ހަތެއް ފެބްރުއަރީގައި ހިންގި އަނިޔާތަކަށް އިންސާފު ކަށަވަރު ވާނީ، އެ ދުވަހު "ބަގާވާތް" ކުރުމުގައި އިސްކޮށް އުޅުނު މީހުން ދަން ޖެއްސިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަނޑިޔާރުގެތަކަށް ގެންނަން އުޅުނު އިސްލާހުތަކާ ދެކޮޅަށް، އެ މަނިކުފާނާ ދެކޮޅަށް ދަތި އުނދަގޫތައް ކުރިމަތިވެގެން ދިޔަ ކަމަށެވެ.
ހަމައެހެންމެ މިއަދަކީ އެކަން ހާމަވެގެން ދިޔަ ފަހުން، އެއް އަހަރާއި އެއް ދުވަސް ވެގެން ދާ ދުވަސް ކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ އެ ދުވަހު ގިނަ ބަޔަކަށް ހީވެފައި އޮތީ ފަނޑިޔާރުގެތައް އިސްލާހު ކުރުމުން އެކަމުގެ ފޮނި މީރުކަން ކުރާނީ ހަމައެކަނި ރައީސް ނަޝީދަށް ކަމަށެވެ.
"ތިމަންނަމެންގެ އަތުން މުޅި ނިޒާމު ގެއްލި ދަނީއޭ، ކެނެރީގޭ މުހައްމަދު ނަޝީދަށޭ ކުރިއަށް އޮތް ތަނުގައި މި ހުރިހާ ކްރެޑިޓެއް ލިބޭނީ، އެހެންވީމަ މިކަން ޖެހޭނެޔޭ ހުއްޓުވަން. އެ ނިޔަތުގައި އެ ކަމެއް ފަށައިގެން އެ ކަން ކުރީ،" ނާޒިލް ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީ އަކީ ދިވެހިން ބަލައިގަތް ދުވަހެއް ނޫން ކަން ފާހަގަކޮށް، ނާޒިލް ވަނީ އެ ދުވަހަކީ އަނިޔާވެރި ދުވަހެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
"ކްރިމިނަލް ކޯޓުގައި ހުރި ގާޒީއަކާ އަޅައިގަނެގެން ގޮސް، އެ ގާޒީގެ ކިބައިން ނުނެއްޓިގެން ގޮސް، މުޅި ސަރުކާރު އެއް ފުށުން އަނެއް ފުށަށް ޖެހިގެން ދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ،" ނާޒިލް ވިދާޅުވިއެވެ.
ނާޒިލް އިތުރަށް ވިދާޅުވީ އެ ދުވަހު ހިންގީ ބަގާވާތެއް ކަމަށާއި މިއަދާ ހަމައަށް ވެސް އެ ދުވަހު ހިންގި ބަގާވާތަށް އިންސާފު ލިބިފައިނުވާ ކަމަށެވެ.
"ބޮޑު ބަގާވާތެއް ހިންގީ، ބަގާވާތުގެ ވެރިން ހަގީގަތުގައި އޮންނަ ހުކުމަކީ ދަންޖެއްސުން، އެ ކަމެއް ނުކުރެވުނު، ކަން ކުރި ބަޔަކަށް ހައްގު އަދަބެއް ނުދެވުނު،" ނާޒިލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިންސާފުގެ ވާހަކަ ދައްކާއިރު، މިއަދު އެ ބަވާގާތް ކުރި ބަޔަކު ދަން ޖެއްސުނު ނަމަ އަޅުގަނޑުމެންނަށް އިންސާފު މިއޮތީ ކަށަވަރުވެ، ޔަގީންވެފަ."
ސިލްސިލާ ގޮތެއްގައި މާލެ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ހޫނުވެ ސިފައިންނާ ފުލުހުން މަގުމައްޗަށް ނިކުމެ އިހްތިޖާޖު ކުރަން ފެށުމާ އެކު ހަތެއް ފެބްރުއަރީ, 2012 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއެވެ. އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނު ވިދާޅުވީ އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތުގައި ކަމަށެވެ. އެއަށްފަހު ސަޕޯޓަރުންނާ އެކު މަގުމައްޗަށް ނިކުމެވަޑައިގެން ބޮޑު އެއްވުމެއް ބޭއްވިއެވެ.
އެމްޑީޕީގެ މެންބަރުން އަދިވެސް ގަބޫލުކުރާ ގޮތުގައި ފެބްރުއަރީ ހަތެއް، 2012 ގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވައި ވެރިކަން ބަދަލުވީ ބަގާވާތަކުންނެވެ.