މިދިޔަ ހަ އަހަރެއްހާ ދުވަހު ރާއްޖެ އޮތީ ސިޔާސީ ގޮތުން ބަނަ ވިލާގަނޑެއްގެ ދަށު އެވެ. އެންމެން ވެސް ހޭބޯނާރާ އުޅެން ޖެހިފައި އޮތީ ސިޔާސީ މަސައްކަތުގަ އެވެ. މުއައްސަސާތައް ވެސް ހުރީ، ތަޅުއެޅުވި، ސިޔާސީ ނުފޫޒު ވަދެފަ އެވެ. އޭގެ އަނެއް ފަރާތުން ބޮޑުވެ ފައްކާވަމުން ދިޔައީ، ހައްދު ފަހަނަ އެޅި ހަރުކަށި ފިކުރުތަކުގެ މައްޗަށް ބިނާވެފައިވާ ބޮޑު އަނދިރި ދައުލަތެކެވެ. އަހަރުމެންނަށް ހޭ އެރިއިރު، އެ ދައުލަގުގެ މޫތައް މި ވަނީ މުޖުތަމައުގެ ވަރަށް އަޑިއަށް ފެތުރި، ނިކަން ރަނގަޅަށް ހަރުލައިފަ އެވެ. އެމީހުންގެ ބިރުވެރި ހަރަކާތްތަކުން، ހަ ފަރާތުގައި އޮތީ ނުރައްކަލާއި ބިރެވެ.
".[ހަނގުރާމައަށް މީހުން] އާންމު ގޮތެއްގައި ރެކްރޫޓް ކުރަނީ އެކަނިވެރިވެރިހެން ހީވާ ޅަ ފުރައިގެ ކުދިން ހޯދައިގެން އެ ކުދިން ފަހަތުންގޮސް، އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، ދީން އޮޅުން ފިލުވައިދުމުގެ ނަމުގައި، ދަރުސް ދޭން ގެންގޮސް އެކުދީންނަށް ޖިހާދީ ފިކުރުގެ ވީޑިއޯއާއި ފޮތްތައް ދީގެން [ހަރުކަށި ޖަމާއަތުގެ] މީހުން އެ މަސައްކަތް ކުރަމުން ދަނީ،" ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ މަސައްކަތްތައް ހުރި ހިސާބު އޮޅުންފިލުވައި ދެމުން، އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވާގޮތުން "ހަރަކަށި ފިކުރު" ނުވަތަ "ޖިހާދީ ފިކުރު"ގެ ހަރަކާތްތައް ރަސްމީ ސިފައެއްގައި ފެނިގެން ދިޔައީ، މީގެ ހަތް އަހަރު ކުރިން ޑިސެމްބަރު، 10، 2010ގައި "މިނިވަން ހިޔާލު" ފިކުރުގެ ބަޔަކު ދީނީ މިނިވަންކަމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރޭގައި "ހަރުކަށި ފިކުރު" މީހުން މުޒާހަރާގެ ބައިވެރިންނަށް އެދުވަހު ހަމަލާ ދިން ހިސާބުން އެވެ. އެ ޖަމާއަތުގެ މީހުން އެ މުޒާހަރާގައި ބައިވެރިވި "މިނިވަން ފިކުރު"ގެ މީހުންގެ ލިސްޓެއް އެކުލަވާލައި އެ މީހުންނަށް ފާރަލައި، ރަހީނުކޮށް، އަނިޔާކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ ހަ އަހަރު ކުރިން އޮކްޓޯބަރު 4، 2012 ގައި ރަހުމުކުޑަ ގޮތަކަށް މަރާލި، ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި އޭގެ ތިން އަހަރު ފަހުން، އޮގަސްޓް 7، 2014 ގައި ރަހީނުކޮށް މަރާލި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަދި އޭގެ ތިން އަހަރު ފަހުން، އެޕްރީލް 23، 2017ގައި 42 ތަނަކަށް ވަޅި ހަރައި އަނިޔާވެރި ގޮތަކަށް މަރާލި، ބްލޮގާ ޔާމީން ރަޝީދު މަރުގެ މައްސަލަ ވެސް ގޮސް ހުއްޓެނީ މި ދެންނެވި ޖިހާދީ ޖަމާއަތަކަށް ކަން ސުއޫދުގެ ވާހަކަތަކުން އެނގެ އެވެ. އަދި ސެޕްޓޭމްބަރު 29، 2011ގައި ސަލްޓަން ޕާކް ބޮން ގޮއްވާލުމާއި އޭގެ މަހެއްހާ ދުވަސްފަހުން އއ. ހިމަންދޫގައި ހިނގި ހަމަނުޖެހުންތައް ވެސް އައިސް ގުޅެނީ މި ދެންނެވި ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތައްކަން ސުއޫދު ފާހަގަ ކުރެއްވި އެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި 2014 ވަނަ އަހަރު އައިއެސްގެ ދިދަ ހިފައިގެން ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އިސްމާލީ ޝަރީއަތް ރާއްޖޭގައި ގާއިމް ކުރުމަށް ގޮވާލާ، އެކަން ކުރީ ވެސް ހަރުކަށި ފިކުރުގެ ޖަމާއަތުގެ މީހުން އެވެ.
