ހިޔާރުކުރަންވީ ބަރުދަން ލުއި، ހައްޓަށް ލުއި އަދި ބަޖެޓަށް ލުއި ބަދިގެއެއް!

ތެދަށް ބުނާނަމަ އަހަރެމެން އެންމެން ވެސް ލޫޅާފަތިކޮށް ދުޅަހެޔޮކޮށް ތިބެން ބޭނުންވެ އެވެ. އެކަން ހާސިލްކުރަން ސިއްރާއި ފާޅުގައި ކޮންމެވެސް މަސައްކަތެއް ކޮންމެ މީހަކުވެސް ކުރެ އެވެ. ކޮންމެ މީހަކަށް އަދި ޖިމަށް ނުދެވުނަސް، ނޫނީ، ދުވަން، ކުޅެން ނުދެވުނަސް، އަދި ކޮންމެވެސް މޮޅު ޑައެޓްއެއް ނުކުރެވުނަސް އަދި ދެރަވާނެ ކަމެއް ނެތެވެ. ލޫޅާފަތި ހަށިގަނޑެއް ހޯދަން ގޭގައި ހުރެގެން ވެސް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. މިފަހަރު މި އޮތީ، ހެޔޮ ބަދަލެއް ދިރުއުޅުމަށް ގެންނަން ބޭނުންނަމަ، ބަދިގެއަށް ގެނެވިދާނޭ ދެތިން ބަދަލެކެވެ.

އޯޓްސް ބްރޭކްފާސްޓް ބައުލްއެއް

1. އޯޓްސް ބޭނުންކުރޭ

ދިވެހިންނާއި އޯޓްސްއާއި ބެހޭގޮތުން މިހާރު ކުރު ފޮތެއްހާ ބައިވަރު ވާހަކަ ލިޔެވިދާނެ އެވެ. އެހާވެސް އޯޓްސް މިވަނީ އަހަރެމެންގެ ފޭވަރިޓަކަށް ވެފަ އެވެ. އޯޓްސް ރޮށި، އޯޓްސް ބޯކިބާ، އޯޓްސް އާއި ތަރުކާރީ ހަދައިގެން ތައްޔާރު ކުރާ ކާނާ، އެކިވައްތަރުތަކުގެ މޭވާއާއި އޯޓްމީލްސް، އޯޓްސް ބްރެކްފާސްޓް މިއީ ހައްތަހާވެސް މަޝްހޫރު އޯޓްސްގެ މީލްތަކެވެ.

އޯޓްސްގެ ސަބަބުން ބަރުދަން ލުއިކޮށްދީ، ހަކުރު ލެވަލް ވެސް ދަށްކޮށްދީ ހިތުގެ ބަލިތަކުން ހަށިގަނޑު ދިފާއުކޮށްދޭކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހަމައެޔާއެކު އޯޓްސްއަކީ އާއިލާގެ ކުދި ބޮޑު އެންމެނަށްވެސް ކެވޭނެހެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ހަރަދުކުޑަ އެއްޗަކަށްވުމުން ވަގުތު ސަލާމަތްކޮށްދީ، މަސައްކަތްވެސް ލުއިކޮށްދޭނެ އެވެ.

އެހެންކަމުން ދެން ފަހަރަކުން މަފިންއެއް ހަދާލަން ބޭނުންނަމަވެސް އޯޓްސް މަފިންއެއްހަދާލުން ރަނގަޅުވާނެ އެވެ.

ތަރުކާރީއާއި މޭވާ ބޭނުންކޮށްގެން ފަސޭހަ މީލްތަކެއް ހަދާލެވޭނެ،،.

