ރައްޔިތުންގެ އަތުން އެއްވެސް މިންވަރެއްގެ ޓެކްސެއް ނުނަގައި ސަރުކާރުން ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ ގިނަ ޚިދުމަތްތަކެއް ނުދެއްވޭނެކަމަށް އަޅުގަނޑުމެން އެއްބަސްވަމެވެ. ސަރުކާރު ހިންގެވުމަށް ބޭނުންވާ ފައިސާ ތަފާތު ނަންނަމުގައި ސީދާކޮންނާއި ނުސީދާކޮށް ރާއްޖޭގައި ޤާނޫނީ ވެރިކަމެއް އޮންނަންފެށީއްސުރެ ރައްޔިތުންގެ އަތުން ނަގަމުން އައިސްފައިވެއެވެ. އެކި ނަންނަމުގައެވެ. ބައެއްފަހަރު ފީގެ ނަމުގައެވެ. އަނެއްބައި ފަހަރު ވަރުވާގެ ނަމުގައެވެ. އަނެއްބައިފަހަރު މައިމޫލުގެ ނަމުގައެވެ. މިކަމަކީ މިކަމާއި ގުޅުން ހުރިފަރާތްތަކުން އަބަދުވެސް ކޮންމެވެސްވަރަކަށް ހިތްހަމަނުޖެހުން ފާޅުކުރަމުން އައިސްފައިވާ ކަންތައްތަކެވެ. ދެކުނުގެ އަތޮޅުތަކުގައި ވަކިވެގަތުމަށް ހިނގި ސަރުކާރާއި ދެކޮޅުވެރިކަމުގެ ހަރަކާތުގެ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބެއް ކަމަށް އެކަމުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވަނީ އެތަންތަނުގެ އޮޑިފަހަރުން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ބޮޑުވުމެވެ. މިޒަމާނުގައި ޓެކްސްނެގެނީ އިނގިރޭސިބަހުން ކިޔާގޮތަށް ސީދާ ޓެކްސްގެ ނަމުގައެވެ. އެކި ނަންނަމުގައި ރައްޔިތުންގެ އަތުން ޓެކްސް ނަންގަވަމުން ގެންދަވައެވެ. އެއަރޕޯޓް ޓެކްސް، ޓޫރިސްޓް ޓެކްސްފަދަ ނަންނަމުގައެވެ. ފަހަކަށް އައިސް ޓެކްސް އެންމެ ބޮޑަށް ނެގެމުން ދިޔައީ ފަތުރުވެރިކަމުގެ ޞީނާޢަތާއި ގުޅޭގޮތުންނެވެ. އެ ޞީނާޢަތުގެ ޚިޔާލެއް ނުހޯދާ އަލަށް ޓެކްސްއެއް ތަޢާރަފްކުރުމުން، އެކަމާއި މެދު އެފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރުމުން ފުރަތަމަ ހުށައެޅޭގޮތަށް ބަދަލުގެނެވިފައިވެސްވެއެވެ. އަދި ޓެކްސް ދެއްކުން ފެށުން ވަކިދުވަހަކަށް ފަސްކުރެވިފައިވެސްވެއެވެ. އެފަރާތްތަކުގެ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި އޮންނަ ގޮތަށް ޓެކްސްގެ ނިޒާމެއް ރާއްޖޭގައި ތަޢާރަފްކުރެވޭނަމަ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އޮންނަ ފަދައިން އެ ޓެކްސެއް ނެގެންވާނީ އިންޞާފްވެރިގޮތަކަށެވެ. މިސްޓަރ ބޯއިކޮޓް ޓެކްސް ނަގަންދިޔަގޮތަކަށެއް