ލޯންޗު ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް އެތައްބަޔެއްގެ ތައުޒިޔާ

ބަންޑުންޖަހާލި ލޯންޗު ހަނިމާދޫ އަށް އަރުވަނީ -- ފޮޓޯ: އެމްއެންޑީއެފް

މިއަދު ގައުމު ސިއްސުވާލި ޚަބަރަކީ ލޯންޗެއް ބަންޑުން ޖަހާލާ، ކުޑަކުއްޖަކާއެކު ފަސް މީހަކު ނިޔާވި ހާދިސާ އެވެ. މެންދުރު ކުރިން ހިނގި އެ ހާދިސާ އާއެކު މުޅި ގައުމު ވަނީ ހިތާމައިގެ ސާލެއްގައެވެ.

ހދ. ނޮޅިވަރަންފަރުން ފުރައިގެން 10 މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެ އަތޮޅު ހަނިމާދޫ އަށް 23 ފޫޓުގެ ލޯންޗެއްގައި 10 މީހަކު ފުރީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމަށެވެ. ހަނިމާދޫ ފަޅުން ނުވަދެވެނީސް ލޯންޗު ބަންޑުންޖަހާލީ އެރަށު ހުޅަނގުފަރާތު ކަންމައްޗަށެވެ.

ލޯންޗުން ދަތުރުކުރި 10 މީހުންގެ ތެރެއިން ފަސް މީހަކު މަރުވިހަބަރާއެކު މުޅި ގައުމު ހިތާމައިން ރޮއްވާލައިފިއެވެ. ގައުމުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފައެވެ.

https://sun.mv/123630

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށާއި، ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ހިތުގެ އަޑިން ތައުޒިޔާ ދަންނަވާ ކަމަށެވެ.

ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަމިއްލަ ފަރުދުން އަދި ސަރުކާރާއި އަމިއްލަ ކުންފުނިތަކުންވެސް ދަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވަމުންނެވެ.

ކަނޑުމައްޗަށް އަރާއިރު ސަލާމަތީ ކަންތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫސުން ގޯސްއިރު ކަނޑުމަތީގެ ހާދިސާއެއް ކުރިމަތިވެދާނެ ކަމަށްޓަކާ ފިޔަވަޅު އެޅުމަށް އާންމުންވެސް ދަނީ ގޮވާލަމުންނެވެ.

"ކަނޑުމަތީގައި ހިނގާދިޔަ ހިތާމަވެރި ހާދިސާގަައި ނިޔާވި ނޮޅިވަރަންފަރު މީހުންގެ ފުރާނަފުޅަށް މާތްﷲ ގެ ތަނަވަސްވެގެންވާ ރަހުމަތް މިންވަރުކުރައްވާ އެފަރާތްތަކުގެ އާއިލާޔަށް ކެތްތެރިކަން ދެއްވުމަށް އެދި ދުުއާ ކުރާކަމަށް" ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

ލޯންޗު ބަންޑުން ޖަހާލިއިރު އެ ލޯންޗުގައި ދަތުރުކުރި މީހުން ތިބީ ލައިފްޖެކެޓު ނާޅާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިއަދުގެ ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ ނޮޅިވަރަމްފަރު ސްކޫލްގެ އެންމެ ދުވަސްވީ ޓީޗަރު ހުސެއިން އަބްދުﷲ، އުނިމާގެ (ބޮޑު ޓީޗަރު) އަދި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ 30 އަދި އޭނާގެ ތިން އަހަރަށް ދާ ދަރިފުޅެވެ. މަރުވި ފަސް ވަނަ މީހަކީ ރަށު ސްކޫލްގެ އެހެން ޓީޗަރެއްގެ އަންހެނުން އެވެ.

ކަނޑުމަތީގެ ހިތަމަވެރި ހާދިސާއެއް މިއަދު ހިނގާފައިވާއިރު ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

https://sun.mv/123618

comment ކޮމެންޓް