ ނުރައްކާތެރި ދައުލަތެއް ރާއްޖޭގައި އުފެދިފައިވާކަމާ މެދު މިހާރު ދިވެހި ރައްޔިތުންނަށް ޝައްކު ނުވާނެކަމަށް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ އެންމެ ބިރުގަންނަނީ އަދިވެސް މިމީހުން ސަލާމަތުން ތިބީތީވެ. މި ލުހެލާން އެބަޖެހޭ. މުޅި ފުލުސް އޮފީސް، މުޅި އިންޓެލިޖެންސް ޑިޕާޓްމެންޓް ލުހެލައިގެން ނަމަވެސް އަޅުގަނޑުމެން މިކަން އެބަ ކުރަންޖެހޭ. ދިވެހި ދައުލަތް މިކަމުގެ ތެރެއިން އެބަ ސަލާމަތްކުރަން ޖެހޭ." އީވާ ވިދާޅުވިއެވެ.

ރިލްވާނުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލު ރިޕޯޓުގައި ވާގޮތުން ހުޅުމާލެއިން ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަހު ދޯންޏަކަށެވެ. އަދި ރިލްވާން އެ ދޯންޏަށް އެރުވުމަށްފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައިވާކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ 14 މީހެއްގެ ޕާސްޕޯޓު މިހާރު ވަނީ ހިފެހެއްޓިފައެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ރިލްވާން ގަދަކަމުން ފޮރުވިކަމަށް ބުނެ ދައުލަތުން ދެ މީހަކަށް މީގެ ކުރިން ދައުވާކުރިއެވެ. އެއީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެ ދެ މީހުން ދައުވާއިން ސަލާމަތްވިއެވެ.

comment ކޮމެންޓް