މުޒާހަރާތަކާ ގުޅިގެން ހޮންކޮންގް ސަރުކާރުން ބިލު އަނބުރާ ގެންދަނީ

ހޮންކޮންގެ ލީޑަރު ކެރީ ލާމް މިއަދު ބިލް އަނބުރާ ގެންދަވާނެ ކަަމަށް މީޑިއާތަކުން ބުނޭ -- ފޮޓޯ: އޭޕީ

ހޮންކޮންގް (ސެޕްޓެމްބަރު 4): ހޮންކޮންގެ ސަރުކާރުން ޕާލިމެންޓަށް ހުށަހެޅި އެކްސްޓްރެޑިޝަން ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަމުން ދާތީ ސަރުކާރުން އެބިލް އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ހޮންކޮންގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

ސައުތް ޗައިނާ މޯނިން ޕޯސްޓުގައިވާ ގޮތުން މިއަދު ހޮންކޮންގެ ލީޑަރު ކެރީ ލާމް، ޗައިނާގެ ސިޔާސަތުތަކަށް ތާއިދު ކުރާ ހޮންކޮންގެ މަޖިލިސް މެމްބަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ބިލް އަނބުރާ ގެންދާކަން ހާމަ ކުރަައްވާނެ އެވެ.

ޗައިނާ މޯނިން ޕޯސްޓުގެ އިތުރުން ހޮންކޮންގެ ދެ ނޫހަކުންވެސް ވަނީ ލާމް މިއަދު ބިލް އަނބުރާ ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހޮންކޮންގައި މިދިޔަ އޭޕްރިލް މަހު ސިލްސިލާ މުޒާހަރާތައް ފެށީ ސަރުކާރުން ހުށަހެޅި ބިލު ފާސްކޮށްފި ނަމަ އެސިޓީގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރެވޭނެ ކަމަށް ބުނެ އެވެ. އަދި ޗައިނާގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށާއި އެގައުމުން ހައްޔަރު ކުރާ މީހުންނަށް އަނިޔާކޮށް، ގަދަކަމުން ކުށަށް އިއުތިރާފު ކުރުވާ ތުހުމަތުތައް ފާހަގަ ކުރެވޭ ކަމަށް ބުނެ އެވެ.

އެމުޒާހަރާތަކާ ގުޅިގެން މިދިޔަ ޖޫން މަހު ލާމް ވަނީ ބިލް ސަސްޕެންޑު ކުރައްވާފަ އެވެ. ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ އަދިވެސް ސަރުކާރާ ދެކޮޅަށް އެއްވުންތައް ބާއްވަމުންނެވެ. އަދި އެމުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގައި، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެ، އެތައް ސަތޭކަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެމުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ބިލް އަނބުރާ ގެންދިޔުމުގެ އިތުރުން، މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ތަހުގީގު ކުރުމަށް ކޮމިޝަނެއް އެކުލަވާލުމަށާއި ހައްޔަރުކޮށްފައިވާ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށާއި މުޒާހަރާއަކީ "ހަމަނުޖެހުން ހިންގުމަށް ކަމަށް" ލާމް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދިޔުމަށް ގޮވާލަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް