މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމު އެކަނި ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ކޮމިޓީއިން ފާސްކުރި އިރު މީރާގެ ހުރިހާ ބޯޑު މެމްބަރުންގެ މަގާމު ގެއްލޭގޮތަށްވެސް ހިމަނާފައިވެ އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމަށް އިސްލާހު ހުށަހަޅައި މީރާގެ މުޅި ބޯޑު މެމްބަރުންގެ މަގާމު ނުގެއްލޭ ގޮތަށް ބިލު ވަނީ އިސްލާހު ކޮށްފަ އެވެ.
ނަމަވެސް ޔަޒީދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމު ގެއްލޭ ގޮތަށް ހިމަނާފަައިވާ ބައި އުނިކޮށްފައެއް ނުވެ އެވެ. މިއަދު މަޖިލީހުގައި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކުރުމަށް 59 މެމްބަރުން ވޯޓު ދެއްވި އެވެ. އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެމްބަރުން ތިއްބެވި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާޙުގައި ވާގޮތުން އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި ޔަޒީދުގެ މަގާމު ގެއްލޭނެ އެވެ.
މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންވެސް އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
މިހާރު ގާނޫނު އެކުލަވާލާފައި އޮތް ގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންއަށް ބޯޑުގައި ނަގާ ވޯޓުތަކުގައި ބައިވެރިވެ އެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
އޭގެ އިތުރުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުން ވަކިކުރެވޭނެ އުސޫލުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މިހާރު އޮންނަ ގޮތުން ކޮމިޝަނަރުގެ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހާލަތެއްގައި މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރެވިދާނެ އެވެ.
ނަމަވެސް ޓެކުހާ ބެހޭ އިދާރީ ގާނޫނަށް އިލްޔާސް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވި ކަމަށް ނުވަތަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ކަމަށް ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް މަޖިލީހުގެ ކޮމިޓީއަށް ފެނިގެން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅިދާނެއެވެ.
ޓެކްސް މައްސަލަ އިސްތިއުނާފު ކުރުމަށް ލުއިތަކެއް
ޓެކްސްގެ މައްސަލައެއް އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކުމަށް ފަހު އިސްތިއުނާފު ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް ދައްކަން ޖެހޭ ފައިސާގެ 30 ޕަސެންޓް ދެއްކުމުން އިސްތިއުނާފު ކުރެވޭ ގޮތަށްވެސް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.
ޓެކްސްނެގުމާ ބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވާގޮތުން ޓެކްސްގެ މައްސަލައެއް ޓެކްސް އެޕީލް ޓްރިބިއުނަލަށް އިސްތިއުނާފު ކުރުމުގެ ހައްގު އުފަން ވާނީ މީރާއިން ކަނޑައަޅާ އަދަދެއް އެއްކޮށް ދެއްކުމަށް ފަހު އެވެ.
އިލިޔާސް ލަބީބު އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން މީރާއިން ޓެކުހުގެ އަދަދަކާއި ގުޅިގެން ކަމަށްވާނަމަ، އެ ކަނޑައަޅާ އަދަދުގެ ތެރެއިން ޓެކްސް ދަައްކާ ފަރާތުން އިސްތިއުނާފުކުރާ އިރު ދައްކަން ޖެހޭނީ މަދުވެގެން 30 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.
އެ 30 ޕަސެންޓް ހިސާބުކުރާނީ އިސްތިއުނާފުކުރާ އަދަދާއި ގުޅިގެން ދައްކަން ޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓަރެސްޓެއް ނުލާ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުންވެސް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ. އެގޮތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މީރާއިން ނިންމާ ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒު ކުރާ ކަމުގެ ލިޔުން މީރާއަށް ހުށަހެޅުމުން އެކަމުގައި 120 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންވާނެ ކަމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެމުއްދަތުގައި ނުނިންމައިފި ނަމަ އެ އިއުތިރާޒު ކުރުން ނިސްބަތްވާ މީރާގެ ނިންމުން ރަނގަޅު ނޫން ކަމަށް މީރާއިން ނިންމީ ކަމުގައި ބެލެވޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.
މިހާރު އަމަލުކުރާ ގޮތުން މީރާގެ ނިންމުމަކަށް އިއުތިރާޒު ކުރާކަން 30 ދުވަހުގެ ތެރޭގައި އެންގި ނަމަވެސް އެ އިއުތިރާޒާމެދު ގޮތް ނިންމަން ވަކި މުއްދަތެއް ގާނޫނުން ދީފައެއް ނުވެ އެވެ.