ނޫނެވެ. ކުރީ ޒަމާނުގައި، ވިލާތުގައި ރަސްގެފާނު ހަނގުރާމައަކަށް ވަޑައިގެންނެވުމަށް ތައްޔާރުވުމަށް ރައްޔިތުންގެ އަތުން ފައިސާ ހޯއްދެވުމަށް ގޭގެއަށް ޓެކްސްގެ ފައިސާނެގުމަށް މީހުންފޮނުއްވައެވެ. ފަގީރު ދަނޑުވެރިންގެ އަތުން މިގޮތަށް ޓެކްސްގެ ގޮތުގައި އެއްޗެތި އަތުލަންދާ މީހުން ދެކެ އެމީހުން ވަރަށް ރުޅިއާދެއެވެ. އެމީހުންނަށް ދަނޑުވެރިކަމުން ފައިދާއެއްވިޔަސް ނުވަތަ ނުވިޔަސް އެމީހުންގެ އުފެއްދުމުން ބައެއް އަތުލާތީވެއެވެ. ދަަނޑުވެރިކަން ވަރަށް ދަށް ދުވަސްވަރެއްގައި މިގޮތަށް ޓެކްސް ނަގަންދިޔަ ޓެކްސް އޮފިސަރުގެ ނަމަކީ ބޯއިކޮޓްއެވެ. އޭނާ ޓެކްސްނެގުމަށް ކޮންމެ ގެެއެއްގެ ދޮރުމައްޗަށްއެރުމާއިއެކު އެގެއެއްގެ ދޮރު އޭނާގެކުރިމަތީގައި ލެއްޕިއެވެ. ޓެކްސް ނުދައްކަންވެގެންނެވެ. އިނގިރޭސިބަހަށް ބޯއިކޮޓް ލަފްޒެއްގެ ގޮތުގައި އައީ މިގޮތަށެވެ. މިޒަމާނުގައި މިގޮތަށް އަޅުގަނޑުމެންނަށް ރާއްޖޭގައި ފެންނަނީ މީރާއެވެ. ތެދުފުޅެކެވެ. އެބޭފުޅުން ޤާނޫނުގައި އޮތްގޮތަށް އަމަލުކުރައްވަނީ އެވެ. ޤާނޫނުތައް ފާސްކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ޢާއްމުގޮތެއްގައި ފާސްކުރައްވަނީ އެެއިރެއްގައި އޮންނަ ސަރުކާރަކުން ހުށައަޅުއްވާ ބިލެއްގެ އަސާސެއްގެ މައްޗަށް ބައްލަވާ އެބޭފުޅުން ބޭނުންފުޅު ބަދަލުތަކެއް ގެންނެވުމަށްފަހަުގައެވެ. މިހާރު ފާސްވާ ބިލްތަކުން ނުކުންނަ މައްސަލަތަކުންނާއި ބިލްތަކުގެ ފޭރާމުން ދޭހަވަނީ މަޖިލީހުން ފާސްކުރައްވާ ގިނަ ބިލްތަކާއިމެދު ފުންކޮށް މެންބަރުން ވިސްނަވާފައި ނުއޮންނަކަމެވެ. އަދި އެބިލްތައް ޤާނޫނަކަށްވުމުން ދިމާވެދާނެ ބޮޑެތި މައްސަލަތަކާމެދު ބިނާކުރަނިވި ދިރާސާއެއް ކުރެވިފައި ނުއޮންނަކަމެވެ. މިގޮތަށްދިމާވުމުގެ މައިގަނޑު ސަބަބެއްކަމަށް ފެންނަނީ މުހިއްމު ކަމާއި އަހުމިއްޔަތުކަން ދެއްވަންޖެހޭ މައްސަލަތަކަށް ދެއްވަންޖެހޭ މިންވަަރަށް އަހުމިއްޔަތުކަން ނުދެއްވި އެހެން ކަންކަމުގައި މަޖިލީހުގެ ވަގުތު ބޭކާރުކުރެއްވޭތީވެއެވެ. ފާސްވާ ބިލްތައް ފުރިހަމަނުވުމުގެ ސަބަބުން ނުވަތަ މާނަ އޮޅުންއަރާގޮތަށް ބިލްތައް ފަރުމާކުރެވިފައި އޮތުމުން އެކަމުގެ އުނދަގޫ އުފުލަންޖެހެނީ ނިކަމެތިރައްޔިތުންނަށެވެ.

ސަރުކާރުން ކުރިން މަޢުލޫމާތު ދެއްވިގޮތުގައި ޖީ.އެސް.ޓީ. ތަޢާރަފްކުރެއްވުމުގެ ކުރިން އިންޕޯޓު ޑިއުޓީ ނެގުން ހުއްޓަވާލައްވާނެއެވެ. މިހެންވުމުގެ ސަބަބުން ރައްޔިތުންނަށް ތަކެތި އަގުބޮޑުވުމުގެ އަސަރެއް ނުކުރާނެއެވެ. އެހެންނަމަވެސް މަޖިލީހުން ކުރިން ފާސްކުރެއްވީ ޖީ.އެސް.ޓީ ނެގުމުގެ ބިލެވެ. ތެދުފުޅެކެވެ. ޖީ.އެސް.ޓީ ނެގުމަކުން ވިޔާފާރިވެރިންނަށް އެކަމުގެ އަސަރު ސީދާ ނުކޮށްފާނެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް އަންނަނީ އެއްފަހަރާ ތިން އެތިފަހަރެކެވެ. ގަންނަ ކޮންމެ އެއްޗެއްގެ އަގުގެ ތެރެއަށް އިންސައްތަ 3.5 އިތުރުވެގެން އޭގެ ތެރެއަށް ޑޮލަރު ލިބެން ހުންނަތަަނަކުން ލިބެންހުންނަ އަގަކަށް ގަތުމުގެ ޚަރަދު އިތުރުވެގެން އަދި އޭގެ ތެރެއަށް ޑިއުޓީއަށް ދައްކަންޖެހޭ ފައިސާވެސް އަގުގެ ތެރެއަށް އެއްވެގެން އައުމެވެ. ޖީ.އެސް.ޓީ. ހިލޭވުމަކީވެސް އޮޅުން ނުފިލާ އަރަތައެކެވެ. ކުރުނބައާއި ކާށިން ޖީ.އެސް.ޓީނެގެއެވެ. ގަބުޅިއަކުން ނުނެގެއެވެ. ކަމާއިބެހޭ ފަރާތުން ކުރުނބާ އާއި ކާއްޓާ ދެމެދު އޮންނަ މަރުހަލާ ޤަބޫލު ނުކުރައްވަނީކަމަށް ވެދާނެއެވެ. ޙަޤީޤަތަކީ ގަބުޅީގެ މަރުހަލާއެއް އޮންނަކަމެވެ. ހަމައެކަނި ގަބުޅީގެ ބޭނުންކޮށްގެން އުފައްދާ ތަކެތި ވެސް ހުންނަކަމެވެ. ހަވާދުތަޅާ މީހާގެ ހަވާދު ޖީ.އެސް.ޓީ ހިލެއެވެ. އެހެންނަމަވެސް މޫދު ލޮނު ގަނޑުކޮށްގެން މަސްވެރިންނަށް ވިއްކާ އައިސްގެ ޖީ.އެސް.ޓީ. ހިލެއެއްނުވެއެވެ. މޭވާގެ ހުރިހާ ބާވަތެއްގެ ޖީ.އެސް.ޓީ. ހިލޭއެވެ. ތަރުކާރީގެ ތެރެއިން ޓޮމާޓޯ އާއި ކެބޭޖް އާއި ބީންސް އިން ޖީ.އެސް.ޓީ ހިލޭވެއެވެ. އެހެންނަމަވެސް ބަނބުކޭލުން ޖީ.އެސް.ޓީ. ނަންގަވައެވެ. މުއާސަލާތީ (ޓެލެފޯނާއިގުޅޭ) ހުރިހާ އެއްޗަކުން ޖީ.އެސް. ޓީ . ހިލެއެވެ. ހައްޖާއި ޢުމްރާ އަށް ކުރާ ދަތުރަށް ޖީ.އެސް.ޓީ ދައްކަންޖެހެއެވެ. ރަގަޅު ރެސްޓޮރާންޓަކުން ކެއުމަށްފަހު ދައްކާ ސަރވިސް ޗާޖުންވެސް ޖީ.އެސް.ޓީ ނެގެއެވެ. އޭގެ މާނައަކީ ޚިދުމަތުލިބިގަންނަ މީހާ ޚިދުމަތަށް އަގުދައްކާއިރު "ބަކްޝިޝް" އަށް ދޭ ލާރިކޮޅުވެސް ޖީ.އެސް.ޓީ. ގިންތީގެތެރޭގައި ހިމެނުމެވެ. ސީދާ ސާފު ކިރު ޖީ އެސް.ޓީ ހިލެއެވެ. ކަޅުސައިތަށި ޖީ އެސް.ޓީ ހިލެއެވެ. އެހެންނަމަވެސް އެއަށް އެހެން އެއްޗެއް އެއްކޮށްފިނަމަ ޖީ.އެސް.ޓީ ހިލެއެއްނުވެއެވެ.

ކުއްޔަށްދޭ އިމާރާތްތަކުން އަހަރަކު ފަސްލައްކަ ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އެފަރާތަކުން ވިޔަފާރީގެ ފައިދާގެ ޓެކްސްއެއް ދައްކަންޖެހެއެވެ. އެފަދަ އިމާރާތަކީ ބޭންކު ދަރަނި ދައްކަންޖެހޭ އިމާރާތަކަށްވިޔަސް ޓެކްސް ނެގުމުގެ ހިސާބުގައި އުނިކުރެވެނީ ބޭންކު އިންޓަރެސްޓް އަށް ދައްކަންޖެހޭ ފައިސާގެ އަދަދެވެ. އޭގެ އިތުރަށް ބޭންކަށް ދައްކަންޖެހޭ ޖުމުލަ އަދަދު ބަހާލަނީ 25 އަހަރަށެވެ. މިގޮތަށް ބަހާލުމުން އަހަރަކަށް ޖެހޭވަރު އުނިކުރެވޭނެކަމަށްވެއެވެ. ބައެއް ބޮޑެތި ލޯނުތަކުގައި އެ އަދަދަކީ ބޭންކަށް ދައްކަންޖެހޭ އަދަދަށް ވުރެ ކުޑަ އަދަދަދަކަށްވާނެކަން ޔަޤީންވާކަމަށް ދެންނެވުމުން މީރާއިން ވާހަކަ ދެއްކެވި ފަރާތުން ވިދާޅުވީ މަދުވާ ފައިސާ އެހެން ވިޔަފާރިއަކުންނެރޭނީކަމަށެވެ. އެހެން ވިޔަފާރިއެއް ނުކުރާނަމަ ވާނީ ކިހިނެއްތޯ ދެންނެވުމުންވެސް ވިދާޅުވީ އެފައިސާ ދައްކަންޖެހޭނޭކަމަށެވެ. ވިޔަފާރިއެއްގައި ތަފާތު ބައިވެރިންނާއިއެކު ތަފާތު ކުންފުނިތައް ހިނގަފާނެއެވެ. މިގޮތަށް ހިނގާ ކޮންމެ ކުންފުންޏެއްގެވެސް ހިސާބު ކިތާބާއި ލިޔެކިޔުންތައް ތަފާތު ވާނެއެވެ. މިހެންވުމާއި އެކު އެއްކުންފުންޏަކުން ލިބޭ ފައިދާއެއް އަނެއް ކުންފުނިން ލިބޭ ގެއްލުމުގެ ތެރެއަށް ލައިގެން ވިޔަފާރިން ފައިދާވިކަމަށް ދެއްކިދާނެބާވައެވެ؟ އެއްކުޑައެއްގެ ދަށުގައި ހިނގާ ބޮޑު ބިސްނަސް އެމްޕަޔަރަކުން އެގޮތަށް ދެއްކިދާނެކަންނޭގެއެވެ. ފައިދާއިން ޓެކްސް ނެގޭނަމަ ޓެކްސްނެގެންވާނީ ލިބޭފައިދާެއަކުންނެވެ.

އަޅުގަނޑުގެ ރައްޓެއްސަކު ބުނިގޮތުގައި އޭނާގެ ބޮޑު އާއިލާގެ ހުރިހާ މެންބަރުންގެ އެއްމެދު ބޮޑު އިމާރާތެއް ބިނާކުރީ ބޭންކުން ލޯނެއް ނަގައިގެންނެވެ. އިމާރާތުގެ ބައިބައި ކުއްޔަށް ދިނުމަށް ފަހު ލިބޭ އާމްދަނީން ބޭންކު ލޯނަށް ކޮންމެ މަހަކު ދައްކަންޖެހޭ މިންވަރަށް ފައިސާ ނުލިބޭތީވެ އެ އާއިލާގެ ކޮންމެ މެންބަރަކު ކޮންމެ މަހަކު ފަނަރަވަރަކަށް ހާސް ރުފިޔާ އިމާރާތުން ލިބޭ މުޅިއާމްދަނީގެ އިތުރުން ބޭންކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ހަމަކުރުމަށް ދައްކަންޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ އާއިލާގެ ހުރިހާ މެންބަރުން ދިރިއުޅެމުން ގެންދަނީ އެ އިމާރާތުގައި ކަމަށްވުމާއި އެކު އެފެންވަރުގެ އިމާރާތެއްގައި ކުއްޔަށް އުޅޭނަމަ އެއަށްވުރެ މާބޮޑު ކުއްޔެއް ދައްކަންޖެހޭނެކަމަށެވެ. މިފަދަ ފައިދާއެއް އެފަރާތްތަކަށް ލިބުނަސް ޙަޤީޤަތުގައި އިންވެސްޓުމެންޓުގެ ފައިދާ އަތަށްއަރާ ފައިސާއިން އެފަރާތްތަކަށް ނުލިބެއެވެ. އެ އިންވެސްޓްމެންޓުގެ ނަފާ ލިބޭކަމަށް ބެލެވޭނީ އެންމެ ކުޑަމިނުން ބޭންކުގެ އިންޓަރެސްޓް ފައިސާ ދެއްކުމަށްފަހު، ނަގާފައިވާ ލޯނުގެ މައިގަނޑު އަދަދުން ކޮންމެ މަހަކު ބޭންކަށް ދައްކަން ކަނޑައެޅިފައި އޮންނަ އަދަދުގެ އިތުރަށް ފައިސާ ލިބޭކަމަށްވާނަމައެވެ.

ސަރުކާރުން ނުވަތަ މީރާއިން ޤާނޫނެއް ފާސްކުރަންވީ އިމާރާތް ކުއްޔަށްދޭ ފަރާތްތަކަށް އަހަރަކު ފަސްލައްކަ ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭނަމަ އެލިބޭ އާމްދަނީއަކުން ސަރުކާރަށް ޓެކްސް ނެންގުވުމަށް ނުވަތަ އިތުރުވާ އާމްދަނީއެއް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަށް ޚަރަދުކުރުމަށް ނުވަތަ ފަޅުހިއްކުމުގެ މަޝްރޫޢުއަށް ޚަރަދުކުރުމަށް ނެގުމަށެވެ. ލިބޭ އާމްދަނީއަކުން ޓެކްސް ނަގަން ނިންމަވާނަމަ ޤާނޫނު އެގޮތަށް ފާސްކުރަންވާނެއެވެ. މިބާވަތުގެ ކަންތަކުގެ ދާއިރާ ޤާނޫނުން ބާރުލިބިގެން ހެދޭ ޤަވައިދަކުން ފުޅަލެއް ނުކުރެވޭނެއެވެ. ނުލިބޭ ފައިދާއަކުން ފައިދާގެޓެކްސް ދެއްކުމަށް ފައިސާ ހޯދާނީ ކިހިނެއްތޯ ދެންެނެވުމުންވެސް މީރާއިން ވިދާޅުވީ ޤާނޫނުގައި އޮތީ އެހެންކަމަށެވެ. (ޤާނޫނުގައި އެހެނެއް ނޯވެއެވެ.) ބޭންކުން ދޫކުރާ ލޯނު އަނބުރާ ދެއްކުމަށް ރާއްޖޭގައި ޢާއްމުގޮތެއްގައި އޮންނަނީ ވަރަށް ކުރު މުއްދަތަކަށް ކަމަށް ދެންނެވުނެވެ. ދިގުވެގެން މިވައްތަރުގެ ލޯނަކަށް އަށެއްކަ އަހަރުކަމަށް ދެންނެވުމުންވެސް އެއީ އެފަރާތުން ވިސްނަވަންޖެހޭ ނުކުތާއެއްކަަމަކަށް ވާހަކައިން ދޭހައެއްނުވިއެވެ. ނުވާ ފައިދާއަކުން، ނުލިބޭ ފައިސާއަކުން ޓެކްސް ދައްކާ ގޮތް ދިމާވާ ފަރާތްތަކަށް ސަރުކާރުގެ ބައިތުލްމާލުން ނުވަތަ ޒަކާތުގެ ފައިސާއިން ބަޔެއް އެޅޭގޮތަށްވެސް ހަމަޖެއްސެވިދާނެކަންނޭގެއެވެ. ކޯޓު ޙުކުމަށް ތަބަޢަނުވި ދަރަނިވެރިޔާގެ ދަރަނި ބަލިކަށި ޢުޒުރައަކާއި އެކު ސަރުކާރުން ޚަލާސްކުރެެއްވިގޮަތަށެވެ. އެފަދަ ޚަރަދަކަށް އެއްވެސް ޤާނޫނީ ހުއްދައެއް ނެތްއިރުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް