ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނުނު ކުޅިވަރާ ގުޅުން ހުރި ކަންކަމުގެ ތެރޭގައި ނުނިމި އޮތް ހަމައެކަނި ކަންތައް ކަމަށްވާ އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލް ކޮމްޕްލެކްސް އެޅުމަށް އެންމެ ފަހުން ބިން ހުސް ކުރަން ފަށައިފި އެވެ.
ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްވިމިން ޕޫލް އެޅުމަށް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ. ރޭގައި ސްވިމިން ޕޫލް ކޮމްްޕްލެކްސް އެޅުމަށް ހުސްކުރަން ފެށި ސަރަހައްދަކީ ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑުގައި އަޅާފައި އޮތް ޓާފް ދަނޑެވެ.
ސްވިމިން ޕޫލް ކޮމްޕްލެކްސް އެޅުމަށް ހަވާލުކޮށްފައިވަނީ ކޮންބަޔަކާ ކަމެއް އަދި ކުޅިވަރާބެހޭ މިނިސްޓްރީން ހާމަކޮށްފައި ނުވާއިރު، މިކަމަށް ހޭދަވާ ފައިސާގެ ޖުމްލަ އަދަދުވެސް އެ މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން މި ސްވިމިންގް ޕޫލް އެޅުމަށް ހަމަޖެހިފައި އޮތް ބިމުގައި އެހެން ޕްރޮޖެކްޓެއް ފެށުމަށް ރޭވިފައި އޮތުމުން ބިމެއް ހޯދުމަށް ޕްލޭނިންގް މިނިސްޓްރީއާއި ގިނަ ބައްދަލުވުންތަކެއް ބޭއްވުނު ކަމަށް ވެސް މިނިސްޓަރު ވަނީ ކުރިން ބުނެފަ އެވެ.
ހުސްވި ޖުލައިމަހުގެ 31 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ސްވިމިން އެސޯސިއޭޝަނާ ބައްދަލުކޮށް، ޕޫލުގެ ކުރެހުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފަންޑު ހޯދައި، ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
އަދި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވާއިރު، އެޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.