2. ހަފްތާއަކަށްވާވަރަށް ބާޒާރު ކުރޭ

ހަގީގަތަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އުޅެން އަހަރެމެން ކުޑަކޮށް ކަންނެތީ އެވެ. ހެނދުނުހެނދުނާއި އޮފީހަށްގޮސް، އޮފީސް ބްރޭކުގައި ގެއަށް އައުމުގެ ބަދަލުގައި ކޮންމެވެސް ރެސްޓޯރެންޓަކުން ޓޭކްއަވޭ ހަދާލަނީ އެވެ. މިކަމުން ސަލާމަތްވާން އޮތް އެންމެ ބޮޑު ހައްލަކީ، ކުރީބައިގައި ތަރުކާރީއާއި މޭވާކޮޅެއް ގަނެލާ ގިނަދުވަހަށް ރައްކާކުރެވޭނެ ހެން ބެހެއްޓުމެވެ.

އޭރުން ކޮންމެވެސް ކަހަލަ ތަރުކާރީ ސްޓިއަ ފްރައި އެއް، ނޫނީ ފްރައިޑް ރައިސްއެއް، ނޫނީ ކޮންމެވެސް ތަރުކާރީ ރައިސްއެއް ތައްޔާރުކޮށްލެވިދާނެ އެވެ.

އިންސްޓަގްރާމްގައި ފުޑް ބްލޮގާއެއްގެ ގޮތުގައި ހަރަކާތްތެރިވ އަދި އޮންލައިންކޮށް ހެލްތީ ސީޑްއާއި ސްނެކް ވިއްކާ، ލިއުޝާ ބުނާގޮތުގައި އޭނާ ހުންނަނީ އަބަދުވެސް އެ ހަފްތާއަކަށްވާވަރަށް ތަރުކާރީއާއި މޭވާ ގަނެފަ އެވެ. މިގޮތުން އަގުހެޔޮކޮށް ރަނގަޅު ކޮލިޓީއެއްޗެހި ލިބޭ ތަންތަން ކުރީ ބައިގައި އޭނާ ހުންނަނީ ބަލާފަ އެވެ.

މިގޮތުން ވަގުތު ނެތިގެން އުޅޭއިރު އެންމެ ގިނައިން އޭނާ ތައްޔާރުކުރާ އެކައްޗަކީ ބީޓްރޫޓް ރައީސް އެވެ. މިއީ ގާނާފައި ހުންނަ ބީޓްރޫޓްއާއި ބަތާއި ހިކަނދިފަތް އަދި އޮލިވް އޮއިލް ބޭނުންކުރާ ރެސިޕީއެކެވެ. މި ރެސިޕީއާއި އެކު އޭނަގެ ކްރީމީ ފިޝް ވަރަށް މީރުވާނެ އެވެ.

https://sun.mv/118883

3. ޗިއާ ސީޑް

މިއީވެސް މިފަހަކަށްއައިސް ވަރަށްބޮޑަށް މަގްބޫލުވެފައިވާ އެއްޗެކެވެ. ޗިއާސީޑްއާއި އެކީ ނުހެދޭނެ އެއްވެސް ރެސިޕީއެއް ނެތެވެ. މައިގަނޑުގޮތެއްގައި ކޮންމެވެސް ކަހަލަ ކިރަކާއި، މާމުއި ކޮޅެއްފަދަ ކޮންމެވެސް އިތުރު ރަހައެއްލާ އިންގްރިޑިއަންޓެއް ނުވަތަ މޭވާއެއް ބޭނުންކުރެވިދާނެ އެވެ. ސައިޒުން ކިތަންމެ ކުޑައަސް ޗިއާސީޑްއަކީ ހަށިގަނޑަށް ގުނަނުކުރެވޭހާ ގިނަ ފައިދާތަކެއް ހިމެނޭއެއްޗެކެވެ. މިގޮތުން ޕްރޮޓީންސްއާއި، ކެލްސިއަމްގެ މާއްދާއާއި، ދަގަނޑު އަދި ފައިބާރ ގިނަ އަދަދަކަށް ހިމެނޭ ޗިއާ ސީޑުން ހިތް ހުއްޓުމާއި، ސްޓްރޯކް ޖެހުންފަދަ ކަންކަމުން ދުރުކޮށްދޭނެ އެވެ.

