ލޯންޗު ބަންޑުން ޖަހާލުން: 3 މީހަކަށް ފަރުވާދެނީ، 2 މީހުން ދޫކޮށްލައިފި

ހަނިމާދޫ ހޮސްޕިޓަލު ކައިރީ ބަޔަކު މަޑުކޮށްލައިގެން: ތިން މީހަކަށް ދަނީ ފަރުވާ ދެމުން --- ސަން ފޮޓޯ/ އެއްޕަސް

މިއަދު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދުއަށް ދަތުރުކުރި ލޮންޗު ބަންޑުން ޖަހާލުމުގެ ސަބަބުން ފަރުވާ ދެމުން ދިޔަ ފަސް މީހުންގެ ތެރެއިން ދެ މީހަކު ސިއްހީ މަރުކަޒުން ދޫކޮށްލައިފި އެވެ.

މިއަދު ހެނދުނު 11:30 އެހައިކަންހާއިރު ބަންޑުން ޖަހާލި 23 ފޫޓުގެ ލޯންޗުން ދަތުރު ކުރި 10 މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައެވެ. ފުރާނަ ސަލާމަތްވި، ފަސް މީހުންނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ދިޔައީ ފަރުވާދެމުންނެވެ.

ހަނިމާދޫ ސިއްހީ މަރުކަޒާ ހަވާލާދީ އެރަށު ކަންސިލްގެ ރައީސް އަބްދުއްސަލާމް އަލީ މިރޭ "ސަން" އަށް ވިދާޅުވީ، ފަރުވާ ދެމުންދިޔަ ފަސް މީހުންގެ ތެރެއިން ލޯންޗުގެ ކެޕްޓަންއާއި ފަޅުވެރިޔަކު މިހާރު ސިއްހީ މަރުކަޒުން ދޫކޮށްލާފައިވާ ކަމަށެވެ.

"ބަކީ ތިން މީހުންގެ ހާލުވެސް ރަނގަޅު. ނަމަވެސް އަދިވެސް އެ ތިން މީހުންނަށް ދަނީ ފަރުވާދެމުން،" ކައުންސިލްގެ ރައީސް އަބްދުއްސަލާމް ވިދާޅުވިއެވެ.

ހާދިސާގައި މަރުވި ފަސް މީހުންގެ ޖަނާޒާ އޮތީ ހަނިމާދޫގައި މިރޭ ދަންވަރު 1:30ގައެވެ. ޖަނާޒާއަށް ނޮޅިވަރަންފަރުން ގިނަ ބަޔަކު ހަނިމާދޫ އަށް މިހާރު އައިސްފައިވާ ކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ.

ލޯންޗް ބަންޑުން ޖަހާލައި މަރުވެފައިވަނީ، އެއް އާއިލާއެއްގެ ހަތަރު މީހުންނާއި އިތުރު މީހެކެވެ. އެއް އާއިލާއެއްގެ ހަތަރު މީހުންނަކީ ދެމަފިރިން ކަމުގައިވާ، ހުސައިން އަބްދުﷲ (55އ)، އަހިމާގެ/ ނޮޅިވަރަންފަރު އާއި މަރިޔަމް މުސޫމާ (48އ) އަހިމާގެ/ ނޮޅިވަރަންފަރު، އެ ދެމަފިރިންގެ ދަރި، ފާތުމަތު ގުރައިޝާ (30އ)، އަހިމާގެ/ ނޮޅިވަރަންފަރު އަދި ގުރައިޝާގެ ދަރި، އީރާ ހަސަން ޝީފާޒު (3) ސީވީޑް/ ނޮޅިވަރަންފަރު އެވެ. ހަތަރު މީހުންގެ އިތުރުން ދެން މަރުވެފައިވަނީ، އައިޝަތު އަލީ (51އ) ވީނަސް/ ނޮޅިވަރަންފަރު އެވެ.

comment ކޮމެންޓް