ފްލެގް މޭންގެ ހާލު ސަރުކާރުން ބަލައިފި، އޭނާ މަގުމައްޗެއް ނުވޭ

އެމްޑީޕީގެ މުޒާހަރާ ތަކުގައި ދިދަ އުފުލާލި ފްލެގް މޭން، މާރުކޭޓު ސަރަހައްދުގައި އަޅާލާނެ މީހަކު ނެތިފައި ---

އެމްޑީޕީގެ މުޒާހަރާތަކާއި އެއްވުންތަކުގައި ބޮޑު ދިދަ ހޫރުވާ "ފްލެގް މޭން" މާރުކޭޓު ސަރަހައްދުގައި އުޅޭ މަންޒަރުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ފޮޓޯއާއެކު އިދިކޮޅުން ދައްކަންފެށި ވާހަކައަކީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޕާޓީގެ ގްރާސްރޫޓް އެކްޓިވިސްޓުންނަށް ލީޑާޝިޕުން އަޅާނުލާ ވާހަކަ އެވެ. ފްލެގްމޭން ހާލުގައިޖެހި. މަގުމަތިވުމުންވެސް އެހީ ނުވާ ވާހަކައެވެ.

މި ވާހަކައަށް އެމްޑީޕީ އާއި ޖެންޑާ މިނިސްޓްރީގެ ސަމާލުކަން ހުއްޓުނެވެ. ޖެންޑާ އިން ވަނީ ފްލެގްމޭން ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކުރެއްވި މަސައްކަތުން ފްލެގްމޭން އާއި ވާހަކަ ދެކެވި، ހާލަތު ބެލިއްޖެ ކަމަށްވެސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

ފްލެގްމޭންގެ ހާލު ނުބަލާކަމަށްބުނެ އެމްޑީޕީ އަށް އަމާޒުވަމުންދިޔަ ފާޑުކިޔުންކިޔުންތަކަށް އެޕާޓީގެ އިސް އެކްޓިވިސްޓަކު ވަނީ ރައްދު ދީފަ އެވެ.

އެމްޑީޕީގެ އޮފީހުގައި އިސްކޮށް އުޅޭ މަރިޔަމް ޒުބައިރު (މަންދީ) ޓްވިޓާގައި ބުނީ ދައުރުވަމުންދިޔަ ފޮޓޯ އަކީ ފްލެގްމޭންގެ ފައިގައި އިން ފާރުގަނޑެއްގައި ބޭސް އެޅުމުގެ ކުރން ފައި ލޮނަށް ލައިގެން އިންނަތަން ފެންނަ ފޮޓޯއެއް ކަމަށާއި އެއީ އެގޮތަށް ކަންތައް ކުރުމުން ފަޔަށް ލުއިވާނެ ކަމަށް ޑޮކްޓަރު ބުނުމުން އަމަލު ކުރާގޮތެއް ކަމަށް ފްލެގްމޭންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.

ފްލެގްމޭން އާއި ވާހަކަ ދެއްކީ ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ކަމަށާއި ފްލެގްމޭންގެ ފޮޓޯއެއް ހަގީގަތާ ހިލާފު ވާހަކަތަކާއެކު ދައުރުކުރުމުން އޭނާ ހުރީ ދެރަވެފައި ކަމަށް މަންދީ ވަނީ ބުނެފަ އެވެ.

އެއްވެސް ކަމަކަށް ބޭނުންވޭތޯ ސުވާލުކުރުމުން ކަމެއް ބޭނުން ނޫން ކަމަށާއި އެއްވެސް ދައްޗެއް ނެތްކަމަށް ފްލެގްމޭން ބުނިކަމަށާއި މިހާރު އުޅެނީ ފަޔަށް ބޭސް ކުރަން ރާއްޖޭގެ ރަށަކަށް ފުރަންކަމަށްވެސް އޭނާ ބުނިކަމަށް މަންދީ ވަނީ ބުނެފަ އެވެ.

ހުއްދަނެތި، މީހުންގެ ފޮޓޯ އާންމު ކޮށް ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށް މަންދީ ބުނެފައިވަނީ ފްލެގްމޭންގެ ފޮޓޯ ދައުރު ނުކުރުމަށް އޭނާ އެދޭ ކަމަށެވެ.

comment ކޮމެންޓް