ހައްދުފަހަނަ އެޅި ފަރާތްތައް ރޭވުންތެރިކަމާ އެކު!
މަރުތަކާ ބެހޭ ކޮމިޝަނުން މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި، ރާއްޖޭގައި އޭރު އޮތް ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަށް ނިސްބަތްވާ މީހުން 2008 އަދި 2009 ހާތާގައި އަލްގައިދާއާ ރަސްމީކޮށް ވަނީ ގުޅި، އެ ފަރާތްތަކުގެ ލަފައާއި އިރުޝާދުގެ ދަށުން ޖަމައާތް ހިންގަން ފަށާފަ އެވެެ.
އެއީ މި ޖަމާއަތުގެ ފެށުމެވެ؛
ނަމަވެސް މާކަ ގިނަ ދުވަހެއް ނުވެ، ޖޫން، 2014ގައި އަލްގައިދާގެ ވެރިޔާ، އަބޫބަކުރު އަލް ބަގުދާދީ، އިސްލާމިކް ސްޓޭޓް އުފެއްދުމާ ގުޅިގެން ރާއްޖޭގެ އަލްގައިދާގެ ލީޑާޝީޕް ދެ ބަޔަކަށް ބެހިގެން ދިޔަ އެވެ. އެއީ އަބޫބަކުރު އަލް ބަގުދާދީގެ އިސްލާމިކް ސްޓޭޓް (އައެސް) އަށް ބައިއަތު ހިފި ބަޔަކާއި ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރޮންޓަށް ނިސްބަތްވާ އަލްގައިދާގެ ޖަމާއަތަށެވެ.
ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރަކީ، މުހައްމަދު އަމީން، ޏ. ފުވައްމުލަކު/ ކަރީއާވިލާ އަދި އަލްގައިދާ ފަޅީގެ ލީޑަރަކީ، މުހައްމަދު މަޒީދު ކިޔާ މީހެކެވެ. މަޒީދު އަކީ ޕާކިސްތާނަށް ގޮސް ތަމްރީނުވެފައިވާ މީހެކެވެ. މި ދެ ލީޑަރުންނާ ގުޅޭ ގޮތުން ހެކި މަރު ކޮމިޝަނަށް ވަނީ ލިބިފަ އެވެ.
"މި ދެ ޖަމާއަތުން ވެސް ހަރަކާތްތެރިވަމުން ދަނީ، މާލޭ، ފުރުގާނު މިސްކިތުގައި އާއި މާލޭގެ ނޫރު މިސްކިތު ސަރަހައްދުގައި. [ބޭރުގެ ހަނގުރާމަތަކަށް] މީހުން ރެކްރޫޓްކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަނީ މި ދެތަނުން،" ސުއޫދު ވިދާޅުވި އެވެ.
ދެ މިސްކިތެއްގައި ހަނގުރާމައަށް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސުއޫދު ވިދާޅުވި އިރު، ޔާމިން ރަޝީދުގެ ޝަރީއަތުގައި ހެކިބަސް ދީފައިވާ މީހަކު ބުނެފައިވަނީ، ޔާމީން ރަޝީދު މަރާލުމަށް ރާވައިފައި ވަނީ، ފުރުގާނު މިސްކިތާއި ތޮއިބާ މިސްކިތުގައި ކަމަށެވެ.
އެއްބަޔަކު ވައްކަމާއި ފޭރުމުގައި އަނެއްބަޔަކު، ލޭ އޮހޮރުވުމުގައި!
