ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲއާ ގުޅޭ ގޮތުން ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ހާމަކުރި މައުލޫމާތަކީ މީގެ ކުރިން ވެސް ފުލުހުންގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތު ތަކެއް ކަމަށް އެ ހާދިސާ ހިނގި އިރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިލްވާން ގެއްލުވާލުމުގެ މައުލޫމާތު ހާމަކުރުމަށް ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ރިލްވާން ރަހީނުކޮށް، ދޯންޏަކަށް އެރުވުމަށް ފަހު އަލްގައިދާ ރާއްޖޭގެ ގޮފިން މަރާލާފައިވާކަން މިހާތަނަށް ހޯދު ހެކިތަކުން އެނގިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ބައެއް ތަފްސީލްތައް ވެސް ސުއޫދު ވަނީ މިއަދު އާންމު ކުރައްވާފަ އެވެ.
އެކަމާއި ގުޅިގެން އުމަރު މިރޭ ވިދާޅުވީ، ސުއޫދު މިއަދު އާންމުކުރި ވާހަކަތަކަކީ ކޮމިޝަނުން އަލަށް ހޯދި ކަން ކަމެއް ނޫން ކަމަށާއި އެއީ ފުލުހުންގެ ތަހުގީގަށް މީގެ ކުރިން ވެސް ހޯދިފައިހުރި މައުލޫމާތު ތަކެއް ކަމަށެވެ.
"އެ މައުލޫމާތުތަކުގެ އަލީގައި އެ ވިދާޅުވާ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ޖަލުގައި ބަންދު ކޮށްގެން ތަހުގީގް ކުރެވިފައިވޭ. އަދި މައްސަލަ ޝަރީއަތައް ފޮނުވުނު. ނަމަވެސް ޝަރުއީ ކޯޓެއްގައި ސާބިތު ކުރާ ވަރުގެ ހެއްކެއް ނެތުމުން އެ މައްސަލަ ވަނީ ސާބިތު ނުވެފައި،" އުމަރު ނަސީރު ވިދާޅުވި އެވެ.
އެގޮތުން ރިލްވާން ގެއްލުވާލި މައްސަލައިގެ އޭރު ހޯދި ހެކީގެ އިތުރުން ހެއްކެއް ހޯދިފައިވާ ނަމަ އަވަހަށް މައްސަލަ އަލުން ޝަރީއަތައް ފޮނުވުމަށް އުމަރު ވަނީ އެދިވަޑައިގެންފަ އެވެ.
ދައުލަތުގެ ފަރާތުން މީހަކު މަރުވި ކަމަށް ބުނެވޭނީ ދެ ހާލަތެއްގައި ކަން އުމަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ފުރަތަމަ ހާލަތަކީ މަރުވި މީހާގެ ހަށިގަނޑު ފެނުން ކަމަށާއި ދެވަނަ ހާލަތަކީ މަރާލި މީހުންގެ ބަހުން ނުވަތަ އެހެން ބައެއްގެ ބަހުން ނަމަވެސް ޝަރުއީ ކޯޓެއްގައި އެކަން ސާބިތު ވުން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިދިޔަ ސަރުކާރުގައި އެ މައުލޫމާތު އާންމު ނުކުރީ އެ ސަބަބައްޓަކައި ކަމަށް އުމަރު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެނަށް ނުހޯދިފައި އޮތް ހެއްކެއް އޮތް ނަމަ އެ ހެއްކެއް ތިޔަ ކޮމިޝަން އިން ހޯއްދަވައި ތިޔަ ކުށް ކުރިބަޔަކަށް އަދަބު ލިބިގެން ދިއުން،" އުމަރު ވިދާޅުވި އެވެ.
ރިލްވާންގެ މައްސަލަ ކުރިން ވެސް އަދި މިހާރު ވެސް ބަލަމުން ދަނީ ފުލުހުންގެ އެންމެ މޮޅެތި އިންވެސްޓިގޭޓަރުން ކަމަށާއި އެ މައްސަލަ ނުބަލަން އަދި ލަސް ކޮށް ފޮރުވަން އޭރުގެ ރައީސް އަބްދުﷲ ޔާމީން ދުވަހަކު ވެސް އޭނާއަށް އަންގާފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ.