އިނގިރޭސި ވިލާތުގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިނުމަކީ އަބަދުވެސް ދެކެމުން އަންނަ ބޮޑު ހަވަފެނެއް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނެފި އެވެ.
މިހާރު، އުމުރުން 44 އަހަރުގެ ބެކަމް ވަނީ އިނގިރޭސި ޓީމަށް ޖުމަލް 115 މެޗު ކުރިން ކުޅެދީފަ އެވެ. އޭގެ ތެރެއިން 55 މެޗުގައި އޭނާ ވަނީ އިނގިރޭސި ޓީމުގެ ކެޕްޓަންކަން 2000-2006 އާ ދެމެދު ކޮށްފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑަށާއި ރެއާލްމެޑްރިޑަށް ވެސް ކުޅެދީ ބޮޑެތި ކާމިޔާބީތަކެއް ހޯދި ބެކަމް 2013 ވަނަ އަހަރު ޕީއެސްޖީއަށް ކުޅުމަށްފަހު ރިޓަޔާ ކުރަމުން ބުނީ އޭނާ ކުރިއަށް އޮތްތާ ކޯޗިންގް ދާއިރާއިން ނުފެންނާނެ ކަމަށެވެ. ކުޅުން ހުއްޓާލުމަށްފަހު ބެކަމް ފުޓުބޯޅައިގައި ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ އެމެރިކާގަ އެވެ. އޭނާ އަންނަނީ އެގައުމުގެ ޓީމެއް ކަމަށްވާ އިންޓާ މިއަންމީ ނަމަކަށް ކިޔާ ޓީމަކަށް ބޮޑު އެންވެސްޓެއް ކޮށް އެ ޓީމު ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އަންނަ އަހަރުގެ އެމެރިކާ ފުރަތަމަ ޑިވިޝަނުން އެ ޓީމު ފެނުމާ ގާތެވެ.
އެހެން ނަމަވެސް އިނގިރޭސި ވިލާތުގެ ކޯޗުކަމުގެ ވަޒީފާއާ ހަވާލުވާން ފުރުސަތެއް ލިބިއްޖެ ނަމަ އެކަމާ މެދު ވިސްނާނެ ކަމަށް ބެކަމް ވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.
ބެކަމް ބުނީ ކުލަބެއްގެ މެނޭޖަރުކަން ކުރަން އަދި ނުވިސްނާ ކަމަށާއި ނަމަވެސް އިންގްލޭންޑުގެ ކޯޗުކަން ކުރުމާ ބެހޭ ގޮތުން ގިނަ ބަޔަކު އޭނާއާ ސުވާލު ކުރާ ކަމަށެވެ.
"މީހަކު އައިސް އަހަރެން ގާތު އިނގިރޭސި ވިލާތުގެ ކޯޗަކަށް ވާނަންހޭ އަހައިފިއްޔާ އަހަރެންގެ ޖަވާބަކަށް ވާނީ އާނއެކޭ. އަހަރެންނަކީ ގައުމު ދެކެ ލޯބިވާ މި ގައުމަށް ހިދުމަތް ކުރަން އަބަދުވެސް ބޭނުންވާ މީހެއް. އެކަހަލަ ފުރުސަތެއް ލިބިއްޖެޔާ ބޭނުން ހިފާނަން،" ބެކަމް ބުންޏެެވެ.
އޭނާ އިތުރަށް ބުނީ، މިވަގުތު ޓީމުގެ ކޯޗުކަން ކުރަމުން އަންނަ ގެރެތު ސައުތް ގޭޓް އަންނަނީ ޓީމަށް ރަނގަޅު އިރުޝާދުތަކެއް ދީ ފުޓުބޯޅައިގެ ފޯރި މުޅި ގައުމުގައި އަލުން ދިރުވާ އާލާ ކުރަމުން ކަމަށެވެ.