ދެ ޖަމާއަތުން ވެސް ފައިސާ ހޯދުމަށް މައިގަނޑު ގޮތެެެއްގައި ކުރަނީ ދެ މަސައްކަތެކެވެ؛
ސުއޫދު ވިދާޅުވި ގޮތުގައި، އައިސް ގޮފިން އާންމުކޮށް ކޮށް އުޅޭނީ ބޮޑެތި ވައްކަމާއި ފޭރުމެވެ. އޭގެ ތެރޭގައި ދާދި ފަހުން މާލޭގައި ހިނގި ބޮޑެތި ފޭރުންތަކާއި ވައްކަން ކޮށްފައި ވަނީ މި ޖަމާއަތަށް ނިސްބަތްވާ މީހުންކަން އެނގޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އޭގެ އިތުރުން އަލްގައިދާ ގޮފި ހާއްސަ ވަނީ، މީހުން މެރުމާއި، ލޭ އޮހޮރުވުމުގެ ކަންކަމާ ގުޅޭ ޖަރީމާތައް ހިންގުމަށެވެ.
"އަބޫބަކުރު އަލް ބަގުދާދީއަށް ތާއީދު ކުރާ، [އައިއެސް] ޖަމާއަތުން، ރާއްޖޭގައި ލޭ އޮހިރުވުމުގެ ނިޔަތެއް ނެތް. އެމީހުން ގަބޫލުކުރާ ގޮތުގައި އެކަމަކުން ލިބޭ ފައިދާއަށްވުރެ، ލިބޭ ގެއްލުން ބޮޑުވާތީވެ އެފަދަ މިޝަންތައް ހިންގުމަކީ، ހުއްދަވެގެންވާ ކަމެއް ނޫން،" ސުއޫދު ވިދާޅުވި އެވެ.
އައިސިސް ގޮފިން ފައިސާ ހޯދުމަށް ބޮޑެތި ވައްކަމާއި ފޭރުމުގެ ޖަރީމާތައް ހިންމުން އަންނައިރު، އަލްގައިދާ ޖަމާއަތް ހިންގުމަށް ޓަކައި ރާއްޖޭގައި ބޮޑެތި ވިޔަފާރިތަކެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ފޮތި ފިހާރަތަކާއި ތަރުކާރީ ފިހާރަތަކާ އަދި ހޮޓާ ވިޔަފާރީގެ އިތުރުން ކަންނެލި ދޯނިތައް ވެސް އެ ވިޔަފާރިތަކުގައި ހިމެނޭ ކަމަށްވެ އެވެ. މި ވިޔަފާރިތަކުގެ މައިގަނޑު އޮޕަރޭޝަން ހިންގާ މިހާކީ އައްޑޫ ސިޓީގައި ހުރި މީހެއް ކަމަށާއި އޭނާއާ ގުޅޭ މައުލޫމަތު ކޮމިޝަނަށް ވަނީ ލިބިފަ އެވެ. އެކަމަކު ހާމައެއް ނުކުރެ އެވެ.
ދެ ޖަމާއަތުން ވެސް ހޯދައި ފައިސާގެ ފަސް ބައިކުޅަ އެއްބައި ފޮނުވަނީ ރާއްޖެ އިން ބޭރަށެވެ. އަލްގައިދާ ގޮފިން ރާއްޖޭގައި ވިޔަފާރި ކޮށްގެން ލިބޭ ފައިސާގެ ފަސްބައިކުޅަ އެއްބައި ފޮނުވަނީ، އެ ޖަމާއަތުގެ އަލްގައިދާ ރާއްޖެ އިން ބޭރުގެ މައި އިދާރާއަށެވެ. އަދި އައިސިސް ގޮފިން ވައްކަން ކޮށްގެންނާއި ފޭރިގެން ހޯދާ ފައިސާގެ ފަސްބައި ކުޅަ އެއްބައި ފޮނުވަނީ، އައިއެސްގެ މައި އިދާރާއަށެވެ.
މި ފައިސާތައް ރައްޖެ އިން ބޭރަށް ފޮނުވުމަށް ވެސް ހާއްސަ މީހުންތަކެއް ކަނޑައަޅާފައިވެ އެވެ. އެމީހުންގެ މައުލޫމަތުތައް ވެސް މަރު ކޮމިޝަނަށް ވަނީ ލިބިފަ އެވެ.
ރޭވުންތެރިކަމާ އެކު ކުދި ސެލްތަކެއް!
