ޖަނާޒާއަށް ނޮޅިވަރަންފަރު ގިނަ ރައްޔިތުން ހަނިމާދުއަށް ޖަމާވެއްޖެ

މަރުވި ފަސް މީހުންގެ ޖަނާޒާ ބޭއްވުމަށް ހަނިމާދޫ ގަބުރުސްތާނުގައި ތައްޔާރުކުރަނީ ---

މިއަދު ހިނގި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާ އަށް އެ މީހުން ނިސްބަތްވާ ހދ. ނޮޅިވަރަންފަރުގެ ގިނަ މީހުން އެއަތޮޅު ހަނިމާދުއަށް ޖަމާވެއްޖެ އެވެ.

މަރުވި ފަސް މީހުންގެ ޖަނާޒާ ބާއްވަނީ މިރޭ ދަންވަރު، ހަނިމާދޫ މަސްޖިދުލް މޫސާ އަލީގައި މިރޭ ދަންވަރު 1:30 ގައެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ މިރޭ "ސަން" އަށް ވިދާޅުވީ، ދަންވަރު އޮންނަ ޖަނާޒާއަށް ނޮޅިވަރަންފަރުން ގިނަ ބަޔަކު ހަނިމާދު އަށް މިހާރު އައިސްފައިވާ ކަމަށެވެ.

"ވަރަށް ގިނަ މީހުން ދަނީ އަންނަމުން. މިހާރު ނޮޅިރަންފަރުން 100 އަށް ވުރެ ގިނަ ރައްޔިތުން ހަނިމާދުއަށް އަތުވެއްޖެ،" ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ ވިދާޅުވި އެވެ.

ސަލާމް ވިދާޅުވީ، ނޮޅިވަންފަރުގެ އިތުރުން މާލެ އިންވެސް އެ އައިލާތަކުގެ މީހުން ޖަނާޒާއަށް އަންނަމުންދާ ކަމަށެވެ.

ޖަނާޒާ ލަސްވެގެން ދިޔައީ މިވަގުތު ލަންކާގައި ހުރި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ރާއްޖެ އައުން ލަސްވުމުން ކަމަށް ސަލާމް ވިދާޅުވި އެވެ. މަރުވި ހަތަރު މީހުންނަކީ އިއްބެ ވަހީދުގެ އާއިލާއަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އިއްބެ ވަހީދަށް ހަނިމާދުއަށް އާދެވޭނީ މިރޭ ދަންވަރު ފުލައިޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވީހާވެސް ގިނަ ފަރާތްތަކުން ކަށުނަމާދުގައި ބައިވެރިވުމަށް އެ އާއިލާތަކުން ވަނީ އެދިވަޑައިގެންފަ އެވެ.

ލޯންޗް ބަންޑުން ޖަހާލައި މަރުވެފައިވަނީ، އެއް އާއިލާއެއްގެ ހަތަރު މީހުންނާއި އިތުރު މީހެކެވެ. އެއް އާއިލާއެއްގެ ހަތަރު މީހުންނަކީ ދެމަފިރިން ކަމުގައިވާ، ހުސައިން އަބްދުﷲ (55އ)، އަހިމާގެ/ ނޮޅިވަރަންފަރު އާއި މަރިޔަމް މުސޫމާ (48އ) އަހިމާގެ/ ނޮޅިވަރަންފަރު، އެ ދެމަފިރިންގެ ދަރި، ފާތުމަތު ގުރައިޝާ (30އ)، އަހިމާގެ/ ނޮޅިވަރަންފަރު އަދި ގުރައިޝާގެ ދަރި، އީރާ ހަސަން ޝީފާޒު (3) ސީވީޑް/ ނޮޅިވަރަންފަރު އެވެ. ހަތަރު މީހުންގެ އިތުރުން ދެން މަރުވެފައިވަނީ، އައިޝަތު އަލީ (51އ) ވީނަސް/ ނޮޅިވަރަންފަރު އެވެ.

comment ކޮމެންޓް