ކުރީގެ މާލީ ވަޒީރު އަލީ ހާޝިމް އެމްއެމްއޭގެ ގަވަރުނަރަކަށް ހަމަޖައްސަނީ

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ހަމަޖެއްސުމަށް މަޖިލީހަށް ނަން ފޮނުއްވި އަލީ ހާޝިމް: އޭނާ ވަނީ 2008-2010 އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު ކަމަށް ހަމަޖައްސަން މަޖިލީހަށް ނަން ފޮނުއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްއޭގެ ގަވަރުނަރަކަށް އަލީ ހާޝިމްގެ ނަންފުޅު މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވިއިރު އޭނާ އަކީ، ކަންކަމުގައި ރައީސް ސޯލިހަށް ލަފާ އަރުވާ ކޮމިޓީގެ މެންބަރެކެވެ.

އަލީ ހާޝިމް ފިނޭންސް މިނިސްޓަރުކަން ކުރެއްވީ ރައީސް ނަޝީދުގެ ސަރުކާރުގައި 2008 އިން 2010އަށެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާޙިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަވަރުނަރުކަމަށް މަޖިލީހަށް ރުހުން ހޯދުމަށް އަލީ ހާޝިމްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވީ މިއަދު ކަމަށެވެ.

ގަރަވަރުނަރުކަމުގެ މަގާމު ހުސްވެފައިވަނީ، އެމަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިިދިޔަ މަހު 24 ވަނަ ދުވަހު ނަސީރު އިސްތިއުފާދެއްވި އިރު އެމްއެމްއޭގެ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތަށް އޭނާ ނުފޫޒު ފޯރުވަން އުޅުނު ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރެވެނިކޮށް ނަސީރު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އެކަމާ ގުޅިގެން އެމްއެމްއޭގެ ރަސްމީ ބަހެއް ވެސް އަދި ނަސީރުގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަނު ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 24 އޮގަސްޓު 2017 ގަ އެވެ. އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމު ހުސްވެފައި އޮންނަތާ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.

comment ކޮމެންޓް