ދެ ޖަމާއަތް ވެސް ހިންގަމުން އަންނަނީ ވަރަށް ވެސް ރޭވުންތެރިކަމާ އެކު ހާއްސަ އޮނިގަނޑެއްގެ ތެރެއިން އެވެ. އެގޮތުން ކުންފުންޏެއް ހިންގާ އުސޫލުން ހާއްސަ ކަންތައްތަކަށް އެކި އެކި "ސެކްޝަން" ނުވަތަ "ޑިޕާޓްމަންޓްތަކެއް" ހަދާފައިވެ އެވެ. ފައިސާއާ ބެހޭ ކަންކަމަށް ވަކި ބަޔެއް، ދައުލަތާ ގުޅޭ ކަންކަމަށް ވަކި ބަޔެއް އަދި ޖަރީމާތައް ހިންގުމަށް ވަކި ބަޔެކެވެ. މި ހުރިހާ ޑިޕާޓްމަންޓްތަކުގެ މީހުން ވެސް ތިބެނީ ތަފާތު ގޮތްގޮތަށް ހެދުން އަޅައިގެން އެވެ. ހުރިހާ އެންމެން "ތުބުޅި ލައި ފައިކުރި ކުރު" ކޮށް ނުތިބޭނެ ކަމަށް ކޮމިޝަންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ.
ޖަރީމާތައް ހިންގުމަށް ޓަކައި އެކި އެކި "މިޝަންތަކަށް" ހަ މީހުން ނުވަތަ އަށް މީހުންގެ މައްޗަށް އެކުލެވޭ ކުދި ކުދި "ސެލްތަކެއް" ނުވަތަ ގުރޫޕުތަކެއް ހަދަ އެވެ. އެއިން ކޮންމެ ސެލްއެއްގައި އިރުޝާދުދީ ކަން ކުރަންވީ ގޮތް ރާވައި ހިންގުމަށް އަމީރަކު ހުރެއެވެ. އަދި ކޮންމެ ސެލްއަކަށް ވެސް އެ ސެލްއަކުން "ބޮޑު މިޝަން" އަށް ކުރަން ޖެހޭ ކަންކަން ހަވާލު ކުރެވެ އެވެ. އެއް ސެލްގައި މަސައްކަތް އަނެއް ސެލްގެ މެމްބަރުންނަށް ނޭނގޭނެ އެވެ.
"ކުދި ކުދި ސެލްތައްކަށް ބަހާލައިފައި ބޮޑު މިޝަނެއް ހަވާލު ކުރީމަ، އެތަނުން އެއް ސެލް އަތުލައިގަނެވުނަސް އެމީހުންނަށް [ފުލުުހުންނަށް] މުޅި ޖަމައާތް، ރާވާ މީހުންނާއި އެކަމުގައި ހަރަކާތްތެރިވާ މީހުންނާއި ފައިނޭސް ކުރާ މީހުން ހޯދައި ނުގަނެވޭ،" ހަރުކަށި ފިކުރު ޖަމާއަތުގެ ޖަރީމާތައް ހިންގާ ގޮތް ކިޔައި ދެމުން ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ މީހުންނަކީ އޭނާ މަރާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ސެލް ކަަމަށެވެ. އެގޮތުން ޔަމީން މަރާލުމުގައި އަމަލީ ގޮތުން އަށް މީހެއްގެ މައްޗަށް އެކުލެވޭ ސެލްއެއް ހައްޔަރުކޮށްފައިވީ ނަމަވެސް ޔާމީން މަރާލުމުގައި ފައިނޭސް ކުރި މީހުން ނުހޯދޭ ކަމަށެވެ.
"ހަމަ އެގޮތައް ރިލްވާންގެ މައްސަލާގައި ވެސް މިދެންނެވިހެން އެކަމުގައި ބައިވެރިވި މީހުން [އާއި] އެ މިޝަން އެކުލަވާލި މީހުން، ކޮންމެ މަސައްކަތްތެއް، ކިޑްނޭޕް ކުރުން، ފާރަލުން، އަދި އަމަލީ ގޮތުން އެ ކުރިކަމެއް ކުރުން. އެކަންތައްތައް ކުރުމަށް ޓަކައި ކޮންމެ މަސައްކަތެއް ހަވާލު މިކުރަނީ ވަކި ސެލް އަކާ. އޭގެ ތެރެއިން އެއް ސެލް އަތުލައި ގަތަސް މުޅި މިޝަންގެ ތަފްސީލުތައް ލިބިގެން ނުދޭ. އެހެންވެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުންގެ މަސައްކަތުގައި ކާމިޔާބު ނުލިބިފައި އޮތީ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ، ސެލްތަކަށް މީހުން ނެގުމުގެ މަސައްކަތް އޮންނަނީ އެ ސެލްއެއްގެ އަމީރަށް ކަމަށެވެ. ސެލްތަކަށް މީހުން ނެގުމުގައި އަމީރު މިސްކިތުންނާއި މަގުމަތިން ފެންނަ ޅަ ކުދިންނާއި ސުކޫލުތަކުގެ ކުދިންނަށް އަމާޒުކޮށް އެ މީހުންގެ ސިކުޑިއަށް އެރި، ނުބައި ވަސްވާސް ދީގެން ކުދިން މަގުފުރައްދާލާ ކަމަށެވެ.