ޗިއާ ސީޑްގެ ރެސިޕީއެއްވަނީ މިއަހަރުގެ ރޯދަ މަހު ސަން އިން ގެނެސްދިން އުރީދޫ ބަދިގޭގައިވެސް ގެނެސްދީފައެވެ.

ކުޑަ ތަށިތަކުން އަވަހަށް ބަނޑުފުރުވާލާނެ..

4. ކާތަށީގެ ސައިޒު ކުޑަކޮށްލާ

ފަހަރެއްގައި މިކަހަލަ ބަދަލެއް ގެނައުމުން ފުރަތަމަ ކޮޅު އުނދަގޫވެދާނެ އެވެ. ނަމަވެސް ދުވަސްކޮޅަކުން އެތަށްޓަށް ހޭނި، އިސާހިތަކު ބަނޑުވެސް ފުރިދާނެ އެވެ. ކުޑަތަށްޓެއްގައި ކެވޭނީ ގަައިމުވެސް މަދުންނެވެ. ނަމަވެސް ތަށި ފުރިފައި ހުރުމުން ސިކުނޑިއަށް ފޮނުވާ މެސެޖަކީ އެކެވެނީ ވަރަށް ބައިވަރު ކަމުގައެވެ. އެހެންކަމުން މިއީ މަދު މިންވަރަކުން ބަނޑު ފުރުވާލުމަށް ވަރަށް އެދެވޭ ބަދަލެކެވެ.

ތަރުކާރީ ކޮށާ ހާއްސަ އިކުއިޕްމަންޓެއް

5. ގެންގުޅޭ ސާމާނުވެސް މި ބަދަލަށް އެކަށޭނަހެން ބަދަލުކޮށްލާ

މިއީވެސް މި ދެންނެވިކަންކަން ގިނަދުވަހު މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ދުވަހަކު ތަރުކާރީ ކޮށާ މަށާ، އެ ހުރިހާކަމެއް ކުރަންދެން ބަދިގެ ތެރޭގައި ހުންނަން ވަގުތުވެސް ނުހުރެދާނެ އެވެ. ނޫނީ އެފަދައިން އެކަން ކުރަން އުނދަގޫވެސް ވެދާނެއެވެ. އެހެންކަމުން، އެއާ ފްރަޔާއަކަށް އިންވެސްޓްކޮށްލުމާއި، ތަރުކާރީއާއި މޭވާ ފަސޭހައިން ކޮށޭނެ އެކި އިކުއިޕްމަންޓްސް ހޯދާލުން ބުއްދިވެރިއެވެ. އަދި ސެލެޑް ހަދާއިރުގައިވެސް ހުރިހާ ފަތްތަކެއް އެއްފަހަރާ ފަސޭހައިން ދޮވެލާ، ފެން ހިއްކާލެވޭނެހާ މޮޅު އަދި ބޭނުންތެރި ސާމާނު މިހާރު ބާޒާރުގައި ހުރިއިރު، މިފަދަ ކަމަކަށް މަޑުމަޑުން ލާރި އިންވެސްޓުކުރުންވާނީ ދުރުމުސްތަގުބަލަށް ބަލާއިރު މާ ބޮޑަށްވެސް ފައިދާހުރި ކަމަކަށެވެ.

އެހެންކަމުން، މާ ބޮޑު މަސައްކަތެއްނުކޮށް ފަސޭހައިން ދިރިއުޅުމަށް މިފަދަ ހެޔޮ ބަދަލެއް ގެނެވޭކަމުގައިވާނަމަ މިއީ ކޮށްލަން ގައިމުވެސް ވަރަށް ރަނގަޅު ކަމަކަށްވާނެ އެވެ.

comment ކޮމެންޓް