ގިނަ ބަޔަކާއެކު ފަސް މީހުންގެ ޖަނާޒާ ބާއްވައިފި

މަރުވި ފަސް މީހުންގެ ޖަނާޒާގެ ތެރެއިން: ވަޅުލާފައިވަނީ ހަނިމާދޫ ގައި --- ސަން ފޮޓޯ/ އަހްމަދު ޝަފީފު(އެއްޕަސް)

މިއަދު ހިނގި ހިތާމަވެރި ހާދިސާގައި މަރުވި ފަސް މީހުންގެ ޖަނާޒާ، ގިނަ ބަޔެއްގެ ހާޒިރުގައި ބާއްވައިފި އެވެ.

މަރުވި ފަސް މީހުންގެ ކަށުނަމާދު ބައްވާފައި ވަނީ މިރޭ ދަންވަރު 2:00 ގައި ހދ. ހަނިމާދޫ މަސްޖިދުލް މޫސާ އަލީގަ އެވެ. ފަސް މީހުން ވަޅުލާފައިވަނީ 2:30 އެހާކަށްހާއިރު އެވެ.

މިއަދު ހެނދުނު 11:30 ހާއިރު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗަށް ޖެހި ރަޅަކާ އެކު މަރުވެފައި ވަނީ ނޮޅިވަރަންފަރަށް ނިސްބަތްވާ ފަސް މީހުންނެވެ. އެއީ އެއް އާއިލާއަކަށް ނިސްބަތާވާ ހަތަރު މީހަކާއި އަދި ވެސް އިތުރު މީހެކެވެ.

މަރުވި ފަސް މީހުންގެ މޫނުދެއްކުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝަފީއު(އެއްޕަސް)

އެއް އާއިލާއަކަށް ނިސްބަތްވަނީ، ހުސައިން އަބްދުﷲ، (55އ) އަހިމާގެ އަދި އޭނާގެ އަންހެނުން މަރިޔަމް މުސޫމާ (48އ) އަހިމާގެ، އާއި އެ ދެމެފަރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ (30އ) އަހިމާގެ އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު އީރާ ހަސަން ޝީފާޒު، ސީވީޑް އެވެ. އެ ހަތަރު މީހުންގެ އިތުރުން ދެން މަރުވެފައި ވަނީ، ، އައިޝަތު އަލީ (51އ) ވީނަސް އެވެ.

ފަސް މީހުންގެ ޖަނާޒާއަށް ނޮޅިވަރަންފަރާއި މާލެ އިން އެ އާއިލާތަކުގެ ގިނަ ބަޔަކު ހަނިމާދު އަށް އައެވެ. އޭގެ އިތުރު ހާދިސާ ހިނގިއިރު، ގައުމީޓީމާއެކު ސްރީލަންކާގައި އެ ވަގުތު ހުރި، ގައުމީ ޓީމްގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ވެސް ރާއްޖެއައިސް ވަނީ ޖަނާޒާގައި ބައިވެރިވެފަ އެވެ.

މަރުވި ފަސް މީހުންގެ ކަށުނަމާދަށްފަހު: ފަސް މީހުން ވަޅުލާފައިވަނީ ހަނިމާދޫގައި --- ސަން ފޮޓޯ/ އަހްމަދު ޝަފީއު(އެއްޕަސް)

މަރުވި ފަސް މީހުން ދަތުރު ކުރި "އައި ސްޕީޑް" ލޯންޗް ބަންޑުން ޖަހާލާފައި ވަނީ ހަނިމާދޫ ދެކުނު ފަރާތަށެވެ. ތޭވީސް ފޫޓު އެ ލޯންޗުގައި އިތުރު ފަސް މީހަކު ވެސް ދަތުރު ކުރި އެވެ. ޖުމްލަ 10 މީހުން ދަތުރު ކުރި އެ ލޯންޗް ބަންޑުން ޖަހާލި އިރު، ކަނޑުމަތިން ނެގި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެ ލޯންޗުން ދަތުރުކޮށް ފުރާނަ ސަލާމަތްވި ފަސް މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒާ ހަވާލާދީ އެ ރަށު ކަންސިލުން ބުނެވެ. ނަމަވެސް އޭގެ ތެރެއިން ތިން މީހަކަށް އަދި ވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ލޯންޗް ހަނިމާދުއަށް ފުރާފައިވަނީ ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އެ ސަރަހައްދަށް މޫސުން ގޯސްވުމުންގެ ސަބަބުން ޔެލޯ އެލާޓް ވެސް ނެރެފައިވަނިކޮށެވެ.

comment ކޮމެންޓް