ލޯންޗް ހާދިސާގައި ކަނޑުމަތިން ނެގި އެއްވެސް މީހެއްގެ ލައިފްޖެކެޓެއް ނެތް

އެމްއެންޑީއެފް ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުޙައްމަދު ސަލީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަދު ނޮޅިވަރަންފަރުން ހަނިމާދޫ އަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި ބަޔަކު ކަނޑުވި ހާދިސާގައި ކަނޑުމަތިން ނެގި އެއްވެސް މީހެއް ލައިފްޖެކެޓު އަޅާފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މިއަދު ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ އުތުރުގެ ސަރަހައްދުގެ މޫސުންގޯސްވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައި އޮއްވައި ދަތުރުކުރި އެ އުޅަނދުގެ ސަލާމަތީ ކަންތައް ފުރިހަމަވެފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ހާއްސަކޮށް ކުދި އުޅަނދުތަކުގައި ދަތުރުކުރާ އިރު މޫސުމަށް ބެލުމަށް ފަހު ނޫނީ ދަތުރުނުކުރުމަކީ ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް،" ކާނަލް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތަައުޒިޔާ ފޮނުއްވާ ކަމަށެވެ.

ތޭވީސް ފޫޓުގެ އެ ލޯންޗުގެ ޑޮކިޔުމެންޓުތައް ރިކަވާ ކުރެވޭތޯ ބަލަމުންދާ ކަމަށާއި ނޮޅިވަރަންފަރާއި ހަނިމާދޫ އަކީ ކައިރީގައި އޮންނަ ދެ ރަށަށްވާ އިރު، ކިތަންމެ ކުޑަ ރާސްތާއެއްގައި ދަތުރުކުރި ނަމަވެސް ލައިފްޖެކެޓް ފަދަ ސަމާލަތީ އާލާތްތައް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ހުންނަން ޖެހޭ ކަމަށެވެ.

"ކަނޑު ކިރިޔާ ވެސް ގަދަކަމަށް ވަންޏާމުން، ލައިފްޖެކެޓް ފަދަ ފްލޯޓިން ޑިވައިސް އެއް އަޅައިގެން ތިބުމުގެ މުހިއްމުކަން މި އެނގެނީ. ކިތަންމެ ކުޑަ ދަތުރެއް ނަމަވެސް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅު ނޭޅިއްޖެ ކަމަށްވަންޏާ ވަރަށް ހިތާމަވެރި ހާދިސާއެއް ދިމާވެދާނެކަން މި ފާހަގަ ވަނީ،" ސަލީމް ވިދާޅުވި އެވެ.

ދިހަ މީހުންނާ އެކު ދަތުރުކުރި އެ ލޯންޗުން ދަތުރުކުރި ފަސް މީހަކު ނިޔާވެފައިވާ އިރު، އޭގެ ތެރޭގައި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅުގެ އިތުރުން މަންމަ އާއި ބައްޕަ ވެސް ހިމެނެ އެވެ. ދެން އެ ހާދިސާގައި ނިޔާވެފައިވަނީ އިތުރު އަންހެނެކެވެ.

ލޯންޗުން ދަތުރުކުރި އަނެއް ފަސް މީހުންނަށް ހަނިމާދޫ ހެލްތުސެންޓަރުގައި ފަރުވާދެމުންދާއިރު އެމީހުންގެ ހާލު ރަނގަޅެވެ.

ލޯންޗު ބަންޑުންޖަހަލިކަމުގެ ހާދިސާގެ ހަބަރު ލިބުނީ ލޯންޗުން ދަތުރުކުރި މީހަކު ހަނިމާދޫ އަށް އަރައި، އެ ހަބަރު ދިނުމުން ކަމަށާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެ ވަގުތުން ފެށިގެން ހަނިމާދޫގައި ތިބޭ ސިފައިން ފަށާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ދޭންޖެހޭ ފަސްޓް އެއިޑް ދިން ކަމަށާއި ނަމަވެސް ސިއްހީ މަރުކަޒަށް ގެންދިޔައިރު އެމީހުން މަރުވެފައިވާ ކަމަށް ހަނިމާދޫ ސިއްހީމަރުކަޒާ ހަވާލާދީ އެމްއެންޑީއެފް އިން ބުންޏެވެ.

ކަނޑުދަތުުރަަށް ފުރާއިރު، މޫސުމާބެހެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

"ހާއްސަކޮށް ޔެލޯ އެލާޓް ނެރެފައި އޮންނަ ވަގުތުގައި ކުދި އުޅަނދުތަކުގައި ދަތުރު ނުކުރުމަށް އިލްތިމާސް ކުރަން. ދަތުރަކާ އެކަށޭނަ އުޅަނދެއްގައި ނޫނީ ދަތުރުނުކުރުމަށާއި ލައިފް ސޭވިން އަށް ބޭނުންވާ އިކުއިޕްމެންޓުތައް ބަހައްޓައިގެން ނޫނީ ދަތުރު ނުކުރުމަށް ވެސް އިލްތިމާސް ކުރަން،" ކާނަލް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ އެ ލޯންޗުގައި ލައިފްޖެކެޓް ހުރިކަމަށް. އެކަމަކު އެ ހާދިސާ ހިނގައި ދިޔަ ވަގުތުކޮޅުގެ ތެރޭގައި ލައިފްޖެކެޓް އެޅުމުގެ ފުރުސަތު ނުލިބުނީ ކަމަށް،" ލައިފްޖެކެޓް ފަދަ ތަކެތި ފަސޭހައިން އަތުޖެހޭ ހިސާބެއްގައި ބެހެއްޓުމުގެ މުހިއްމުކަން ފާހަގަ ކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް އަޙްމަދު ފާތިހު ވިދާޅުވި އެވެ.

https://sun.mv/123618

comment ކޮމެންޓް