ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީ) އާއި ޔޫތު މިނިސްޓްރީ ގުޅިގެން އިންތިޒާމްކުރާ ގްލޯބަލް ޔޫތު ޕީސް އެމްބެސެޑާސް ޕްރޮގްރާމް (ޖީވައިޕީއޭ) ޓްރެއިނިން ޕްރޮގްރާމް ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމް ފައްޓަވާދެއްވީ ޖެންޑާ އެންޑް ސޯޝަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ރާއްޖެއާއި ބޭރުގެ އެކި މުއައްސަސާތަކުގެ ވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ، ދުނިޔޭގެ ފެންވަރުގެ ޕީސް ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. 29 ގައުމަކުން ޖުމްލަ 200 ޒުވާނުން މި ޓްރެއިނިންގައި ބައިވެރިވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޓްރެއިނިން ގައި ހަ ގައުމަކުން ސްޕީކަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ރަފީ އިން ބުނީ ޖީވައިޕީއޭ ޕްރޮގްރާމުގެ ތެރެއިން ކަނޑުގެ ދިރުންތަކަށް ލޯބިކޮށް އެތަކެއްޗަށް ރައްކާތެރިކަން ދިނުމަށް ގޮވާލާ "ސްނޯކަލް ފޯ ގްލޯބަލް ޕީސް – އައި އޭމް ޕީސް ވިއްތް މެރިން ލައިފް، ސްޓޮޕް ލިޓަރިން" ގެ ނަމުގައި ސްނޯކްލިން ސެޝަން އަކާއި ގްލޯބަލް ޕީސް ޔޫތު ވޯކް ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން ހިނގާލުމެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ. ހިނގާލުން އޮންނާނީ މާދަމާ ހުޅުމާލޭގައެވެ.
ޖީވައިޕީއޭ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރަފީ ޖަމްއިއްޔާގެ ރައީސާ އާއިޝަތު ރަފިއްޔާ ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ސުލްހަ އަށް މަސައްކަތް ކުރާ ޒުވާން މަންދޫބުން ތަމްރީނުކުރުމަށް ހުޅުވާލި ފުރުސަތުގައި ދުނިޔޭގެ ފެންވަރުގައި ލިބިގެންދިޔައީ ބޮޑު ތަރުހީބެއް ކަމަށެވެ. މި ޓްރެއިނިން ވެގެންދާނީ ސުލްހަ ގާއިމް ކުރުމަށް ކުރާ މަސައްކަތަށް އިތުރުވެގެންދާނެ މުހިއްމު ބޮޅަކަށް ކަމަށް ރަފިއްޔާ ވިދާޅުވިއެވެ. މި ޕްރޮގްރާމަށް ސަރުކާރައި އެހެން ޕާޓްނަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަ ކުރައްވައި، ރަފިއްޔާ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.