"ފުރަތަމަ އެމީހުން [އަމީރުން] ދައްކަނީ އުންމަތުގެ ހާލަތުގެ ވާހަކަ. އުންމަތުގެ ހާލަތުގެ ވާހަކަ ދައްކަމުން، އެ މީހުން ރެކްރޫޓުންނަށް މިސާލު ޖަހައިދެނީ ކީރިތި ރަސޫލާގެ ހަދީޘްގައި ބަޔާންކޮށްފައިވަ ގޮތަށް މުސްލިމުންނަކީ، އެއް ހަށިގަނޑެއްގައިވާ ގުނަވަންތަކެއް ފަދަ ބަޔެއް ކަމަށް. އެއަށް ފަހު، އެއަށް ވުރެ އިތުރަށް އެމީހުންގެ ހިއްސުތަކާ ކުޅުމުގެ ގޮތުން ބުނަނީ، މުޖާހިދުން އެނދެއްގެ ގޮތުގައި ބޭނުންކުރަނީ، ހަރު ބިން ކަމަށާއި ފުރާޅަކަށް ބޭނުން ކުރަނީ އުޑު ކަމަށް.،" ސެލްތަކަށް މީހުން ނަގައި ގޮތް ކިޔައިދެމުން ސުއޫދު ވިދާޅުވި އެވެ.
"އެއަށް ފަހު ދެން ޖަޒްމާތުގައި ޖެއްސުމަށްޓަކައި ވީޑިއޯތަކެއް ދޭ. ވީޑިއޯތައް އެކި ފަހަރުމަތިން ދިނުމަށް ފަހު، ދެން ބުނަނީ، އެމީހުންގެ އިތުރު ރައްޓެހިންނާ ކުޑަކޮށް މިވާހަކަ ދެއްކުމަށް،"
ސުއޫދު ވިދާޅުވީ، އެމީހުނަށްދޭ ވީޑިއޯތަކުގެ ތެރޭގައި ޗެޗްނިއާ ހަނގުރާމައިގެ ވީޑިއޯ ވަރަށް އާންމުކޮށް ދައްކާ ކަމަށެވެ.
"އެއަށް ފަހު، އަމީރު ރެކްރޫޓުންނާ ބައްދަލުކޮށް، އެމީހުންނަކީ އަލްގައިދާ ނުވަތަ އިސްލާމިކް ސްޓޭޓުން ރާއްޖެއަށް ކަނޑައަޅާފައިވާ މީހުންކަމަށް ބަޔާން ކުރޭ. ދެން އަމީރު ބުނަނީ، ތިމަންނައަކީ މި ގުރޫޕުގެ އަމީރު ކަމަށާއި ތިމަންނައަށް ކިޔަމަންވުމަށާއި ކިޔަމަަންގަތުމުގެ ވާހަކަ. މިގޮތުން އަމީރަށް ކިޔަމަން ނުވާ މީހަކީ، ރަސޫލާ ސަލައްﷲ އަލައިހި ވަސައްލަމައަށާއި މާތްﷲ އަށް ކިޔަމަން ނުވާ މީހުން ކަމަށް ބުނޭ،" ސުއޫދު ވިދާޅުވި އެވެ.
އެ ހުރިހާ މަރުހަލާތައް ކަނޑައްތު ކުރުމަށް ފަހު، އެ ސެލްއަކަށް ރެކްރޫޓު ކުރި މެމްބަރުން ގާތުގައި އެ ސެލްގެ މަސައްކަތް ބުނެދެ އެވެ. މި ސެލްތަކަށް ރެކްރޫޓު ކުރާ މީހުން ފާހަގަ ކުރެވި އެމީހުންނާ ދެކޮޅަށް ހެކިތަބަސް ވެސް ކޮމިޝަނަށް ވަނީ ލިބިފަ އެވެ.
"ސެލްތަކުގެ ކުދިން ތަމްރީނުވުމުން ގުރޫޕުގެ ލީޑަރު ކައިރިއަށް ގެންދޭ. އަދި ލީޑަރު ކައިރިއަށް އެމީހާ ގެންދަނީ ގެރެންޓީ ލިބުމުން. ލީޑަރު ކައިރިއަށް ގެންދިޔުމުން ފުރަތަމަ ވެސް އޭނާ ފުރަތަމަ ވެސް ފަށާނީ އުސޫލުއް ސަލަފުގެ ފޮތުން ތައުހީދާ ހިސާބުން. އެހިސާބުން ފަށައި މައްޗަށްގޮސް، އެއިން މީހަކާ މިޝަންއެއް ހަވާލުކުރަނީ ލީޑަރު، އެއީ އަމީހަކީ މުޅިން ގެރެންޓީ މީހެއް ކަމަށް ޔަގީންވުމުން،" ސުއޫދު ވިދާޅުވި އެވެ.
ސުއުދު ވިދާޅުވީ، ސެލްތަކުުގައި އުޅޭ އާދައިގެ މެމްބަރުންނަށް ގުރޫޕުގެ ލީޑަރާ ބައްދަލު ނުކުރެވޭ ކަމަށާއި ގުރޫޕުގެ ލީޑަރާ ވާހަކަ ދައްކާނީ ހަމައެކަނި ގުރޫޕުގެ އަމީރުން ކަމަށެވެ.
އަލްގައިދާގެ ފިކުރު: ދީނަށް ފުރައްސާރަ ކުރާނަމަ ހުކުމަކީ މަރު!
އަލްގައިދާ ނިސްބަތްވާ ޖަބްހަތުއް ނުސްރާ ފަޅީގެ މީހުން، ދީން ގަބޫލު ނުކުރާ މީހުންނާއި ދީނަށް ފުރައްސަރަކޮށް ހަރާމްކަންތައް ހަލާލު ކުރާ މީހުންނާނާމެދު ގެންގުޅޭ ފިކުރަކީ، އަންވަރީ އަލް އައުލާކީގެ "ދަ ޑަސްޓް ވިލް ނެވާ ސެޓެލް" ފޮތުގައި އެފަދަ މީހުންނަށް އޮންނަ ފަތުވާ އެވެ. ރާއްޖޭގައި އަލްގައިދާ ގޮފިން ޖައްސާ ލޭ އޮހޮރުވުމުގެ މިޝަންތަކުގައި އެމީހުން ބޭނުން ކުރަނީ އެ ފަތުވާއެވެ.
"މި ފަތުވާއަކީ، ލާދީނީ މީހުންނާއި ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ޝީރުކް ކުރާ މީހުންނާއި ކަލަކު ވޮޑިގެންވާކަމަށް ގަބޫލު ނުކުރާ މީހުންނާއި އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ މައްޗަށް އޮތް ހުކުމަކީ، މަރުގެ ހުކުމް ކަމަށް،" ސުއޫދު ވިދާޅުވި އެވެ. އެފަދަ ދީނާ ހިލާފު އަމަލުތައް ހިންގާ މީހުންނާ މެދު ސަރުކާރުން ފިޔަވަޅު އަޅައި އެކަން ނުހުއްޓުވާނަމަ، އެކަން ހުއްޓުވާ ފިޔަވަޅު އެޅުމަކީ، އެ ޖަމާއަތައް އޮތް އައިނިއްޔަ ފަރުޟެއް ކަމަށް އެ ޖަމާއަތުން ގަބޫލު ކުރާކަން ތަހުގީގަށް ވަނީ ހާމަވެފަ އެވެ.
މިހާ ރޭވުންތެރިކަމާ އެކު ހިންގާ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ހަރަކާތްތައް ފަތުރާލާފައި މި ވަނީ ބުއްދިއަށް ވެސް ވިސްނާލެވިފައި ނުވާހާ ފުޅާކޮށެވެ. އެފަދަ ޖަމާއަތްތަކުން ހިންގަނީ ބިރުވެރި ހަރާކާތްތަކެކެވެ. އެ މީހުންގެ މިޝަންތައް ހިންގަނީ ފޮރުވިގެން ތިބެ އެވެ. މިއީ މުލުން ލުހެލަން ވެފައި އޮތް ފިކުރެކެވެ. އެހެން ނޫނީ މި އަނދިރި ދައުލަތުގެ ނުރައްކާ ދުވަހެއް ދުވަހަކަށް ދާނީ ބޮޑުވަމުން އެވެ.