ނިއު ޒީލޭންޑުން ސްކޫލު ކުދިންނަށް ހިލޭ މެންދުރު ކެއުން ދެނީ

ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވިދާޅުވި ގޮތުގައި އަންނަ އަހަރު އެގައުމުގައި ސްކޫލު ކުދިންނަށް ހިލޭ މެންދުރު ކެއުންދޭ ޕްރޮގްރާމެއް ޓެސްޓު ކުރަން ފަށާނެ -- ފޮޓޯ: ސްޓީވެންޕާކާ

ވެލިންޓަން (އޮގަސްޓް 29): ނިއު ޒީލޭންޑުން ސްކޫލް ކުދިންނަށް ހިލޭ މެންދުރު ކެއުން ދޭ ޕައިލެޓް ޕްރޮގްރާމެއް ފަށަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ނިއު ޒީލެންޑް ސަރުކާރުގެ "ކުޑަކުދިންނާއި ޒުވާނުންގެ ދުޅަހެޔޮކަމާ ގުޅުން ހުރި ސްޓްރެޓެޖީ"ގެ ދަށުން އަންނަ އަހަރު އެ ޕްރޮގްރާމް ޓެސްޓު ކުރަން ފަށާނީ 30 ޕްރައިމަރީ ސްކޫލެއްގަ އެވެ. އޭރުން ފަސް އަހަރާއި 12 އަހަރާ ދެމެދުގެ 5،000 ކުދިންނަށް ހިލޭ ކެއުން ފޯރުކޮށްދެވޭނެ އެވެ. އަދި ސަރުކާރުން އުއްމީދު ކުރަނީ 2021ގައި ހިލޭ ކެއުން ދޭ ސްކޫލުތައް 120އަށް އިތުރު ކުރެވޭނެ ކަމަށެވެ.

ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވިދާޅުވި ގޮތުގައި އެސިޔާސަތު އެކުލަވާލީ އެގައުމުގެ 10،000 މީހުންނާ ސުވާލުކޮށްފަ އެވެ. އަދި އޭގެ ތެރޭގައި ހިމެނުނު ކުޑަކުދިން ވަނީ ބަނޑުހައިވެފައި ތިއްބާ ސްކޫލަށް ދިޔުމަކީ ކިޔެވުމަށް ހުރަސް އެޅޭ ކަމެއް ކަމަށް ބުނެފަ އެވެ.

އެހެންކަމުން އެސިޔާސަތުގެ މަގުސަދަކީ ކުޑަކުދިން ސްކޫލުގައި ބަނޑުހައިހޫނުކަން ތަހައްމަލު ކުރުން ހުއްޓުވުމެވެ.

ނަމަވެސް ސަރުކާރާ އިދިކޮޅު ނެޝަނަލް ޕާޓީން ވަނީ އެޕްރޮގްރާމުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށްފަ އެވެ. އެގޮތުން ގިނަ ސްކޫލުތަކުގައި ހުރިހާ ދަރިވަރުންނަށް ކާނާ ތައްޔާރުކޮށް ރައްކާކުރުމަށް ބޭނުންވާ ވަރުގެ ބޮޑު ބަދިގެ އެއް ނެތް ކަމަށާއި އެސްކޫލުތަކަށް ވަސީލަތްތައް ފޯރުކޮށް ދިނުމަށް މާބޮޑު ބަޖެޓެއް ޕްރޮގްރާމުގައި ހިމަނާފައިވާ ނުވާ ކަމަށް ފާހަގަކޮށްފަ އެވެ. އެހެންކަމުން އެފަދަ އެހެން ޕްރޮގްރާމްތަކާ އަޅާ ބަލާއިރު ސަރުކާރުގެ ޕްރޮގްރާމުގައި ސްކޫލުތަކުން ބުރަ އުފުލަން ޖެހޭ މިންވަރު އިތުރު ކަމަށް އެޕާޓީން ބުންޏެވެ.

އަދި އެ ޕްރޮގްރާމަށް އެތައް މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށާއި ނެޝަނަލް ޕާޓީން ބޮޑަށް ތާއިދު ކުރަނީ އެފައިސާ ފަގީރު ކުދިންނަށް ސިއްހަތަށް ފައިދާ ހުރި ކާނާ ފޯރުކޮށްދިނުމަށް އިންވެސްޓު ކުރުން ކަމަށް ބުނެފަ އެވެ. އަދި މިހާރު ވެސް ސްކޫލު ކުދިންނަށް ހިލޭ ކެއުން ފޯރުކޮށްދޭ ޖަމްއިއްޔާތައް އޮންނަ ކަމަށާއި، ސަރުކާރުގެ ޕްރޮގްރާމުގައި ހިމަނާފައި ނުވާ ހައި ސްކޫލު ކުދިންނާއި އާލީ ޗައިލްޑްހުޑް ސެންޓަރުތަކުގައި ތިބޭ ކުދިންނަށް ހިލޭ ކެއުން ދިނުމަށް އެޖަމްއިއްޔާތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ނެޝަނަލް ޕާޓީން ބުންޏެވެ.

ނިއު ޒީލެންޑް ސަރުކާރުގެ "ކުޑަކުދިންނާއި ޒުވާނުންގެ ދުޅަހެޔޮކަމާ ގުޅުން ހުރި ސްޓްރެޓެޖީ"ގައި ސްކޫލު ކުދިންނަށް ހިލޭ މެންދުރު ކެއުން ފޯރުކޮށްދިނުމުގެ އިތުރުން އެކުދިންގެ ރައްކާތެރިކަމަށްޓަކައި ފެށޭނެ އިތުރު 74 ޕްރޮގްރާމް ހިމަނާފައިވެ އެވެ. އަދި އެމުޅި ސްޓްރެޓެޖީގެ އަގު 5.5 ބިލިއަން ޑޮލަރަށް އަރަ އެވެ.

މިދިޔަ ޖޫން މަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ވަނީ އެފަދަ ޕްރޮގްރާމެއް ފަށާފަ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފެށީ، ފުރަތަމަ އަޖުމަ ބެލުމަށް 25 ސްކޫލެއްގައި ހަ މަސް ވަންދެން ނާސްތާ ދިނުމަށް ފަހުގަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އެޕްރޮގްރާމް ފެށި ފަހުން ސްކޫލުކުދިން ފިލާވަޅުތަކަށް އަހައްމިއްޔަތުކަން ދޭ މިންވަރު އިތުރުވެފައިވާ ކަަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް